ޓެކްސް ފައިސާ ނުދައްކާ އަދަދު 1 މިލިއަން ރުފިޔާ އަށްވުރެ އިތުރުވެފައިވާ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި
11 ނޮވެމްބަރު 2026 | ބުދަ 05:34ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނާއި އެސްއެމްއެސް މެދުވެރިކޮށް މީރާއިން ވަނީ އިންޒާރު ދީފައި. ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެންފޯސްމަންޓް ޕޮލިސީގެ ދަށުން ފިޔަވަޅު އަޅަމުންދާނެތީ، ވީ އެންމެ އަވަހަކަށް ޓެކްސް ބަޔާންތައް ހުށަހަޅައި ފައިސާ ދެއްކުމަށް އެ އިދާރާއިން އިލްތިމާސްކުރޭ


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) | މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން، އާންމުދާއިރާގެ ޖީއެސްޓީގެ ގޮތުގައި 1،000،000ރ (އެއް މިލިއަން ރުފިޔާ) އަށްވުރެ ގިނަ ފައިސާ ނުދައްކާ އޮތް 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި އެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި މިއީ 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރާއި ޑިސެންބަރު 2024 އިން ޖޫން 2026 ގެ ނިޔަލަށް އާންމުދާއިރާގެ ޖީއެސްޓީގެ ގޮތުގައި 1،000،000ރ (އެއް މިލިއަން ރުފިޔާ) އަށްވުރެ ގިނަ ފައިސާ ނުދައްކާ ހުރި ފަރާތްތަކެވެ.
ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތަކާއި، އެ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ވަނީ ކިޔާދީފަ އެވެ.
މީގެ އިތުރުން، އެސްއެމްއެސްގެ ޒަރިއްޔާއިން ވެސް އެ ފަރާތްތަކަށް އެ ކަން އަންގައިފައިވާނެ ކަމަށް މީރާއިން މައުލޫމާތުދެ އެވެ.
ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކްސް ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތުކުރުމެއްނެތި އަޅަމުން ގެންދާނެކަމަށް މީރާއިން މައުލޫމާތުދެ އެވެ.
އެހެންކަމުން، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކާ ފަރާތްތަކުން ލަސްނުކޮށް ޓެކްސް ދެއްކުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.









