އީގަލް ހިލްސްއަށް ރަސްމާލެއިން ބިން ދޭ މައްސަލައިގައި ވޯޓަކަށް ދާން ސަރުކާރު ފަސްޖެހެނީ ކޮރަޕްޝަނާއި ފަސާދަ އެކުލެވޭތީ: މެންބަރު މައުރޫފް
7 ނޮވެމްބަރު 2026 | ހޮނިހިރު 07:32ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދޭ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓަކަށް ދާން ސަރުކާރަށް ނުކެރެނީ އޭގައި ކޮރަޕްޝަނާއި ފަސާދަ އެކުލެވޭތީ ކަމަށް މެންބަރު މައުރޫފް ވިދާޅުވި. ދައުލަތުގެ ބޮޑު ބިމެއް ބޭރު ބަޔަކަށް ދާއިމީކޮށް ދޭއިރު، އެކަމުގެ ތަފްސީލުތައް ހާމަކޮށް ރައްޔިތުންގެ ޚިޔާލު ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވި


ހުކުރު ދުވަހުގެ ރޭ ބޭއްވި ކުއްލި ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދޭ ކަމަށް ބުނާ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓަކަށް ދާން ސަރުކާރަށް ނުކެރިގެން އުޅެނީ އޭގައި އޮޅުވާލުމާއި ކޮރަޕްޝަން އަދި ފަސާދަ އެކުލެވިގެންވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމުން ގާނޫނު ބުނާ ގޮތުން އޭގައި ހުރި ރަނގަޅާއި ގޯސް ދިވެހި ރައްޔިތުންނަށް ސާފުކޮށް ބުނެދޭންޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް މައުލޫމާތު ސާފުކޮށްދީފި ނަމަ، އެ މަޝްރޫއާ ދޭތެރޭ ރައްޔިތުން ގަބޫލުވެ ވޯޓުގައި ސަރުކާރަށް "އާނއެކޭ" ވެސް ބުނެދާނެ ކަމަށާއި، އެހެންވެއްޖެ ނަމަ އެ މަޝްރޫއު ސަރުކާރުން ހިންގަންވީ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިމަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުކެރެނީ މީގައި އޮޅުވާލުމާއި މަކަރާއި ކޮރަޕްޝަނާ އަދި ފަސާދަ ހިމެނޭތީ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.
އަޅުގަނޑުމެން މި ބުނަނީ މި މައުލޫމާތު ސާފުކޮށްދޭށޭ. ރައްޔިތުންގެ ކައިރިއަށް މި ވާހަކަތައް ހިފައިގެން އަންނާށޭ. މީގެ ޓްރާންސްޕޭރެންސީ ގާއިމުކޮށްދޭށޭ. މީގައި އޮތް އިގްތިސާދީ ވިޔަފާރި ފައިދާ ރައްޔިތުންނަށް ބުނެދޭށޭ. އޭރުން ފަހަރުގައި ރައްޔިތުން މިއާ އެއްބަސްވެދާނެޔޭ. އެއްބަސްވެ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް އާނއެކޭ ބުނެދާނެ. އެހެންވެއްޖެ ކަމުގައި ވާ ނަމަ، މި ޕްރޮޖެކްޓު ސަރުކާރުން ހިންގަންވީ. އެހެންނަމަވެސް، ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުކެރެނީ މީގައި އޮޅުވާލުމާ، މީގައި މަކަރާއި، މީގައި ކޮރަޕްޝަނާ، މީގައި ފަސާދަ ހިމެނޭތީއޭ އަޅުގަނޑުމެން މި ދަންނަވަނީ. އެއީ އަޅުގަނޑުމެންނަށް އޮތް ހައްގު ބަހެއްމައުރޫފް ޒާކިރު
މީގެ އިތުރުން މެންބަރު މައުރޫފް ވިދާޅުވީ، މީގެ ކުރިން 99 އަހަރަށް ކުއްޔަށް ދީފައި ހުރި ރިސޯޓުތަކާއި 40 އަހަރަށް ކުއްޔަށް ދީފައި ހުރި ފަޅުތަކުގައި ފެންނަ ނުފެންނަ ވޯޓަކަށް ނުދިޔައީ ކީއްވެގެންތޯ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ސުވާލުކުރައްވާ ކަމަށެވެ. ނަމަވެސް އޭރު އެ ބޭފުޅުންނަށް ވެސް އެ ފުރުސަތާއި ހައްގު އޮތް ކަމަށާއި، ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުކުމެ އިހުތިޖާޖު ކުރަންވީ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ނިކަގަހެއް ކަނޑަން ވެސް ފެންނަ ނުފެންނަ ވޯޓަށް އަހާފައިވާކަން ހަނދާންކޮށްދެއްވައި މެންބަރު މައުރޫފް ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ދައުލަތުގެ މިވަރުގެ ބޮޑު ބިމެއް ބޭރުގެ ބަޔަކަށް ހިލޭ ނުވަތަ ކުއްޔަށް ނަމަވެސް ތާއަބަދަށް އުމުރަށް ދޭއިރު ރައްޔިތުންގެ ކައިރީގައި އަހަން ޖެހޭނެ ކަމަށެވެ.











