ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނީ އިސްލާމީ ވަހުދަތު ފޮހެލަން: އަބްދުﷲ ރަޝީދު
6 ނޮވެމްބަރު 2026 | ހުކުރު 08:52ރާއްޖޭގެ އިސްލާމީ ވަހުދަތު ނައްތާލުމަށް ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުން ރާވައިގެން މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަބްދުﷲ ރަޝީދު ވިދާޅުވި. އަދި ރަސްމާލެ މަޝްރޫއަކީ ދިވެހިން އަޅުވެތިކޮށް ދީނީ އެއްބައިވަންތަކަން ފޮހެލުމަށް ހިންގާ ނުރައްކާތެރި މަސައްކަތެއް ކަމަށް ވިދާޅުވެ، އެ މަޝްރޫއު ހުއްޓުވުމަށް އޭނާ ވަނީ ގޮވާލައްވާފައި


ދިވެހީންގެ ބިން ދިވެހީންނަށް ކަވަރޭޖްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަބްދުﷲ ރަޝީދު ހަސަން ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރާސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދީގެން ކުރިއަށްގެންދާ މަޝްރޫއަކީ، މިގައުމުގައި އޮތް ސައްތައިން ސައްތަ މުސްލިމު ވަންތަކަމާއި އިސްލާމީ ވަހުދަތު ފޮހެލުމަށްޓަކައި ދުރާލާ ރާވައިގެން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަބްދުﷲ ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަ ދައްކަވަމުން އަބްދުﷲ ރަޝީދު ވިދާޅުވީ، ރާއްޖޭގައި އޮތް 900 އަހަރަށްވުރެ ދިގުވީ އިސްލާމީ ދައުލަތް ބަދަލުކުރުމަށްޓަކައި ދުނިޔޭގެ ޒަޔަނިސްޓު ސަރުކާރުތަކުން ކެނޑިނޭޅި ތަފާތު ގޮތްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ރަސްކަމުގެ ދުވަސްވަރު ވެސް ވެރިކަންތައް ބަދަލުކޮށްގެން އެފަދަ އެތައް ކަމެއް ހިންގާފައިވާ ކަމަށާއި، ބައެއް ވެރިކަންތައް ބަދަލުވެގެން 17 ނުވަތަ 18 އަހަރު ވަންދެން ޒަޔަނިސްޓުން ވެރިކަން ކުރި ނަމަވެސް، ރާއްޖޭގެ އިސްލާމީ ވަހުދަތާއި އިސްލާމްދީން ބަދަލުކުރެވޭ ހިސާބަށް ގޮސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިއަދު ދުނިޔެ ތަރައްގީވެގެން ގޮސް، ގައުމުތަކުގައި އޮންނަ އިސްލާމީ ވަހުދަތު ނަގާލައި، އިސްލާމްދީން ފޮހެލުމަށް ތަފާތު އުކުޅުތައް ބޭނުންކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން މީސްތަކުންގެ ވިސްނުމުގެ ތެރެއަށް ވަދެ، ހިތް ރުއްސައިގެން އެހެން ދީންތައް ފެތުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، ބޮޑެތި މަޝްރޫއުތަކުގެ ފަހަތުގައިވާ މަގުސަދާމެދު އަބްދުﷲ ރަޝީދު ސުވާލު އުފެއްދެވި އެވެ.
ދުނިޔޭގެ ކޮން ގައުމެއްގައިތޯ ކުޑަކުޑަ މިކަހަލަ ޕްރޮޖެކްޓަކާ ގުޅިގެން އެ ޕްރޮޖެކްޓު ހިންގާ ފަރާތުގެ ބޮޑެތި ވެރިން، ބޮޑެތި ބިލިއަނަރުން ފެންވަރުގެ މީހުން އައިސް މި ކުޑަކުޑަ ފުނަވަރަށެއްވަރުގެ ގައުމެއްގައި ތިބި މި ދެތިން ލައްކައެއްހާ މީހުން އަޅުވެތި ކުރުމަށްޓަކައި އެ މީހުންގެ ތެރޭގައި ބަސްކިޔަން ތިބި، އެ މީހުންގެ ގާނޫނު ހަދަން ތިބި އެ މީހުންގެ ވެރިންނަށް ތިބި މީހުންނަށް މިލިއަނުން، ބިލިއަނުން ރުފިޔާ އަޅައިގެން މިކަން ކުރުމުގެ ބޭނުމަކީ ކޮބައިތޯ؟އަބްދުﷲ ރަޝީދު ހަސަން
އަބްދުﷲ ރަޝީދު ވިދާޅުވީ މި ހުރިހާ ކަމެއްގެ ވެސް ހަގީގަތަކީ އަދި ހުރިހާ ވެސް މަގުސަދަކީ ރާއްޖޭގައި އޮތް ސައްތައިން ސައްތަ އިސްލާމީ ނަން ކަނޑުވާލައި، ބަދަލުކުރުން ކަމަށެވެ.
މީގެ އިތުރުން އަބްދުﷲ ރަޝީދު ވިދާޅުވީ، ރަސްމާލޭގެ މަޝްރޫއުގައި ފޮރުވިފައިވާ ގިނަކަން އެބަހުރި ކަމަށާއި، މިއީ ރާއްޖޭގެ ތަރައްގީއަށް ރައްޔިތުންގެ ކުރިއެރުމަށް ހިންގާ މަޝްރޫއެއް ނޫން ކަމަށެވެ. އަދި މި މަޝްރޫއު ދިވެހީން ނުކުމެ ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.











