ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި
7 ނޮވެމްބަރު 2026 | ހޮނިހިރު 06:19ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނޭ


މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެފައި
ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން، ހޮނިހިރު ދުވަހުން ފެށިގެން 11 ނޮވެންބަރުގެ ނިޔަލަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެ އިދާރާއިން ބުނެ އެވެ.
މީގެ އިތުރުން އެ އިދާރާއިން ބުނީ، ހޮނިހިރު ދުވަހުގެ ހެނދުނު 10:00ން އާދިއްތަ ދުވަހުގެ ހެނދުނު 10:00ށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެން ވާ ކަމަށެވެ. އަދި އެއިދާރާއިން ވަނީ ހޮނިހިރު ދުވަހުގެ 4:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ވައިޓް އެލާޓް ވެސް ނެރިފަ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، އާދައިގެ ވަަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 5 ނުވަތަ 2 ފޫޓު ހުންނާނެ ކަމަށެވެ.
އެހެންކަމުން، އެންމެހައި ފަރާތްތަކުން އެންމެ ފަހުގެ މޫސުމީ މައުލޫމާތުތަކަށް ސަމާލުވުމަށާއި، ވިއްސާރައާ ގުޅިގެން ކުރިމަތިވެދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ. ރަށު ތެރެ ފެން ބޮޑުވެ ގެތަކަށް ފެންވަދެ، ހިފައިގެންގުޅޭ އާލަތްތަކަށް ގެއްލުންވުމާއި، ކަރަންޓު ކެނޑުމާއި، ރުށްގަސްތައް ވެއްޓުން ފަދަ ހާދިސާތައް ހިނގާފައިވެ އެވެ.










