ހއ. އިން ފެށިގެން ދ. އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފި
24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 14:02ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައި. މި ވިއްސާރައިގައި ރަށްރަށުގައި ފެންބޮޑުވެ، ތަކެއްޗަށް ގެއްލުންވެ އަދި ކަނޑުމަތީގެ ހާދިސާތައް ހިނގަމުންދާތީ، ކަނޑުދަތުރުކުރާ ފަރާތްތަކާއި އާންމު ރައްޔިތުން މޫސުމަށް ޚާއްސަ ސަމާލުކަމެއްދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައި


ވިއްސާރައިގެ ތެރެއިން މާލޭ މަގު މަތީގައި ސައިކަލުގައި ބަޔަކު ދަތުރުކުރާ މަންޒަރު | ސޯޝަލް މީޑިއާ
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފި އެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ހަވީރު 04:00 އިން ފެށިގެން ބުރާސްފަތި ދުވަހުގެރޭ 10:00 އާ ދެމެދު ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި އާންމު ގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.









