ވޭމަންޑޫގެ އައު ހޮސްޕިޓަލް ވެގެންދާނީ މުޅި ސަރަހައްދަށް ވެސް އިތުބާރުހުރި އިމާރާތަކަށް: ކުވެއިތު ފަންޑު
6 ނޮވެމްބަރު 2026 | ހުކުރު 07:30ވޭމަންޑޫގައި އައު ހޮސްޕިޓަލެއް އިމާރާތްކުރުމަށް ކުވެއިތު ފަންޑުން 9.7 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި. މިއީ އެ ފަންޑުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ދިން ފުރަތަމަ ލޯނު އެހީ ކަމަށްވާއިރު، އަންނަ އަހަރުން ފެށިގެން ރާއްޖެއަށް ކަނޑައަޅާފައިވާ އަހަރީ ލޯނު ލިމިޓް 40 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވެސް ނިންމާފައިވޭ. މި މަޝްރޫއުގެ ސަބަބުން އަތޮޅުތެރޭގެ ސިއްހީ ޚިދުމަތްތައް ހަރުދަނާވެ، ފަރުވާއަށް މާލެއަށް ކުރަންޖެހޭ ދަތުރުތައް މަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނޭ


ތ. ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލް ތަރައްގީ ކުރުމަށްޓަކައި ދިވެހި ސަރުކާރާއި ކުވެއިތު ފަންޑާ ދެމެދު ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން | ފިނޭންސް މިނިސްޓްރީ
ތ. ވޭމަންޑޫގައި އަލަށް އިމާރާތްކުރެވޭ ހޮސްޕިޓަލް ވެގެންދާނީ މުޅި އެ ސަރަހައްދަށް ވެސް އިތުބާރުހުރި، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ މުހިންމު އިމާރާތަކަށް ކަމަށް ކުވެއިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) ގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ރަޝައިދު އަލްބަދަރް ވިދާޅުވެއްޖެ އެވެ.
އަލްބަދަރް މިހެން ވިދާޅުވީ ތ. ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލް ތަރައްގީ ކުރުމަށްޓަކައި ދިވެހި ސަރުކާރާއި ކުވެއިތު ފަންޑާ ދެމެދު ވެވުނު 3 މިލިއަން ކުވައިތީ ދީނާރު (ގާތްގަނޑަކަށް 9.7 މިލިއަން އެމެރިކާ ޑޮލަރު) ގެ ލޯނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގަ އެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގައި ބޭއްވި މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލްބަދަރް ވިދާޅުވީ، ރާއްޖޭގެ ގައުމީ ތަރައްގީގައި އެންމެ އިސްކަންދޭ ދާއިރާތަކަށް އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށާއި، މިއީ އެ ފަންޑުން ރާއްޖެއަށް ދޫކުރި 15 ވަނަ ލޯނު ކަމަށެވެ. އަދި މިއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުވެއިތު ފަންޑުން އިންވެސްޓްކުރި ފުރަތަމަ ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، 1976 ވަނަ އަހަރުން ފެށިގެން އެ ފަންޑުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭތާ 50 އަހަރު ފުރިފައިވާކަން ފާހަގަކުރައްވައި އަލްބަދަރް ވިދާޅުވީ، ވޭތުވެދިޔަ މުއްދަތުގައި 185 މިލިއަން އެމެރިކާ ޑޮލަރުގެ 14 ލޯނެއް ދޫކޮށްފައިވާ ކަމަށެވެ. އަދި ހިލޭ އެހީއާއި ފަންނީ އެހީގެ ގޮތުގައި 5.7 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޒަރީރު ވަނީ ރާއްޖޭގެ ތަރައްގީއަށް ކުވައިތު ފަންޑުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.
އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ މަޝްރޫއުތަކާއި އައު ޓާމިނަލްގެ މަސައްކަތުގެ އިތުރުން ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ، މިއީ ހަމައެކަނި އިމާރާތެއް އެޅުމަށް ވެވުނު އެއްބަސްވުމެއް ނޫން ކަމަށާއި، މިއީ ރައްޔިތުންގެ ދުޅަހެޔޮކަމާއި މުސްތަގުބަލަށްޓަކައި ކުރެވުނު މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށަކުން ފެންވަރު ރަނގަޅު، ހަމަހަމަ ސިއްހީ ޚިދުމަތެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމަށްވެސް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ތ. އަތޮޅުގައި ލާމަރުކަޒީ އުސޫލުން ސެކަންޑަރީ ފެންވަރުގެ ސިއްހީ ޚިދުމަތް ގާއިމުކޮށް، ފަރުވާއަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކާއި ޚަރަދުތައް ކުޑަ ކުރުން ކަމަށެވެ. މި ޚިދުމަތުގެ ފައިދާ އެ އަތޮޅުގެ ރައްޔިތުންގެ އިތުރުން އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ވޭމަންޑޫ ހޮސްޕިޓަލް މަޝްރޫއަށް މި ލޯނު ހަމަޖެހިފައިވަނީ ކުވެއިތު ފަންޑުން ރާއްޖެއަށް ކޮންމެ އަހަރަކަށް ކަނޑައަޅާފައިވާ 10 މިލިއަން އެމެރިކާ ޑޮލަރުގެ ކަންޓްރީ ލިމިޓްގެ ދަށުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި އިހުތިރާމުގެ ބައްދަލުވުމުގައި އަލްބަދަރް ވަނީ، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވާފައިވާ ކަންކަމަށް ރިއާޔަތްކުރައްވައި، އަންނަ އަހަރުން ފެށިގެން ރާއްޖޭގެ އެނުއަލް ކަންޓްރީ ލިމިޓު ގާތްގަނޑަކަށް 10 މިލިއަން ޑޮލަރުން 40 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އެ ފަންޑުން ނިންމާފައިވާކަން ވެސް ހާމަކުރައްވާފަ އެވެ.
މީގެއިތުރުން، އަންނަ އަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތިލަފުށީ ބަނދަރު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއަށް ފައިނޭންސް ކުރުމުގައި ބައިވެރިވުމަށް މިނިސްޓަރު އެދިވަޑައިގަންނަވާފައިވާތީ، އެކަމާ ގުޅޭ އެންމެހާ ކަންކަމުގެ މަޝްވަރާތަކާއި ތައްޔާރީތައް މިހާރުން މިހާރަށް ފަށާނެ ކަމަށް ވެސް އަލްބަދަރް ވިދާޅުވި އެވެ.










