ޔުނެސްކޯގެ ބައިނަލްއަޤްވާމީ ދެ މުއާހަދާއެއްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
3 ނޮވެމްބަރު 2026 | އަންގާރަ 04:13މަތީ ތައުލީމުގެ ސަނަދުތައް ބަލައިގަތުމާ ގުޅޭ ޔުނެސްކޯގެ ދެ މުއާހަދާއެއްގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެން، އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ވަނީ ނިންމަވާފައި. މި މުއާހަދާތަކުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމު ބައިނަލްއަޤްވާމީ ފެންވަރަށް ކުރިއަރައި، ދަރިވަރުންނާއި މުވައްޒަފުންގެ ދަތުރުފަތުރަށާއި ސަނަދުތައް ބަދަލުކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނޭ


ޔުނެސްކޯގެ ބައިނަލްއަޤްވާމީ ދެ މުއާހަދާއެއްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި | ރައީސް އޮފީސް
ޔުނެސްކޯގެ ބައިނަލްއަޤްވާމީ ދެ މުއާހަދާ، "އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް އިން ހަޔަރ އެޑިއުކޭޝަން" (ޓޯކިޔޯ ކޮންވެންޝަން) އަދި ޔުނެސްކޯގެ "ގްލޯބަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް ކޮންސަރނިންގ ހަޔަރ އެޑިއުކޭޝަން" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ މި މަހުގެ 1 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ.
މިކަމަކީ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ، އެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހުށަހެޅުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަން ރައީސް އޮފީހުން ފާހަގަ ކުރެ އެވެ.
މި ދެ މުއާހަދާގައި ބައިވެރިވުމާމެދު ޔުނެސްކޯއިން ވަނީ "ނޭޝަނަލް އެސެސްމަންޓް އޮފް ދަ ބެނެފިޓްސް އެންޑް އިމްޕްލިކޭޝަންސް އޮފް ރެޓިފައިންގ ދަ ގްލޯބަލް ކޮންވެންޝަން އެންޑް ޓޯކްޔޯ ކޮންވެންޝަން" ގެ ނަމުގައި ޤައުމީ އެސެސްމަންޓެއް ހަދާފަ އެވެ.
މީގެއިތުރުން ޔުނެސްކޯއާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގުޅިގެން ވަނީ މިކަމާ ގުޅުންހުރި ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދުމަށް މިޝަނެއް ކުރިއަށްގެންގޮސް، ދާއިރާގެ އެކިއެކި ފަރާތްތައް ހިމެނޭ ފޯކަސް ގްރޫޕްގެ ބައްދަލުވުންތަކެއް ވެސް ބާއްވާފައިވެ އެވެ.
ޔުނެސްކޯގެ މި އެސެސްމަންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި، މި މުއާހަދާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާ ބައިނަލްއަގުވާމީ ފެންވަރަށް ގެންދިއުމަށް ފަސޭހަވެގެންދާނެ އެވެ. އަދި ރާއްޖެއިން ބޭރުގެ ދަރިވަރުންނާއި މުވައްޒަފުން ރާއްޖެއައުމަށް ފަސޭހަވެގެންދާނެ އެވެ. މީގެއިތުރުން ބޭރަށް ދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް، ދިވެހިރާއްޖެއިން ބޭރަށްގޮސް ކިޔެވުމަށްފަހު ބޭރުގެ ސަނަދަކާއެކު ރާއްޖެއަށް އެނބުރި އައުމުގެ ފުރުޞަތު ލިބިގެންދާނެކަން ފާހަގަކޮށްފައިވާކަމަށް ރައީސް އޮފީހުން ބުނެ އެވެ.










