އެމެރިކާގެ އަސްކަރީ އިތުރު ޑްރޯނެއް ހިފެހެއްޓި ކަމަށް ތެހެރާނުން ބުނެފި، އެމެރިކާއިން ބުނީ ދޮގެކޭ!
31 އޮކްޓޯބަރު 2026 | ހޮނިހިރު 04:03އިލެކްޓްރޯނިކް ވޯފެއާ ބޭނުންކޮށްގެން އެމެރިކާގެ ޑްރޯންތަކެއް އަތުލައިގަނެފައިވާ ކަމަށް އީރާނުން ބުނި ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އެކަން ދޮގުކޮށްފައި. މި ހާދިސާތަކާ ގުޅިގެން ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެފައިވާއިރު، މިއީ އީރާނުގެ ދިފާޢީ ނިޒާމުތައް ދެނެގަތުމަށް އެމެރިކާއިން ކުރި މަސައްކަތެއް ކަމަށް އީރާނުން ތުހުމަތުކުރޭ


އީރާނުގެ އައިއާރްޖިސީން ވައްޓައިލާފައިވާ ކަމަށް ބުނާ އެމެރިކާގެ އަސްކަރިއްޔާގެ 'އެމްކިއުއެމް-170' އައުޓްލޯ މަރުކާގެ ޖާސޫސީ ޑްރޯނެއް | ޑަބްލިއުއޭއެންއޭ ނޫސް އޭޖެންސީ
ހުރްމުޒް ކަނޑުއޮޅީގައި އޮންނަ ޤެޝްމު ޖަޒީރާ ކައިރިން އެމެރިކާގެ އަސްކަރީ ޑްރޯނެއް ވައްޓާލައި، އަތުލައިގެންފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯއިން (އައިއާރްޖީސީ) ބުނެފި އެވެ. މި ކަން ރިޕޯޓުކޮށްފައި ވަނީ އީރާނުގެ ދައުލަތުގެ އައިއާރްއެންއޭ ނޫސް އޭޖެންސީނެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ ކުރިއަރާފައިވާ ޒަމާނީ އިލެކްޓްރޯނިކް ވޯފެއާ ނިޒާމުތައް ބޭނުންކޮށްގެން ކަމަށް އައިއާރްޖީސީން ބުންޏެވެ.
އައިއާރްޖީސީގެ އޭރޯސްޕޭސް ފޯސްއިން އެމެރިކާގެ 'އެމްކިއުއެމް-170' މަރުކާގެ މި ޑްރޯން ޤެޝްމު ޖަޒީރާގެ މަތިން ވައްޓާލީ ހުކުރު ދުވަހު ކަމަށް އިރްނާއިން ބުންޏެވެ. މިއީ، އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތުން އޮއްވައި، އައިއާރްޖީސީގެ ސިފައިން މި ބާވަތުގެ ޑްރޯނެއް ކޮންޓުރޯލުގެ ދަށަށް ގެނައި ދެވަނަ ފަހަރު ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ބުރާސްފަތި ދުވަހު ހުރްމުޒް ކަނޑުއޮޅީގެ ހުޅަނގު ސަރަހައްދުން އެމެރިކާގެ 'އެމްކިއުއެމް-170' މަރުކާގެ ޑްރޯނެއްގެ ކޮންޓުރޯލު އިލެކްޓްރޯނިކް ވޯފެއާ އޮޕަރޭޝަނެއްގެ ތެރެއިން އަތުލައިގަނެ، އެއްވެސް ގެއްލުމެއް ނެތި ބިމަށް ބާލާފައިވާ ކަމަށް އައިއާރްޖީސީގެ ކަނޑުގެ ލަޝްކަރުން ވަނީ ބުނެފަ އެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، މި ޑްރޯން ހަރަކާތްތެރިވަމުން ދިޔައީ ގަލްފުގެ އައްސޭރިފަށާއި ހުރްމުޒް ކަނޑުއޮޅީގައި ގާއިމުކޮށްފައިވާ އީރާނުގެ ވައިގެ ދިފާޢީ ނިޒާމުތައް ދެނެގަތުމަށެވެ.
ނަމަވެސް، ބުރާސްފަތި ދުވަހު އީރާނުން ދެއްކި ވާހަކަތައް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ދޮގުކޮށްފަ އެވެ. މި ގޮތުން އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާނު ކެޕްޓަން ޓިމް ހޯކިންސް ވަނީ އީރާނުގެ މި ދައުވާތައް ދޮގުކުރައްވައި، އެއީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށް ވިދާޅުވެފަ އެވެ. ވަކިން ހިނގި އެހެން ހާދިސާއެއްގައި، ބުރާސްފަތި ދުވަހު ހުރްމުޒް ކަނޑުއޮޅި ކައިރިން އެމެރިކާގެ 'އެމްކިއު-1' މަރުކާގެ ޑްރޯނެއް ހުއްޓުވައި، ހަލާކުކޮށްލާފައިވާ ކަމަށް ވެސް އީރާނުގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ.
މި ކުރިމަތިލުންތައް ހިނގަމުން މި ދަނީ ދުނިޔޭގެ ހަކަތައިގެ މައިގަނޑު ޝިޕްމަންޓްތައް އުފުލާ އިސްތިރާޖީ ގޮތުން މުހިންމު މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ ސަބަބުން އީރާނާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެމެރިކާއާއި އިސްރާއީލުން ފެބުރުވަރީ 28 ގައި އީރާނަށް ދެކޮޅަށް ފެށި ޣައިރުގާނޫނީ ހަނގުރާމައާ ގުޅިގެން، މުޅި ސަރަހައްދަށް އީރާނުގެ ބަދަލުހިފުމުގެ ހަމަލާތައް ފުޅާވެގެން ދިޔަ އެވެ. މިއާއެކު، ސިޔާސީ ގޮތުން މަޝްވަރާތަކެއް ކުރެވި، ޖޫން މަހު ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެވުނު ނަމަވެސް، ކަނޑުއޮޅީގެ ސަލާމަތީ އިންތިޒާމުތަކާއި ކަނޑު ދަތުރުފަތުރާ ގުޅޭގޮތުން އުފެދިފައިވާ ނުތަނަވަސްކަން އަދިވެސް ދަނީ ދެމިއޮންނަމުންނެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











