ހުރްމުޒް ކަނޑުއޮޅި ކައިރިން "ދުޝްމަނުންގެ" އަސްކަރީ މަތިންދާބޯޓެއް ފަހާލައިފި
30 އޮކްޓޯބަރު 2026 | ހުކުރު 06:58ހުރްމުޒް ކަނޑުއޮޅީގައި ހުއްދައަކާ ނުލައި ދަތުރުކުރި އަސްކަރީ އުޅަނދުތަކަކަށް އަމާޒުކޮށް އީރާނުން އިންޒާރުގެ ހަމަލާތަކެއް ދީފައިވާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި. ޤެޝްމް ޖަޒީރާ ސަރަހައްދުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި، ވައިގެ ދިފާޢީ ނިޒާމުތައް ހަރަކާތްތެރިވި ނަމަވެސް، މި ހާދިސާއާ ގުޅޭގޮތުން އީރާނުގެ ރަސްމީ އިދާރާތަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވޭ


އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއިން އެމެރިކާގެ އަސްކަރިއްޔާގެ އެފް-16 މަރުކާގެ މަތިންދާބޯޓެއް ހަރަކާތްތެރި ވަނީ | ސެންޓްކޮމް
ހުރްމުޒް ކަނޑުއޮޅީގައި އޮންނަ ޤެޝްމް ޖަޒީރާ ކައިރިން ދަތުރުކުރި "ދުޝްމަނުންގެ" އަސްކަރީ މަތިންދާބޯޓެއް، އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯގެ (އައިއާރްޖީސީ) އޭރޯސްޕޭސް ފޯސްއިން ހުއްޓުވާފައިވާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފި އެވެ. މިއީ، އެ ސަރަހައްދުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި، ވައިގެ ދިފާޢީ ނިޒާމުތައް ހަރަކާތްތެރިވި ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް ހިނގި ހާދިސާއެކެވެ.
މަސްދަރުތަކާ ހަވާލާދީ އީރާނުގެ ތަސްނީމް އަދި މެހެރް ނޫސް އޭޖެންސީން ބުނީ، އައިއާރްޖީސީގެ އޭރޯސްޕޭސް ފޯސްއިން އެ މަތިންދާބޯޓު ހުއްޓުވައި، އެ ސަރަހައްދު ދޫކޮށް ދިއުމަށް މަޖުބޫރުކުރުވި ކަމަށެވެ. ނަމަވެސް، މި ހާދިސާއާ ގުޅޭގޮތުން ރަސްމީ އެއްވެސް އިޢުލާނެއް ނެރެފައި ނުވާކަން ފާހަގަކޮށް، އެ ބޯޓަކީ ކޮން ޤައުމަކަށް ނިސްބަތްވާ އަދި ކޮން މަރުކާއެއްގެ އަސްކަރީ އުޅަނދެއްކަން އެ އޭޖެންސީތަކުން ސާފުކޮށްދީފައެއް ނުވެ އެވެ.
ހުރްމުޒް ކަނޑުއޮޅި ކައިރިން، ޚާއްސަކޮށް ސީރީކް އަދި ޤެޝްމް ޖަޒީރާގެ ކަނޑުގެ ސަރަހައްދުން ގިނަ އަދަދެއްގެ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް އީރާނުގެ ފާރްސް ނޫސް އޭޖެންސީން ވެސް ރިޕޯޓުކޮށްފައިވެ އެވެ. އެ ސަރަހައްދުގެ މަސްދަރުތަކާ ހަވާލާދީ އެ އޭޖެންސީން ބުނީ، ޤެޝްމް ރަށުގެ ރައްޔިތުންނަށް އުޑުމަތިން އަލިގުޅަތަކެއް ފެނި، ގޮވުންތަކެއްގެ އަޑު އިވުނު ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ހަމަމިއާއެކު، ވައިގެ ދިފާޢީ ނިޒާމުތައް ހަރަކާތްތެރިވި ކަމަށް ބައެއް މަސްދަރުތަކުން ބުނެފައިވާ ކަމަށް ވެސް އެ އޭޖެންސީން ފާހަގަކުރި އެވެ.
އިބްތިދާއީ ހޯދުންތަކުން ދައްކާ ގޮތުގައި، އިވުނު ބައެއް އަޑުތަކަކީ ހުރްމުޒް ކަނޑުއޮޅީގައި ހުއްދައަކާ ނުލައި ދަތުރުކުރި ކަމަށް ބުނާ އުޅަނދުތަކަކަށް އަމާޒުކޮށް ދިން އިންޒާރުގެ ހަމަލާތަކަކާ ގުޅިގެން އުފެދުނު އަޑުތަކެއް ކަމަށް އެ އޭޖެންސީން ބުންޏެވެ. އިރާނުގެ އެއްވެސް ރަސްމީ އިދާރާތަކުން މި ކަމާ ގުޅޭ ތަފުސީލު ހާމަކޮށްފައެއް ނުވެ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











