ފުލުހުންގެ އެންގުމަށް ނުކިޔަމަންތެރިވެ ބެރިކޭޑުގައި ޖެހި އެކްސިޑެންޓުވި މީހަކު ޑްރަގާއެކު ހައްޔަރުކޮށްފި
2 ނޮވެމްބަރު 2026 | ހޯމަ 05:42ސިނަމާލޭ ބްރިޖު ހައިވޭގައި ފުލުހުންގެ އެންގުމަށް ނުކިޔަމަންތެރިވެ ފިލަން އުޅުމުގެ ތެރޭގައި ބެރިކޭޑެއްގައި ޖެހި އެކްސިޑެންޓުވި ނ. ވެލިދޫ، އިބްރާހީމް އަޒުލިފްގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފި. މި ހާދިސާއަށްފަހު އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ފެނިފައިވާއިރު، އެ ތަކެއްޗަކީ އަމިއްލަ ބޭނުމަށް ގެންގުޅުނު އެއްޗެހި ކަމަށް އޭނާ ވަނީ ކޯޓުގައި އެއްބަސްވެފައި


މަޑުކުރަން ބުނީމާ ބެރިކޭޑު ފަޅާލާފައި ދާން އުޅުނު ޒުވާނާ އެކްސިޑެންޓުވެ، ފަސްބައިން 8 ޕެކެޓު ޑްރަގު ފަޅާއަރައިފި | މޯލްޑިވްސް ޕޮލިސް
ސިނަމާލޭ ބްރިޖާ ގުޅިފައިވާ ހައިވޭއިން ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުންދާތީ މަޑުކުރަން ފުލުހުން އެންގުމުން، އެ އެންގުމަށް ނުކިޔަމަންތެރިވެ ފިލަން އުޅުމުގެ ތެރޭގައި ފުލުހުންގެ ބެރިކޭޑުގައި ޖެހި އެކްސިޑެންޓުވި މީހެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެ އެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ރަންފަސް، އިބްރާހީމް އަޒުލިފް ހުސެއިން (30 އ) އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، އޭނާ ހައިވޭއިން ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ގޮސް ފުލުހުންގެ ބެރިކޭޑުގައި ޖެހި އެކްސިޑެންޓުވީ އެވެ. އެކްސިޑެންޓަށް ފަހު އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 8 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.
ކޯޓުގައި އޭނާ ވަނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށާއި އޭނާގެ އަތުން ފެނުނީ އަމިއްލައަށް ބޭނުންކުރަން ގެންގުޅުނު އެއްޗެހި ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އޭނާ ގެންގުޅުނީ އެންމެ ދެ ރަބަރު ޕެކެޓު ކަމަށް ބުނެ އޭނާ ވަނީ ފެނުނު ޕެކެޓުގެ އަދަދާ މެދު އިންކާރުކޮށްފަ އެވެ.










