ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލައިގައި ވަކީލަކު އައްޔަނުކުރުމަށް މޭޔަރު ސައުދުއަށް ފުރުސަތު ދީފި
1 ނޮވެމްބަރު 2026 | އާދީއްތަ 09:32ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް އާބާދީގެ ދޮގު މައުލޫމާތު ދިންކަމުގެ ތުހުމަތުގައި މޭޔަރު ސައުދު އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފި. މި މައްސަލައިގައި ވަކީލަކު އައްޔަނުކޮށް ޖަވާބުދާރީވުމަށް ކޯޓުން ފުރުސަތު ދީފައިވާއިރު، އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވުމަށާއި ހެކި ހާމަކުރުމަށް ގާޒީ ވަނީ އަމުރުކުރައްވާފައި


ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ދައުލަތުގެ އިދާރާތަކަށް ހުށަހެޅިކަމަށް ތުހުމަތުކޮށް، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް | ރާއްޖެ އެމްވީ
ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ދައުލަތުގެ އިދާރާތަކަށް ހުށަހެޅިކަމަށް ތުހުމަތުކޮށް، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފި އެވެ.
މި އަޑުއެހުމުގައި ދައުލަތުން ވަނީ ސައުދުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާ ސާފުކޮށްދެއްވާފަ އެވެ. އަދި ކުށް ސާބިތުވާ ޙާލަތުގައި އަންނާނެ އަދަބު ދައުލަތުން ކިޔާދީފައިވެ އެވެ.
މި މައްސަލައިގައި ސައުދުގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ސައްޙަ ނޫން ލިއުމެއް ދިނުމުގެ ކުށުގެ ދައުވާއާއި، ރަސްމީ އިދާރާއަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، އިއުތިރާފުގެ އެއްބަސްވުމަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށާއި، އިބްތިދާއީ އަޑުއެހުމުގައި އިއުތިރާފު އެއްބަސްވުމުގެ ދަށުން އަދަބު ކަނޑައަޅާނަމަ އެނގިހުރެ ސައްޙަ ނޫން ލިއުމެއް ދިނުމުގެ ކުށުގެ ދައުވާގެ އަދަބު 1 އަހަރާއި 12 ދުވަހަށް ކުޑަވާނެ ކަމަށެވެ. އަދި ރަސްމީ އިދާރާއަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ އަދަބު 3 މަހަށް ކުޑަވާނެކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވި އެވެ.
ދައުލަތުން ދައުވާ ހުށަހެޅުމުން ސައުދު ވިދާޅުވީ، ލިއެކިއުންތައް ދިރާސާ ކުރުމަށާއި، ވަކީލަކު އައްޔަނު ކުރުމަށް ވަގުތު ބޭނުންވާ ކަމަށާއި، އެ ފުރުސަތު ދިނުމަށް އެދޭކަމަށެވެ. ހަމައެއާއެކު، މޭޔަރުގެ ހައިސިއްޔަތުން މަސައްކަތްތައް ބޭސްވެފައި ހުރީ ތިނަދޫގައި ކަމަށާއި، ރަސްމީ މަސައްކަތުގެ ހައިސިއްޔަތުން ލަސްތަކެއް އައިސްފައިވާ ކަމަށެވެ.
ގާޒީ ވިދާޅުވީ، 5 އޮކްޓޯބަރުގައި ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު ދެވިފައިވާނެ ކަމަށެވެ. އަދި އޭގެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތުން ހާޒިރުވެފައިނުވާކަން ފާހަގަ ކުރައްވައި ގާޒީ ވިދާޅުވީ، ޝަރީއަތަށް ޤަބޫލު ކުރެވޭ އުޒުރެއްވެސް ނެތި، މައްސަލައިގައި ހާޒިރު ވެވޭކަން ނުވަތަ ނޫންކަން ދުރާލާ އެންގިފައި ނެތުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ. އަދި ޝަރީއަތުން އަމުރެއް ފޮނުވުމުން، އެ އަމުރަކަށް އިހުތިރާމު ކުރަންޖެހޭނެކަންވެސް ގާޒީ ފާހަގަ ކުރެއްވި އެވެ.
ގާޒީ ވިދާޅުވީ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު މައްސަލައިގެ އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ. އަދި އެ ދުވަހުގެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވާން ވާނެކަމަށް ގާޒީ ވިދާޅުވި އެވެ. ގާޒީ ވަނީ އެ ދުވަހު މައްސަލައިގެ ހެކި ހާމަ ކުރަންވެސް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފަ އެވެ.
އެ ދުވަހު ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭގޮތުންވެސް ގޮތް ނިންމަވާނެކަމަށް ގާޒީ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަހުމަދު ޝާފިއު އެވެ.











