މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި 3 ޒުވާނުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
31 އޮކްޓޯބަރު 2026 | ހޮނިހިރު 08:22ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 20 އަހަރުގެ އަހުމަދު އާހިލް މުނާޒު 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި. މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ލ. ގަމަށް ނިސްބަތްވާ އިތުރު ދެ ޒުވާނަކު 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވެސް ކޯޓުން ނިންމާފައިވޭ


ކްރިމިނަލް ކޯޓުގެ އިމާރާތް | ސޯޝަލް މީޑިއާ
މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި 3 ޒުވާނުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި، މި އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު، ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ހ.ފޯސީޒަން/ކ.މާލެ، 20 އަހަރުގެ އަހުމަދު އާހިލް މުނާޒު އެވެ.
ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު، ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހާފަ އެވެ.
ކްރިމިނަލް ކޯޓުން ބުނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ހެކިންގެ ބަޔާން، ދިވެހި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު، އަނިޔާލިބުނު ފަރާތްތަކަށް ލިބިފައިވާ އަނިޔާގެ ފޮޓޯތައް، ސީންގެ ފޮޓޯ، ސީސީޓީވީ ފުޓޭޖްގެ ސްނެޕް ޝޮޓްތައް ހުށަހަޅާފައިވެ އެވެ.
ބަންދުގައި ބަހައްޓަންޖެހޭ ހަލަތާ ގުޅޭގޮތުން ކޯޓުން ބުނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ 58 ވަނަ މާއްދާގެ (ހ) އާއި (ށ)ގެ ދަށުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ބަންދު ކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން މާރާމާރީ ހިންގައި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައި، ތުނޑި، ވީނަސްއަލި، ލ.ގަން، 20 އަހަރުގެ އައްމާރު އަބްދުލްފައްތާހު އާއި ހިމާޔަތް، ތުނޑި، ލ.ގަން، 18 އަހަރުގެ އަލީ އަންސާރު އިބްރާހީމް 5 ދުވަސް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ.
އެ ޒުވާނުންގެ މައްޗަށް ވެސް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓުން ބުނެފައިވެ އެވެ.










