އެމްޕީއެލްގެ ޕްރޮކިއުމަންޓް އިސްވެރިޔަކާއި، ތެޔޮ ބައުޒަރުގެ ޑްރައިވަރު ގުޅިގެން ހަތްލައްކައަށްވުރެ ގިނަ ލީޓަރުގެ ތެލަށް ޚިޔާނާތްތެރިވި މައްސަލަ ސާބިތުވެ، 8 އަހަރަށް ޖަލަށް
30 އޮކްޓޯބަރު 2026 | ހުކުރު 06:29އެމްޕީއެލްގެ ޕްރޮކިއުމަންޓް ޗީފް މެނޭޖަރާއި ބިދޭސީއަކު ގުޅިގެން ހަތްލައްކައަށްވުރެ ގިނަ ލީޓަރުގެ ތެލަށް ޚިޔާނާތްތެރިވި މައްސަލަ ސާބިތުވެ، އެ ދެމީހުން 8 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި. މި މައްސަލައިގައި ގެއްލުނު ތެލުގެ އަގަށްވާ 6.7 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް އަމުރުކުރުމުގެ އިތުރުން، ލިޔެކިޔުން އޮޅުވާލި ކުށުގައި ދެމީހުންގެ މައްޗަށް ވަނީ އިތުރު 9 މަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައި


އެމްޕީއެލް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) ގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ގަނެ، އެ ތެލަށް ހިޔާނަތްތެރިވެފައިވާ މައްސަލައިގައި ދެމީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ އެވެ.
މި މައްސަލައިގައި ހިޔާނަތްތެރިވުމުގެ ކުށް ސާބިތުވެފައިވަނީ އެމްޕީއެލްގެ ޕްރޮކިއުމަންޓު ޑިޕާޓްމަންޓުގެ ޗީފް މެނޭޖަރުގެ މަޤާމުގައި ހުރި ސ ފޭދޫ ވާރުގެ، މުހައްމަދު އައިމަންއާއި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ސޮޖިބްގެ މައްޗަށެވެ.
އެ ދެމީހުންގެ މައްޗަށް ވެސް ހިޔާނާތުގެ ކުށް ސާބިތުވެ، 8 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. އަދި 6،799،800 (ހަ މިލިއަން ހަތްލައްކަ ނުވަދިހަ ނުވަހާސް، އައްސަތޭކަ) ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތަށް ދެއްކުމަށް ވެސް ހުކުމުގައި އަންގާފައިވެ އެވެ. އެއީ މި މައްސަލައިގައި އެ ދެމީހުން ހިޔާނަތްތެރިވި ހަތްލައްކައަށްވުރެ ގިނަ ލީޓަރުގެ ތެލުގެ އަގަށްވާ ފައިސާ އެވެ.
މި މައްސަލައިގައި ހިޔާނާތުގެ ކުށުގެ ދައުވާގެ އިތުރުން، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ގޮތުން އެފަދަ ލިޔުމެއްގައިވާ ކަމެއް ބަޔާންކުރުމުގެ ކުށުގެ ދައުވާ އައިމަންގެ މައްޗަށް އުފުލާފައިވާއިރު، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ ބަންގްލަދޭޝް މީހާގެ މައްޗަށް ކޮށްފައިވެ އެވެ.
އެ ދެ ދައުވާ ވެސް ވަނީ ސާބިތުވެފަ އެވެ. އެހެންކަމުން އެ ދައުވާއާ ގުޅިގެން ދެމީހުންނަށް ވެސް އިތުރު 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އެފްއެސްއެމްއިން އެމްޕީއެލްއަށް ތެޔޮ ގަތުމުގެ މުއާމަލާތް ކުރުމުގައި އެމްޕީއެލްއަށް ނުލިބޭ ތެޔޮ ލިބިފައިވާކަމަށް ބަޔާންކޮށް 13 ޖެނުއަރީ 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ހިންގި ތަހުގީގުތަކަށްފަހު އެވެ. އެގޮތުން އެ ޑެލިވަރީ ނޯޓުތައް ސިސްޓަމްއިން ބަލައިގަނެ، ޕްރޮސެސްކޮށް، އެމްޕީއެލްއަށް ލިބިފައިނުވާ ޖުމުލަ 783،100 ލީޓަރު ޑީސަލްއަށް ހިޔާނަތްތެރިވެފައިވާކަމަށް މައްސަލައިގެ ދައުވާކުރި ސަބަބުގެ ގޮތުގައިވެ އެވެ.









