ތޫފާން ޗާމްޕީގެ ސަބަބުން ޓައިވާނުން އެތައް ސަތޭކަ ފްލައިޓެއް ކެންސަލްކޮށް، 94 މީހަކު ޒަޚަމުވެއްޖެ
23 އޮކްޓޯބަރު 2026 | ހުކުރު 08:29ބާރުގަދަ ތޫފާން ޗާމްޕީއާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި ޓައިވާނުން މީހަކު މަރުވެ 94 މީހަކު ޒަޚަމުވެފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 1،300 އަށްވުރެ ގިނަ މީހުން ވަނީ ބަދަލުކޮށްފައި. މި ތޫފާނުގެ ސަބަބުން ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރައި، 900 އަށްވުރެ ގިނަ ފްލައިޓާއި ގިނަ އަދަދެއްގެ ފެރީ ދަތުރުތައް ވަނީ ކެންސަލްކޮށްފައި


ތޫފާން ޗާމްޕީއާ ގުޅިގެން ވައިބާރުވެ، ޓައިވާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ބިޔަ ރާޅުތައް އަރަނީ | އޭއެފްޕީ
ހުކުރު ދުވަހު ޓައިވާނާ ދިމާއަށް ބާރުގަދަ ތޫފާނެއް ދަތުރުކުރުމުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރައި، މަދުވެގެން އެކަކު މަރުވެ އެތައް ބަޔަކު ޒަޚަމުވެފައިވާ ކަމަށް ޓައިވާނުގެ ސެންޓްރަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން (ސީއީއޯސީ) ބުންޏެވެ . ގާތްގަނޑަކަށް 24 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޓައިވާނަށް ތޫފާން ޗާމްޕީ އަރަން ފެށުމާ ގުޅިގެން، ޓައިޓުންގ ކައުންޓީއާއި، ޕެންގްހޫ އަދި މަޓްސޫގެ ބޭރު ރަށްތައް ފިޔަވައި އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ހުރި ހުރިހާ މަދަރުސާތަކާއި އޮފީސްތައް ބަންދުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަމުރުކޮށްފަ އެވެ.
މި ހާދިސާގައި މީހަކު މަރުވެފައި ވަނީ ދެކުނު ޕިންގޓުންގ ކައުންޓީގެ ލޫޗޫ ޓައުންޝިޕުންނެވެ. މިއާއެކު، ބާރުގަދަ ތޫފާނާއި ބޯ ވިއްސާރައިގެ ސަބަބުން ހިނގި ޓްރެފިކް އެކްސިޑެންޓްތަކާއި އެހެނިހެން ހާދިސާތަކުގައި، ބޭރުގެ ދެ މީހަކު ހިމެނޭހެން 94 މީހަކު ޒަޚަމުވެފައިވާ ކަމަށް ސީއީއޯސީ އިން ބުންޏެވެ. އަދި، ކުރިއަށް އަންނަ ތޫފާނުގެ ސަބަބުން ގާތްގަނޑަކަށް 1،300 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން މަޖުބޫރުވެފައިވާއިރު، މީގެ ތެރެއިން ގިނަ މީހުންނަކީ އެ ރަށުގެ އިރުމަތީ އައްސޭރީގައި އޮންނަ ހުއާލިއަން ކައުންޓީގެ ރައްޔިތުންނެވެ.
ތޫފާން ޗާމްޕީއާ ގުޅިގެން ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން 977 ފްލައިޓެއް ކެންސަލްކޮށް، 10 ރޫޓަކުން ދަތުރުކުރާ 96 ފެރީ ދަތުރެއް މެދުކަނޑާލާފައިވާ ކަމަށް ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބުންޏެވެ. ކެންސަލްކުރި ފްލައިޓްތަކުގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ 262 ފްލައިޓާއި، ބައިނަލްއަގުވާމީ އަދި ކްރޮސް-ސްޓްރެއިޓްގެ 715 ފްލައިޓް ހިމެނެ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











