ރަސްމާލެ މަޝްރޫއަކީ ''ސްކޭމެއް'': ބަދަލު ދޭންޖެހިއްޖެނަމަ ބިލިއަނަކަށް އަރާނެ ކަމަށް ވިދާޅުވެ އިމްރާންގެ ބޮޑެތި ތުހުމަތުތަކެއް!
22 އޮކްޓޯބަރު 2026 | ބުރާސްފަތި 06:17ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދިނުމަކީ ގައުމީ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، ކުރީގެ ހޯމް މިނިސްޓަރު އިމްރާން ސަރުކާރަށް ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފައި. މި މަޝްރޫއުގެ މާލީ ތަފްސީލުތައް ސިއްރުކުރަނީ ކޮރަޕްޝަން އެކުލެވޭތީ ކަމަށް ތުހުމަތުކުރައްވައި، މީގެ ސަބަބުން ކުރިމަތިވެދާނެ ބަދަލުގެ ބުރަ ބިލިއަނަކާ ގާތްކުރާނެ ކަމަށް އޭނާ ވިދާޅުވި. އެހެންކަމުން ދައުލަތަށް ގެއްލުންވާ މިފަދަ ކަންކަން ހުއްޓާލައި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށް ޝެއިޚް އިމްރާން ގޮވާލެއްވި

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރަސްމާލެ މަޝްރޫއަކީ ބޮޑު "ސްކޭމެއް" ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ދައުލަތުން ބަދަލު ދޭންޖެހިއްޖެ ހާލަތެއްގައި އެ އަދަދު ބިލިއަނަކާ ގާތްކުރާނެ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝެއިޚް އިމްރާން ވިދާޅުވީ، ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސް ކުންފުންޏަށް ދާއިމަށް ދީފައިވާ ކަމަށް ބުނާ މައްސަލައަކީ ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލުގެ އިތުރުން ދީނާ ވެސް ގުޅިފައިވާ ނުރައްކާތެރި މައްސަލައެއް ކަމަށެވެ.
އެހެންކަމުން މިފަދަ "ސްކޭމްތައް" ހުއްޓާލުމަށް ފަހު، ހެދިފައިވާ ގޯސްތައް ރައްޔިތުންނަށް ސާފުކޮށްދީ، ރައްޔިތުންގެ ބުއްދި ގަބޫލުކުރާ ހަމަތަކުގެ މަތިން ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލެއްވި އެވެ.
ރަސްމާލެ ހިއްކުމަށް ހިނގި ޚަރަދުގެ ތަފްސީލު ސަރުކާރަށް ހާމަކުރަން ނުކެރޭނެ ކަމަށް ތުހުމަތު ކުރައްވައި ޝެއިޚް އިމްރާން ވިދާޅުވީ، ކަނޑައެޅިގެން ކޮން ކުންފުންޏަކަށް ކިހާ އަދަދެއްގެ ފައިސާ ދިންކަން މާދަމާ ވެސް ހާމަކުރަން ސަރުކާރަށް ނުކެރޭނެ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން ފާސްކުރާ ފައިސާ ޚަރަދުކުރެވޭ ގޮތް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ދެއްކުމަކީ ގާނޫނުން ލާޒިމުކުރާ ކަމެއް ނަމަވެސް، ސަރުކާރުން އެކަން ނުކުރަނީ "ދައުލަތް ފެލާލައި، ދައުލަތުން ވައްކަން ކޮށްފައިވާތީ" ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވެރިކަމުގެ ފަސް އަހަރު ނިމުމުން އެހެން ކަންކަމުގައި ރައްޔިތުން ގޮތް ނިންމި ނަމަވެސް، މިވަރުގެ ބޮޑު ކަމެއް ކޮށްފައި ނިންމާލުމުން އެކަން އެހާ ފަސޭހައިން ނުނިމޭނެ ކަމަށް ވެސް ޝެއިޚް އިމްރާން ވިދާޅުވި އެވެ.
ކަމެއް ކުރައްވަންޏާ ވަޑައިގަންނަވާ ވާހަކަ ދައްކަން ކަމެއް ކުރައްވައި، ވަޑައިގަންނަވާ މި ކަންތައް އޮޅުންފިލުވައިލަން ކަމެއް ކުރައްވަންޏާ ވަޑައިގަންނަވާ މީގައި ހައްދަވާފައި ހުރި ގޯސްތައް ސާފުކޮށްގެން. މި ސްކޭމް ހުއްޓަލައްވާ ސްކޭމް ދޫކޮށްލައްވާޝެއިޚް އިމްރާން އަބްދުﷲ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އިޝާރާތް ކުރައްވައި ޝެއިޚް އިމްރާން ވިދާޅުވީ، ރައީސް މުއިއްޒަކީ ކުންފުނިތަކަށް "ބަދަލު ނަގައިދިނުމުގައި ވަރަށް މޮޅު ބޭފުޅެއް" ކަމަށެވެ.
އެގޮތުން ނޫމަޑި މައްސަލައިގައި ދައުލަތުގެ މަގާމެއްގައި ހުންނަވައި އެއްބަސްވުން ބާތިލުކުރެއްވުމަށް ފަހު، ފަހުން އެ ކުންފުންޏާ އެއްކޮޅަށް ބަޔާން ދެއްވައިގެން ބޮޑު ބަދަލެއް ނަގައިދެއްވި ކަމަށް ޝެއިޚް އިމްރާން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ޝެއިޚް އިމްރާން ވިދާޅުވީ، ޖީއެމްއާރު މައްސަލައިގައި ކަން ހިނގައިދިޔަ ގޮތަށާއި މި މަޝްރޫއުގެ ދަށުން އަންނަ އިންވެސްޓްމަންޓްތަކަށް ބަލާއިރު، ކުރިމަގުގައި މީގެ ބަދަލު ދޭންޖެހިއްޖެ ހާލަތެއްގައި އެ އަދަދު ބިލިއަނަކާ ގާތްކުރާނެ އެވެ. އަދި ދައުލަތަށް ނުއުފުލޭނެ ފަދަ ބޮޑު މާލީ ބުރައެއް ރައީސަކު ދައުލަތުގެ ބޮލުގައި އަޅުވަން އުޅޭނަމަ، އެކަމުން ދައުލަތް ސަލާމަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށް ވެސް ޝެއިޚް އިމްރާން ވިދާޅުވި އެވެ.











