ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ހައްޔަރު ކުރެވޭނެ، ނަމަވެސް ގާނޫނުގެ ތެރެއިން ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: ޝެއިޚް އިމްރާން
22 އޮކްޓޯބަރު 2026 | ބުރާސްފަތި 06:16ރަސްމާލެ މަޝްރޫއާ ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވަމުން، ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި ހައްޔަރުކުރަން ބޭނުންނަމަ ހުންނެވީ ތައްޔާރަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި. އޮޑިޓް ރިޕޯޓަކަށް ބިނާކޮށް ހައްޔަރުކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް، "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތް ހުއްޓާނުލާ ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި


ބުދަ ދުވަހުގެ "ފަށާއިރު" ޕްރޮގްރާމުގައި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ހައްޔަރު ކުރެވޭނެ ކަމަށާއި، ނަމަވެސް ގާނޫނުގެ ތެރެއިން ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ "ފަށާއިރު" ޕްރޮގްރާމުގައި ޝެއިޚް އިމްރާން ވަނީ ރާސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދާއިމަށް ދީފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ޝެއިޚް އިމްރާން ވިދާޅުވީ، ދައުލަތުގެ ކަންކަން ހިންގަންވާނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ބަހުސްކުރެވި، ހެދެންޖެހޭ ހުރިހާ ހިސާބުތަކެއް ހެދިގެން ރައްޔިތުންނަށް ފައިދާވާ ގޮތަށް ދިގު މުއްދަތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކެއްގެ ގޮތުގައި ކަމަށެވެ. އަދި ދެ އަހަރުދުވަހުގެ ތެރޭގައި ބަޔަކު ނަގަންޖެހޭ އެއްޗެއް ނަގައިގެން ފިލުމުން، ކުރިއަށް އޮތް ޖީލުތައް އޭގެ ބުރައިގައި ޖެހި މުޅި ދައުލަތް ހަލާކުވެގެންދާ ފަދަ ކަންކަން ކުރުމަކީ ދައުލަތުގެ އަމަންއަމާންކަން ބެލެހެއްޓުން ނޫން ކަމަށް ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއާ ގުޅިގެން މިމަހުގެ 19 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން އިމްރާން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާ ކަމަށް ބުނެ، ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތުމަށް ބޭފުޅަކު ލަފާދެއްވި ކަމަށެވެ. އަދި ހައްޔަރުކުރަނީ ކޮން ކަމަކާ ގުޅިގެންތޯ ސުވާލު ކުރެއްވުމުން، ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓެއްގައި ބޮޑު ޚިޔާނާތެއް އޮތް ވާހަކަ ފާހަގަކުރެއްވި ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނުވަތަ ފުލުހުންގެ ތަހުގީގެއް ނުހިންގާ، ހަމައެކަނި އޮޑިޓް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ހައްޔަރުކޮށްފިނަމަ، އެއީ ރާއްޖޭގައި އޮޑިޓް ރިޕޯޓަކަށް އެކަނި ބަލައިގެން ހައްޔަރުކުރެވޭ ފުރަތަމަ މީހާއަށް ވާނެ ކަމަށެވެ.
އަޅުގަނޑު މިހިރީ ރެޑީގައޭ. އަޅުގަނޑު ތައިލެންޑުން މި ތަނަށް އައީ ހައްޔަރުވާން ރެޑީގައޭ. އަޅުގަނޑު ހައްޔަރުކުރާނެ ކަމެއް ނުކުރާނަމޭ. އެކަމަކު އެ ބޭފުޅުން ހައްޔަރުކުރަން ބޭނުންވެއްޖެއްޔާ އަޅުގަނޑު މިހިރީ ރެޑީގައޭ. އަޅުގަނޑު އެއްވެސް ޝަކުވާއެއް ނެތޭ. އެކަމަކު ގާނޫނެއްގެ މައްޗަކުން، ގާނޫނުގެ ތެރެއިން އަޅުގަނޑު ހައްޔަރުކުރަންޖެހޭނެ ކަމެއް ނޯންނާނެ. އެކަމުގެ ޔަގީންކަން މިދެނީޝެއިޚް އިމްރާން އަބްދުﷲ
ޝެއިޚް އިމްރާން ވިދާޅުވީ، ރައީސް ޑރ.މުހައްމަދު މުއިއްޒު އިސްވެ ހުންނަވައި، އިންޒާރު ދިން ނަމަވެސް ރަސްމާލެ ވިއްކާލުމާއި ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ހިންގާ ގައުމީ ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ. އަދި ރައީސް މުޢިއްޒަށްވުރެ ސިޔާސީ ކަންކަމުގައި މާ ދޮށީ އަދި ތަޖުރިބާކާރު އެތައް ބޭފުޅުންނެއް މި ހަރަކާތުގައި އެބަތިއްބެވި ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ.











