ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ބައިލެޓްރަލް ވިޔަފާރި މިހާރު އޮތް 13 މިލިއަން ޑޮލަރުން ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެވިފައިވޭ: ރައީސް
21 އޮކްޓޯބަރު 2026 | ބުދަ 10:10ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި އެކި ދާއިރާތަކުން 20 އެމްއޯޔޫއެއްގައި ވަނީ ސޮއިކުރައްވާފައި. މި މަޝްވަރާތަކުގައި އިޤްތިޞާދީ، އިޖުތިމާޢީ އަދި ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވެފައިވާއިރު، ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް އެހީތެރިވުމަށް ޕާކިސްތާނުން ވަނީ ނިންމާފައި


ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްއާއެކު ބޭއްވި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން | ރާއްޖެ އެމްވީ
ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ބައިލެޓްރަލް ވިޔަފާރި މިހާރު އޮތް 13 މިލިއަން ޑޮލަރުން ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެވިފައިވާ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްއާއެކު ބޭއްވި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ދަތުރުފުޅަކީ ވަރަށް މުހިންމު ދަތުރުފުޅެއް ކަމަށެވެ. އެގޮތުން ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުވެގެން ދިޔަތާ 60 އަހަރުވަނީކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޮޑުވަޒީރު ޝަރީފްގެ އަރިހުގައި ބޭއްވި މަޝްވަރާތައް ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށް ދިޔަ ކަމަށެވެ. މި މަޝްވަރާތަކުގައި ދިވެހިރާއްޖެ އާއި ޕާކިސްތާނުގެ ދެމެދުގެ ބައިވެރިވުން އާ ޒަމާނަކަށް ގެންދިއުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.
މި މަޝްވަރާތަކުގައި ވިޔަފާރި އާއި އިންވެސްޓްމަންޓް، ސިއްޙަތާއި ތަޢުލީމު، ތިމާވެއްޓާއި މަސްވެރިކަމާއި ދަނޑުވެރިކަން، ޒުވާނުންނާއި ކުޅިވަރު، ފުލުހުންނާއި ދިފާޢީ ދާއިރާ، ތަމްރީނާއި ހުނަރު ދިރުވުން އަދި ޓޫރިޒަމް ފަދަ ދާއިރާތައް ހިމެނިފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
މި ދާއިރާތަކުން 20 އެމްއޯޔޫއެއްގައި ސޮއި ކުރެވިފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގެ ވިޔަފާރި މިހާރު 13 މިލިއަން ޑޮލަރުން ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.
ހަމައެއާއެކު، ދިވެހިރާއްޖެ-ޕާކިސްތާން ވިޔަފާރި ފޯރަމް މެދުވެރިކޮށް ދެ ޤައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ގުޅުވައިލައި ފައިދާހުރި އިންވެސްޓްމަންޓްތަކާއި ބައިވެރިވުންތައް ގާއިމުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޒުވާނުންގެ ބަދަލުކުރުމުގެ ޕްރޮގްރާމް ވަރުގަދަކުރުމާއި ހުނަރު ދިރުވުމާއި އިންޓަޕްރެނިއާޝިޕް އަދި ލީޑަޝިޕް ދާއިރާއިން ބައިވެރިވުން ފުޅާކުރުމަށްވެސް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވި އެވެ. އާޓިފިޝަލް އިންޓެލިޖެންސް އާއި ޑިޖިޓަލައިޒޭޝަން ފަދަ ދާއިރާތަކުގައި ޒުވާނުންނަށް ފުރުސަތުތައް ފުޅާކުރުމަށް ވެސް މަޝްވަރާކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑިއަށް އެހީތެރިވުމަށް ޕާކިސްތާނުން ދެއްވާނެކަމަށް އިއުލާނު ކުރެއްވި ހިލޭ އެހީއަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނާއި އެކު ދިވެހިރާއްޖެ ހުންނާނެ ކަމަށާއި މެދުއިރުމަތީގައި ހަމަޖެހުމާއި އަމާންކަން ގާއިމުކުރުމަށް ޕާކިސްތާނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފުކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.











