ވަޒީރުންނާއި، ކައުންސިލަރުންގެ އެލަވަންސްތައް ބޮޑުކުރުމުން 48 މިލިއަން އިތުރުވޭ، މިއީ ދައުލަތަށް އަންނަ ވަރަށް ބޮޑު ބުރައެއް: މެންބަރު އަހުމަދު ދީދީ
22 އޮކްޓޯބަރު 2026 | ބުރާސްފަތި 05:01ދައުލަތުގެ އިގްތިސާދީ ހާލަތު ދަށްވެ، ޚަރަދު ކުޑަކުރަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އިރުޝާދު ދެމުންދަނިކޮށް، ސިޔާސީ މަގާމުތަކުގެ އިނާޔަތްތައް ބޮޑުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވި. އާދައިގެ މުވައްޒަފުން ވަކިކޮށް ބޮޑު މުސާރަ ލިބޭ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރާތީ، ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާކަން އޭނާ ފާހަގަކުރެއްވި


ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ވަޒީރުންނާއި، ކައުންސިލަރުންގެ އެލަވަންސްތައް ބޮޑުކުރުމުން ގާތްގަނޑަކަށް 48 މިލިއަން ރުފިޔާގެ އިތުރުވުމެއް އަންނަ ކަމަށާއި، ދައުލަތް ބޮޑުތަނުން ދަރާފައިވާ ދަނޑިވަޅެއްގައި މިފަދަ ބަދަލުތަކެއް ގެނައުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މެންބަރު އަހުމަދު ދީދީ ވަނީ، ރައްޔިތުން މަޖިލިސް ރައީސް އަށް 95،000 ރުފިޔާ، ވަޒީރުންގެ ކާރު އެލަވަންސް އަށް 17،000 ރުފިޔާ ދޭން ނިންމައި، ކައުންސިލަރުންގެ އިނާޔަތްތަކަށް ބޮޑު ބަދަލެއް ގެނައުމަށް މާލިއްޔަތު ކޮމެޓީން ފާސް ކުރުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
މެންބަރު ދީދީ ވިދާޅުވީ، ޚަރަދު ކުޑަކުރަން މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމަށްފަހު، މިފަދަ ބަދަލުތަކެއް ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ގެއަށް ގެންދަން ލިބޭ ޖުމްލަ އަދަދަށް ބަލާއިރު ރައްޔިތުން މަޖިލީހުގެ ރައީސަށް ލިބޭ މިންވަރު މަދުކަމުން އެ އަދަދު ހާމަނައިޒްކުރުމަކީ މައްސަލައެއް ނޫން ކަމަށް ވެސް މެންބަރު ދީދީ ވިދާޅުވި އެވެ.
ނަމަވެސް، އެއާ ވިދިގެން ވަޒީރުންނާއި ކައުންސިލް މުވައްޒަފުންގެ އެލަވަންސްތައް ބޮޑުކުރުމަކީ އިގްތިސާދީ ގޮތުން ނިކަމެތި ހާލެއްގައި ގައުމު އޮއްވައި ވަކި ބަޔަކަށް ގެނައި ބަދަލެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މެންބަރު ދީދީ ވިދާޅުވީ ދުނިޔޭގެ މާލީ އިދާރާތަކުން ވެސް ޚަރަދު ކުޑަކުރުމަށާއި، ރިކަރަންޓް ޚަރަދާއި މުސާރައަށް ކުރާ ހޭދަ ކޮންޓްރޯލް ނުކޮށްފިނަމަ ރާއްޖޭގެ އިގްތިސާދު ބޭންކްރަޕްސީއާ ދިމާއަށް ހިނގައިދާނެ ކަމުގެ އިރުޝާދު ދެމުންދާ ކަމަށެވެ. އެ ހުރިހާ އިރުޝާދެއް ދެމުންދަނިކޮށް މިގޮތަށް ޚަރަދުތައް ބޮޑުކުރުމަކީ އިގްތިސާދީ ގޮންޖެހުންތަކަށް ބެލުމެއް ނެތި ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މެންބަރު ދީދީ ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ނަމުގައި ކުދި މުސާރަ ލިބޭ އާދައިގެ މުވައްޒަފުން ވަކިކޮށް، ބޮޑު މުސާރަ ލިބޭ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރަމުންދާތީ ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާކަން ވަރަށް ސާފުކޮށް ހާމަވާ ކަމަށެވެ.
އާދައިގެ މުވައްޒަފުން ކަނޑާލުމަށްފަހު، މިސާލަކަށް 10،000 ނޫނީ 15،000 ރުފިޔާ މި ލިބޭ މުވައްޒަފުން ކަނޑާލުމަށްފަހު ޖެހިގެން އަންނަ ދުވަހު މި ދަނީ 35،000، 45،000 ނޫނީ 50،000 ރުފިޔާ ދޭ ކޮންމެވެސް ޕޮލިޓިކަލް މަޤާމަކަށް، މި ޑެޕިއުޓީ މިނިސްޓަރެއް ނޫނީ ކޮންމެވެސް އެސްއޯއީއެއްގެ އެމްޑީއަކަށް. އެހެންވީމާ އެ ބޭފުޅުން ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމޭ ކިޔާފައި އެ ދައްކާ ވާހަކައަކާއި ޢަމަލަކާ ދިމާވާ ތަނެއް އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުފެނޭމަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
މެންބަރު ދީދީ ވިދާޅުވީ އެއްވެސް މިސްރާބެއް ނުވަތަ ޕްލޭނެއް އޮވެގެން ކުރިއަށްދާނަމަ، މުވައްޒަފުން މަދުކުރާ އިދާރާތަކަށް އަލުން މީހުން ވެއްދުމުގެ އެއްވެސް މާނައެއް ނެތް ކަމަށާއި، މިއީ ރައްޔިތުންގެ ބޮޑު ޝަކުވާއެއް ކަމަށެވެ. އަދި މިހާރު ސަރުކާރުން އަމަލުކުރާ ގޮތުން ހުރިހާ ގެއްލުމެއް ލިބިގެންދަނީ ރައްޔިތުންނާ ގައުމަށް ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވި އެވެ.











