މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް: ފައްޔާޒު
22 އޮކްޓޯބަރު 2026 | ބުރާސްފަތި 04:57މަޖިލިސް ރައީސާއި ވަޒީރުންގެ އިނާޔަތްތައް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމުމާ ގުޅިގެން، އެއީ ރައްޔިތުންނަށް ކުރި މަލާމާތެއްގެ ގޮތުގައި ފައްޔާޒު ވަނީ ސިފަކުރައްވާފައި. އަދި ސަރުކާރަށް ނަތީޖާއެއް ނެރެވިފައި ނުވާއިރު، މިއީ މިވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ އޭނާ ސުވާލު އުފެއްދެވި


އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް، އެ ޕާޓީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ | ސޯޝަލް މީޑިއާ
ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތެއް އަދި ސަރުކާރަށް ނެރެވުނު ނަތީޖާއެއް ނެތް އިރު، މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ އަދި އިނާޔަތްތައް ބޮޑުކުރަން ނިންމުމަކީ ދިވެހި ރައްޔިތުންނަށް ކުރި ބޮޑު މަލާމާތެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް 95،000 ރުފިޔާ، ވަޒީރުންގެ ކާރު އެލަވަންސަށް 17،000 ރުފިޔާ ދޭން ނިންމައި، ކައުންސިލަރުންގެ އިނާޔަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބުދަ ދުވަހު ފާސްކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލީހުން ކުރާ މަސައްކަތެއް ނެތް އިރު އަދި ސަރުކާރަށް ނެރެވުނު އެއްވެސް ނަތީޖާއެއް ނެތް ހާލަތުގައި ވެސް މިއަދު މަޖިލީހުން އެ ނިންމީ ވަޒީރުންނާއި މަޖިލިސް ރައީސްގެ މުސާރަ ބޮޑުކުރުމަށް ކަމަށެވެ. އަދި މިއަށް ވުރެ ދަށު ދަރަޖައިގެ މަޖިލީހެއް އަދި ފެނިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތަކެތީގެ އަގުތައް އުފުލި އެތައް ބަޔަކު ދަތިހާލުގައި އުޅެމުންދާ ދަނޑިވަޅެއްގައި، މިއަދު ވެސް އެ ކުރީ ދިވެހި ރައްޔިތުންނަށް ކުރި ބޮޑު މަލާމާތެއް ކަމަށާއި މިއީ މި ވަގުތު ނުކުރެވި އޮތް ކަމެއްތޯ ފައްޔާޒު ސުވާލު އުފެއްދެވި އެވެ.
އިގްތިސާދީ ގޮތުން ދަތި ދަނޑިވަޅެއް ކަމަށް ބުނެ، ސަރުކާރުގެ ކުންފުނިތަކުންނާއި، މުއައްސަސާތަކުން މުވައްޒަފުން ވަކި ކުރަމުންދާ ދަނޑިވަޅެއްގައި، ދައުލަތުގެ އިސް މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް ނިންމި ނިންމުމަށް އާންމުންނާއި ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.











