ހޫޘީންގެ ހަމަލާތަކުން ސައުދީ އަރަބިއްޔާ ދިފާޢުކުރަން އިނގިރޭސިވިލާތުން އަސްކަރީ މަތިންދާބޯޓުތައް ފޮނުވަނީ
21 އޮކްޓޯބަރު 2026 | ބުދަ 09:21ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއަށް ދޭ ހަމަލާތައް ވަރުގަދަކުރުމާ ގުޅިގެން، އެ ޤައުމުގެ ދިފާޢުގައި އެމެރިކާ، ފަރަންސޭސިވިލާތް އަދި ޕާކިސްތާނު ފަދަ ޤައުމުތަކުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި. މި ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ބާބު އަލް-މަންދަބު ފަދަ މުހިންމު ސަރަހައްދުތަކުގެ ކޮންޓްރޯލް ހޫޘީން ހޯދުމަކީ ސަރަހައްދީ މަސްރަހު އިތުރަށް ގޯސްވެފައިވާ ކަމެއް


އިނގިރޭސިވިލާތުގެ ރޯޔަލް އެއާ ފޯސްއިން ބޭނުންކުރާ ޓައިފޫން މަރުކާގެ އަސްކަރީ މަތިންދާބޯޓެއް ކައިރީގައި ސިފައިން ހަރަކާތްތެރި ވަނީ | އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާ
ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ހަނގުރާމަވެރިންގެ ހަމަލާތަކުން ސައުދީ އަރަބިއްޔާ ދިފާޢުކުރުމަށް ޓަކައި އަސްކަރީ މަތިންދާބޯޓުތައް ފޮނުވާނެ ކަމަށް އަންގާރަ ދުވަހު އިނގިރޭސިވިލާތުން ބުނެފި އެވެ. ސައުދީ އަރަބިއްޔާގެ ސިޓީތަކާއި މުހިންމު އުމްރާނީ ވަސީލަތްތައް ރައްކާތެރިކުރުމަށް ރޯޔަލް އެއާ ފޯސްގެ ޓައިފޫން މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށްގެން އިނގިރޭސިވިލާތުން ކުރިއަށް ގެންދާނީ "ދިފާޢީ ކައުންޓަރ-އެއާ މިޝަންތައް" ކަމަށް، އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ހޫޘީން ވަނީ ތެޔޮ އުފައްދާ މަރުކަޒުތަކާއި ވައިގެ ބަނދަރުތައް ހިމެނޭހެން މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ފޮނުވައި، ސައުދީ އަރަބިއްޔާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފަ އެވެ. ސައުދީ އަރަބިއްޔާގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ މަގުން ތެޔޮ އެޅުމުގެ އެހީތެރިކަން އިނގިރޭސިވިލާތުން މިހާރު ވެސް ފޯރުކޮށްދެމުންދާއިރު، އެ ޤައުމު ހިމާޔަތްކުރުމަށް އެހީތެރިވުމުގެ ގޮތުން ވައިގެ ދިފާޢީ ވަސީލަތްތަކާއި އިނގިރޭސިވިލާތުގެ ސިފައިން ރުކުރުވާލާފައިވާ ކަމަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބޮޑުވަޒީރުގެ އޮފީހުގެ ތަރުޖަމާނު ވިދާޅުވި އެވެ. ޓައިފޫން މަރުކާގެ މަތިންދާބޯޓުތަކުން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ފޮނުވާ މިސައިލްތަކާއި ޑްރޯންތައް ހުއްޓުވާނެ ކަމަށާއި، ޔަމަނުގެ އެތެރޭގައި އެއްވެސް ހަމަލާއެއް ނުދޭނެ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
ހަމަލާތައް އިތުރަށް ވަރުގަދަވުމާއި ބައިނަލްއަގުވާމީ މަދަދު
ޔަމަނުގެ ވެރިރަށް ޞަންޢާގައި ހޫޘީންގެ ކޮންޓްރޯލް އޮންނަ ވައިގެ ބަނދަރަކަށް ސައުދީން ދިން ހަމަލާއަކާ ގުޅިގެން، ރަތް ކަނޑުގައި ދަތުރުކުރާ ސައުދީގެ އާގުބޯޓުތަކަށާއި އެ ޤައުމުގެ އެތެރޭގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށް ޖުލައި މަހު ހޫޘީން އިއުލާނުކުރި ފަހުން މި ކުރިމަތިލުންތައް ވަނީ އިތުރަށް ވަރުގަދަވެފަ އެވެ. ފާއިތުވި ހަފުތާތަކުގައި އެ ޖަމާއަތުން ވަނީ ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ތަކުރާރުކޮށް ހަމަލާދީ، އެ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. އޭގެ ތެރެއިން އެއް ހަމަލާގައި 13 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމުވި އެވެ. މިއީ، ފާއިތުވި 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތެރޭގައި ސައުދީ އަރަބިއްޔާއަށް އަމާޒުވި އެންމެ ނުރައްކާތެރި ހަމަލާތަކެވެ.
ހޫޘީން ވަރުގަދަކުރަމުންދާ ހަމަލާތަކާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން ވަނީ ސަރަހައްދީ އަދި ހުޅަނގުގެ ބައިވެރިންގެ އަސްކަރީ އެހީތެރިކަމަށް އެދިފަ އެވެ. އަސްކަރީ ސިފައިން ހިމެނޭހެން ދިފާޢީ ވަސީލަތްތައް ފޮނުވުމަށް ފަރަންސޭސިވިލާތުން އެއްބަސްވެފައިވާއިރު، އަލަށް އުފެއްދި ޖޮއިންޓް ފޯސަސް ކޮމާންޑްގެ ދަށުން ޖާސޫސީ މައުލޫމާތާއި އަމާޒުތައް ކަނޑައެޅުމުގެ އެހީ ފޯރުކޮށްދިނުމަށް އެމެރިކާގެ 100 އަށްވުރެ ގިނަ އަސްކަރީ މުޝީރުން މިހާރު ވެސް ދަނީ އެ ޤައުމުގައި ހަރަކާތްތެރިވަމުންނެވެ. ޕާކިސްތާނުގެ ސިފައިން ސައުދީ އަރަބިއްޔާގައި ރުކުރުވާލާފައިވާއިރު، އެ ޤައުމަށް އަސްކަރީ އެހީ ފޮނުވުމަށް ރައީސް ޢަބްދުލް ފައްތާޙް އަލް-ސީސީ ކުއްލި ބައްދަލުވުމަކަށް ގޮވާލެއްވުމާ ގުޅިގެން މިޞްރުގެ ބަރުލަމާނުގައި ދަނީ އެ ކަމާ މެދު ބަހުސްކުރަމުންނެވެ.
"އަޅުގަނޑުމެންގެ ބައިވެރިޔާ ސައުދީ އަރަބިއްޔާއަށް ހޫޘީން މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކަކީ ނުހަނު ނާތަހުޒީބު ކަމެއް،" އިނގިރޭސިވިލާތުގެ ދިފާޢީ ވަޒީރު ވެސް ސްޓްރީޓިންގ ވިދާޅުވި އެވެ. "ޚާއްސަކޮށް ރިޔާޟުގެ އެއާޕޯޓަށް އަމާޒުކޮށް ދޭ ހަމަލާތަކުން ދައްކުވައިދެނީ ސަރަހައްދުގެ މަސްރަހު ގޯސްކުރުމަށް ހޫޘީން ކޮންމެ ފަދަ ދަރަޖައަކަށް ވެސް ދާން ތައްޔާރަށް ތިބި މިންވަރު."
ޔަމަނުގައި ބަދަލުކުރަމުންދާ ހަމަލާތަކާއި ބާބު އަލް-މަންދަބުގެ ނުފޫޒު
ފާއިތުވި މަހު، އީރާނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ހޫޘީ ހަނގުރާމަވެރި ޖަމާއަތުން ވަނީ ޔަމަނުގެ ހުޅަނގު އައްސޭރިއަށް ވަރުގަދަ ހަމަލާތަކެއް ދީ، މުހިންމު ސަރަހައްދުތަކެއް ހިފާފަ އެވެ. އޭގެ ތެރޭގައި ރަތް ކަނޑުގެ މުހިންމު ކަނޑުއޮޅި ކަމަށްވާ ބާބު އަލް-މަންދަބު ހިމެނޭއިރު، މިއީ ވިޔަފާރީގެ އެހެން މަގަކަށް ތެހެރާނުގެ ނުފޫޒު ފުޅާކުރުމަށް ލިބުނު ފުރުސަތެއް ކަމަށް ހުޅަނގުގެ ބާރުތަކާއި ޔަހޫދީ އިސްރާއީލުން ގަބޫލުކުރެ އެވެ. ގެއްލުނު ސަރަހައްދުތައް އަނބުރާ ހޯދުމަށް ސައުދީގެ އަސްކަރީ މަތިންދާބޯޓުތަކުގެ އެހީތެރިކަމާ އެކު، ހޫޘީންނާ ދެކޮޅު ޔަމަނު ސަރުކާރުގެ އެއްގަމު ސިފައިން ވަނީ ރައްދު ހަމަލާތަކެއް ފަށާފަ އެވެ. ވަރުގަދަ ވައިގެ ހަމަލާތަކަކާއި އެއްގަމު ބޮޑު އޮޕަރޭޝަނެއް ހިންގި ނަމަވެސް، ހޫޘީ ހަނގުރާމަވެރިން ވަނީ މުހިންމު ސަރަހައްދުތަކުގެ ކޮންޓްރޯލް ދަމަހައްޓައި، ދެކޮޅުވެރިންނަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ދިނުން ކުރިއަށް ގެންގޮސްފަ އެވެ.
ޔަމަނުގެ އިރުދެކުނު ޝަބްވާ ޕްރޮވިންސަށް ހޯމަ ދުވަހު ހޫޘީން ދިން ބެލިސްޓިކް މިސައިލް ހަމަލާއެއްގައި، ޔަމަނު ސަރުކާރުގެ ސިފައިންގެ ތެރެއިން 53 މީހުން މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ވިދާޅުވި އެވެ. މި ހަމަލާގައި އިތުރު 200 އަށްވުރެ ގިނަ މީހުން ޒަޚަމުވި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އަދި، މި ހަމަލާއަކީ :އެ މީހުންގެ މުޖުތަމައުތަކާއި ޤައުމުގެ ރައްކާތެރިކަން ދެމެހެއްޓުމަށް އަމިއްލައަށް އިސްނަގައިގެން ނުކުތް" ޔަމަނުގެ ރައްޔިތުންނަށް އަމާޒުކޮށް "އީރާނުގެ ވާގިވެރިކަން އޮންނަ ހޫޘީ މިލިޝިޔާއިން ދިން ފިނޑި ހަމަލާއެއް" ކަމަށް ބުނެ، ޔަމަނުގައި ހުންނަ އެމެރިކާގެ މިޝަނުން އެ ހަމަލާ ކުށްވެރިކުރި އެވެ.
މަސްދަރު: ސީއެންއެން











