ރައީސް މުއިއްޒުއަށް އެނގިވަޑައިގެން ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ދިޔައީ ޑޮލަރު ގަންނަމުން
19 އޯގަސްޓު 2026 | ބުދަ 17:32ބޭރު ފައިސާގެ ގާނޫނަށް ގެންނަ އިސްލާހުގެ ދަށުން، ކަނޑައެޅިފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ޑޮލަރު ވިއްކުމާއި އެކަން އިޝްތިހާރުކުރާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަން މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައި. މި ބަދަލާއެކު ކަޅުބާޒާރުގެ މުއާމަލާތްތައް ހިންގާ ކުންފުނިތަކާއި ފަރުދުންނަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވާއިރު، މީގެ ކުރިން ސަރުކާރުގެ ކުންފުނިތަކުން ކަޅުބާޒާރުން ޑޮލަރު ގަނެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައި
"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ | ރައީސް އޮފީސް
ކަޅުބާޒާރުގައި ޑޮލަރު ވިއްކުމާއި އެކަން އިޝްތިހާރުކުރުމަކީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރެވޭ ކުށެއް ކަމަށް ކަނޑައަޅައި ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބުދަ ދުވަހު ފާސްކުރި އިރު، ކަޅު ބާޒާރަކީ ސަރުކާރުން ބަލައިގަންނަ ރަސްމީ މުއާމަލާތްތައް ހިންގަމުންދާ ބާޒާރެއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވާނީ ހާމަކުރައްވާފަ އެވެ.
އަނެއްކޮޅުން ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ސަރުކާރު ތަމްސީލު ކުރާ ށ. ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅި އިސްލާހުގައި ވަނީ "އެއްވެސް ފަރާތަކުން، ބޭރުފައިސާ ގަނެވިއްކުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރަސްމީކޮށް ކަނޑައަޅައި އާންމުކޮށްފައިވާ ރޭޓް ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން، އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުމަކީ މަނާކަމެކެވެ. އަދި މިކުށުގެ އަދަބަކީ ކުށުގެ ކުޑަ ބޮޑު މިނަން ބަލައި، 25،000ރ. އާއި އެއް މިލިއަން ރުފިޔާ އާއި ދޭތެރޭ އަދަދަކުން ޖޫރިމަނާކުރުމެވެ،" މިހެންނެވެ.
"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން 27 މާރިޗް 2025 ގައި ކުރިއަށް ގެންދިޔަ ޕޮޑްކާސްޓްގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުން ޑޮލަރުގެ ކަޅުބާޒާރަކީ ސަރުކާރުން ބަލައިގަންނަ އަދި ރަސްމީ މުއާމަލާތްތައް ހިންގަމުން ގެންދިޔަ އެއްޗެއްކަން ސާފުކޮށް އެނގޭކަން ފާހަގަ ކުރެވެ އެވެ.
އެ ގޮތުން ޑޮލަރުގެ ކަޅު ބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުން ދިޔަކަމަށް މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުގެ މެމްބަރު މަމްދޫހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އެމްއެމްއޭ އިން ކަނއަޅާ ރޭޓަށް ވުރެ އަގުބޮޑުކޮށް ބޭރުފައިސާ ވިއްކަން އިޝްތިހާރުކުރުމާއި އެކަމަށް ހިތްވަރުދޭ ލިޔުންތައް ޝާއިއުކުރުމަކީ ވެސް ގާނޫނީ ކުށެކެވެ.
އެެ ކުށުގެ އަދަބަކީ 25،000ރ އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
މަމްދޫހު މި އިސްލާހު ހުށަހެޅުއްވި އިރު ވެސް އަދި ސަރުކާރުގެ ކުންފުނިތަކުން ކަޅު ބާޒާރުން ޑޮލަރުން ގަންނަމުން ދިޔަކަމަށް މުއިއްޒު ވިދާޅުވި އިރު ވެސް ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމަކީ މަނާ ކަމެކެވެ. އަދި ކޮމިޝަނެއް ނަގައިގެން ޑޮލަރު ގަނެވިއްކުން ގާނޫނުގެ ދަށުން އޭރުވެސް މިހާރު ވެސް މަނަލެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މަންސަތަކުގައި ޑޮލަރުގެ ކަޅުބާޒާރަކީ ސަރުކާރުން ބަލައިގަންނަ އެއްޗެއް ކަމަށް ދޭހަވާ މޭރުމުން ޚުދު ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާފައިވާ ވީޑިއޯތައް ޕަބްލިޝްކުރުމަށްފަހު ކުއްލިއަކަށް މިހާރު ސަރުކާރުން އުޅެނީ މީޑިއާ ތަކުގައި އަތްއަޅައިގެން ޑޮލަރުގެ ކަޅު ބާޒާރެއް ނެތް ކަމަށް ބާރުގެ ބޭނުންކޮށްގެން ދެއްކުމަށެވެ.
އެގޮތުން ގާނޫނަށް ގެންނަ އިސްލާހުގައިވާ ގޮތުން "އިސްތިހާރުކުރުމާއި ޕްރޮމޯޓް ކުރުން" ކަމަށް ބުނެފައި ވަނީ، ބޭރު ފައިސާ ގަނެވިއްކުމަށް އެމްއެމްއޭ އިން ރަސްމީކޮށް އާންމުކޮށްފައިވާ ރޭޓް ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅައިފައިވާ ބޭންޑުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރު ފައިސާ ގަނެވިއްކުން އިސްތިހާރުކުރުމަށްޓަކައި ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތަކުން ނުވަތަ ޕްލެޓްފޯމަކުން ނުވަތަ އެ ނޫން ވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ހާމަކުރުމާއި ޝާއިއުކުރުމާއި ފެތުރުމާއި ތަކުރާރުކުރުމާއި ފޯރުކޮށްދިނުމެވެ.
މި ފަދަ ކުށެއް ކުރާ ފަރުދެއް ނުވަތަ ފަރުދުންގެ އިތުރުން އެ ކުށެއް ކުރުމުގައި ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ޝާމިލުވާ ނަމަ، އެ ފަރާތަކަށް ކަނޑައެޅޭނެ އަދަބަކީ 100،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ކަމަށް ވެސް ވަނީ ބިލްގައި ހިމަނައިފަ އެވެ.
އަލަށް ގާނުނަށް ގެންނަ ބަދަލުގެ އެމްއެމްއޭ އިން ކަނޑައަޅާފައި ރޭޓަށްވުރެ މަތީ އަގުތަކުގައި ބްލެކްމާކެޓުގައި ޑޮލަރު ގަތް ކަމަށް ޚުދު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވުމާއެކު ފުރަތަމަ ޖެހޭނީ، އެ އަމަލު ހިންގި ފަރާތްތަކަށް ގާނޫނުގެ ދަށުން ދޭން ޖެހޭ އަދަބު ދޭށެވެ.











