ޑިމޮކްރަޓިކް ދައުލަތެއް ބިނާކުރުމަށް ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކުގެ މުހިންމު ކަމުގެ މައްޗަށް ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވައިފި
5 އޯގަސްޓު 2026 | ބުދަ 10:17އުކުޅަހުގައި ބޭއްވި ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމްގައި ވާހަކަފުޅުދައްކަވަމުން، ދައުލަތުގެ މުއައްސަސާތައް ހަރުދަނާކޮށް ޖަވާބުދާރީވުމަކީ ޤައުމީ ތަރައްޤީގެ މައި އިންޖީނުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ. މާލީ ނިޒާމު ދެފުށްފެންނަ ގޮތަށް ބެލެހެއްޓުމުގައި އޮޑިޓް މުއައްސަސާތަކުގެ ދައުރު މުހިންމުކަން ފާހަގަކުރައްވައި، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ހިންގުމުގެ ނިޒާމު ޒަމާނީކުރުމަށް އެމަނިކުފާނު ބާރުއެޅުއްވި. މި ރަސްމިއްޔާތުގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ އާ ސްޓްރެޓީޖިކް ޕްލޭން ވެސް ވަނީ އިފުތިތާހުކޮށްދެއްވާފަ

އުކުޅަހުގައި އޮތް ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް
އަދަށް ވުރެ ވިލުންތެރި ދައުލަތްތަކާއި، ހަރުދަނާ ޑިމޮކްރަސީތަކާއި، ދުޅަހެޔޮ އިގުތިސާދުތަކާއި، އުންމީދީ މުޖުތަމަޢުތަކެއް މުސްތަގުބަލުގެ ޖީލުތަކަށް ކަށަވަރުކޮށްދިނުމަށްޓަކައި، ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކާއި، އީޖާދުކުރުމުގައި ވުނަކުރުންމަތީ ދެމިތިބެ، އިޚުލާސްތެރިކަމާއެކު، އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައި.ޑީ.އައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޙަޤީޤީ ވިލުންތެރިކަމުގެ ބިންގަލަކީ ހަރުދަނާ މުއައްސަސާތައް ކަމަށާއި، ވިލުންތެރިކަން އިތުރުކޮށްދެނީ ޒިންމާދާރުކަމާއެކު މާލީ ކަންކަން ބެލެހެއްޓުމުންނާއި ދެފުށްފެންނަ އުސޫލުތަކުންކަމަށާއި، ވިލުންތެރިކަން ދެމެހެއްޓެނީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރުންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން މިއީ، ދައުލަތްތަކުގެ އުއްތަމަ އޮޑިޓް މުއައްސަސާތަކުގެ ދައުރު އިންތިހާއަށް މުހިންމުވެފައިވާ ދަނޑިވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައްޔިތުން ދައުލަތުގެ މާލިއްޔަތަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީވެސް އަދި ތަރައްޤީގެ ބައިވެރިން ދޭ ކޮންމެ ޑޮލަރަކީވެސް ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ޖަވާބުދާރީވުމަކީ ހަމައެކަނި ހިންގުމުގެ މަސްއޫލިއްޔަތެއް ނޫންކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އެއީ ޤައުމީ އިސްތިރާޖީ މުދަލެއްކަމަށާއި އަދި އެއީ ކުރިއެރުމުގެ އިންޖީނުކަމުގައި ވިދާޅުވެފަ އެވެ.
ސިޑްސް ނުވަތަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ލާސާނީ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ސިޑްސްގެ ގިނަ ޤައުމުތަކަކީ، ދަރަނި މެނޭޖުކުރަމުން މުސްތަގުބަލުގައި ވުނަ ކުރާ ޤައުމުތަކެއް ކަމަށާއި، ދުރު ރާސްތާގެ ހަމަޖެހުމަށް ވިސްނައިގެން ތިބެ ކުއްލި ޙާލަތްތަކާ ކުރިމަތިލާ ޤައުމުތަކެއް ކަމަށާއި، އިގުތިސާދީ ކުރިއެރުން ދަމަހައްޓަމުން ނާޒުކު މުޖުތަމަޢުތައް ހިމާޔަތްކުރަމުންދާ ޤައުމުތަކެއްކަން ފާހަގަކުރައްވާފަ އެވެ.
އެގޮތުން ބައިނަލްއަޤުވާމީ ނުތަނަވަސްކަމާއި، ބޭރުގެ ފިއްތުންތަކާ އެކުގައިވެސް، ޤައުމުގެ މުސްތަގުބަލަށް ވުނަކުރަމުން، ރާއްޖެއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އަދާކުރަމުންގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ގަވަރނަންސް ނުވަތަ ހިންގުމުގެ ނިޒާމުގެ މުސްތަގުބަލުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ޖޯގުރަފީ ގޮތުންނާއި، ދުރުމިނުގެ ގޮތުންނާއި، ޤާބިލުކަން ނެތުމުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިލާންޖެހޭ ގިނަ މައްސަލަތަކެއްގެ ޙައްލު، ޑިޖިޓަލް ޓްރާންސްފޯމޭޝަނަކުން ލިބިދާނޭކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، މޯލްޑިވްސް 2.0 މެދުވެރިކޮށް ޒަމާނީ، އަދި ރައްޔިތުންނަށް ލުއިފަސޭހަ، ޑިޖިޓަލް ދައުލަތެއް ބިނާކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ފަންނިއްޔާތަކީ ހަމައެކަނި އީޖާދީ އެޖެންޑާއެއް ނޫންކަމަށާއި، އެއީ ހިންގުން، ތަރައްޤީ އަދި ވިލުންތެރިކަމަށް ކުދި ޖަޒީރާތަކަށް ބޭނުންކުރެވިދާނޭ ވަސީލަތެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލް އޮފީހުގެ 2026- 2029 ގެ ސްޓްރެޓީޖިކް ޕްލޭން ވެސް އިފުތިތާހުކޮށްދެއްވާފަ އެވެ.
ދެމެހެއްޓެނިވި އުސޫލުތަކަށް އިސްކަންދޭ ރަށެއްގެ ގޮތުގައި ނަން މަޝްހޫރު، އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ކުރިއަށްދިޔަ މި ސިމްޕޯޒިއަމްގައި، ކުދި ޖަޒީރާ ޤައުމުތައް ތަމްސީލުކުރާ އެންމެ އިސް އޮޑިޓް މުއައްސަސާތަކުން ބައިވެރިވެ، ޢިލްމު ހިއްސާކޮށް، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ޤައުމުތަކުގެ ޤާބިލިއްޔަތު އިތުރުކުރެވޭނޭ ގޮތްތަކާ މެދު މަޝްވަރާކުރައްވާފައިވެ އެވެ.
މަސްދަރު: ރައީސް އޮފީސް










