ބޭރުގެ ހޮސްޕިޓަލްތަކުން ސިއްހީ ހިދުމަތް ހޯދާ ދިވެހި އާއިލާތަކަށް ބޮޑެތި ތަކުލީފުތަކެއް، ލިމިޓު އާވާނެކަމުގެ އިންތިޒާރުގައި މުޅި ދުވަސް!
19 އޮކްޓޯބަރު 2026 | ހޯމަ 08:52ރާއްޖެއިން ބޭރުން ސިއްހީ ފަރުވާ ހޯދާ އާއިލާތަކަށް ބީއެމްއެލް ކާޑުން ފައިސާ ދެއްކުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެ، ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމަށް އެދެންޖެހުމުން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. ޑޮލަރު ލިބުމުގެ ދަތިކަމާ ގުޅިގެން ޒަރޫރީ ފަރުވާތަކަށް ހުރަސްއެޅޭތީ، މިފަދަ ނާޒުކު ކަންކަމުގައި ބޭންކިން ނިޒާމުގެ ތެރެއިން ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ރައްޔިތުން ގޮވާލާ


ބޭންކް އޮފް މޯލްޑިވްސްގެ އޮންލައިން ބޭންކިންގ | ބީއެމްއެލް
ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ސިއްހީ ހިދުމަތް ހޯދާ ދިވެހި އާއިލާތަކަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ފައިސާ ދެއްކުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވެ، އަސާސީ ހައްގުތަކުން މަހުރޫމްވަމުންދާ ކަމުގެ ޝަކުވާ ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.
ހާއްސަކޮށް ކުޑަކުދިންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކުން އޮންލައިންކޮށް ފައިސާ ދެއްކުމަށް ކުރާ މަސައްކަތް ނާކާމިޔާބުވެ، ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމަށް ސަލާންޖަހަން ޖެހިފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މައްސަލައިގައި ކަންބޮޑުވުން ހިއްސާކުރި އާއިލާއަކުން ބުނި ގޮތުގައި، އެ އާއިލާގެ ތުއްތު ދަރިފުޅުގެ ސިއްހީ ހާލަތު ހުރި ގޮތުން ކޮންމެ ދެ ހަފުތާއަކުން އެއްފަހަރު އިންޑިއާގެ ޑޮކްޓަރަކަށް ދައްކައި ލަފާ ހޯދަން މަޖުބޫރުވެ އެވެ. އެހެންނަމަވެސް، ޑޮކްޓަރުގެ ފީ ދެއްކުމަށް ބީއެމްއެލްގެ ކާޑު ބޭނުންކުރަން ކުރާ ކޮންމެ މަސައްކަތެއް ނާކާމިޔާބުވެ، ޓްރާންސެކްޝަން ރިޖެކްޓްވާ ކަމަށް އެ އާއިލާއިން ފާހަގަކުރެ އެވެ.
މީގެ ސަބަބުން، އިންޑިއާގައި ދިރިއުޅޭ ފަރާތްތަކާއި އެ ގައުމުގެ މަސައްކަތްތެރިންގެ އެހީތެރިކަމަށް އެދި އާދޭސްކުރަން މަޖުބޫރުވެފައިވާކަން އެ ފަރާތުން ފާހަގަކުރި އެވެ. މިއީ މިއަދު ދިވެހި ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތި، ނިކަމެތި ހާލަތެވެ.
މި މައްސަލައާ ގުޅިގެން ބޭންކުގެ އެހީތެރިކަމަށް އެދުމުން، ޖެހިގެން އައި ދުވަހުގެ ހެނދުނު 7:00 އާ ހަމައަށް މަޑުކުރުމަށް ނުވަތަ ޑޮލަރު އެކައުންޓެއް މެދުވެރިކޮށް މުއާމަލާތް ކުރުމަށް އިރުޝާދު ދޭކަމަށް އާންމުން ބުނެ އެވެ.
ނަމަވެސް، އާންމު ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރިއިރު، ކުއްލި ފަރުވާ ބޭނުންވާ ކުޑަކުދިންގެ ސިއްހީ ހާލަތްތަކުގައި ވެސް، ހެނދުނު ވަންދެން އިންތިޒާރުކުރަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އާއިލާތަކުން ފާހަގަކުރެ އެވެ. މިއީ އިންސާނާގެ ފުރާނައާ ގުޅިފައިވާ އަސާސީ ސިއްހީ ހައްގަކަށް ވާތީ، މިފަދަ ހާލަތްތަކުގައި ނިކަމެތި ރައްޔިތުންނަށް ލުއިފަސޭހަ އަދި އަވަސް އިންތިޒާމުތަކެއް ހަމަޖެހިފައި އޮންނަންޖެހޭނެ ކަމަށް އެފަރާތްތަކުން ދެކެއެވެ.
މިއީ އިސްރާފެއް ނުވަތަ ވިޔަފާރީގެ މުއާމަލާތެއް ނޫން ކަމަށާއި، މިއީ އިންސާނެއްގެ ދިރިއުޅުމާ ގުޅިފައިވާ އަސާސީ ބޭނުމެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
މި ހާލަތާ ގުޅިގެން ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުގެ ދައުރާ މެދު އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ. ރައްޔިތުންގެ ދިރިއުޅުމުގެ މިފަދަ ނާޒުކު ދަނޑިވަޅުތަކުގައި ދިމާވާ ދަތިތަކަށް އަމަލީ ހައްލެއް ހޯދައިދިނުމަށް ކަމާބެހޭ ފަރާތްތަކުން ނުކުޅެދިފައިވާ ކަމަށް މިއަދު ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ބޭރު ގައުމުތަކުން ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމްވެފައި އޮތުމަކީ ރައްޔިތުންގެ އަސާސީ ހައްގެއްގެ ގޮތުގައި އާންމުން ދަނީ ވަކާލާތު ކުރަމުންނެވެ.
ސިއްހީ ފަރުވާ ފަދަ ޒަރޫރީ ހިދުމަތްތައް ހޯދުމުގައި ބޭރުގެ ވަސީލަތްތަކަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކޮށް، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިފަސޭހަކަމާއެކު މި ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ މިއަދު އާންމު ރައްޔިތުންގެ އެންމެ ބޮޑު އެދުމެވެ. އަދި އިންސާނީ ފުރާނައާއި ދުޅަހެޔޮކަމަށް އިސްކަންދީގެން، މާލީ ނިޒާމުގެ ތެރެއިން ހަރުދަނާ އުސޫލުތަކެއް އެކަށައެޅުމަކީ މިހާރުން މިހާރަށް ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެއްކަން ރައްޔިތުން ދަނީ ފާހަގަކުރަމުންނެވެ. އެހެންނަމަވެސް، ރައްޔިތުންގެ މި ކަންބޮޑުވުންތަކާއި އާދޭސްތައް އަޑުއަހައި، އެކަންކަމަށް އިޖާބަދޭނެ ފަރާތްތަކެއް ދައުލަތުގެ ވެރިކަމުގެ އެންމެ މަތީފަޑީގައި މިއަދު އެބަތިބިތޯ އެވެ؟









