Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޑޮލަރުގެ މައްސަލަ

ޑޮލަރުގެ ބޮޑު ވައުދު ނުފުއްދުނު، ހުރިހާ ތަކުލީފެއް އާންމު ރައްޔިތުންނަށް!

ބޭންކް އޮފް މޯލްޑިވްސްއިން ބޭރު ފައިސާގެ މުއާމަލާތްތައް ލިމިޓުކުރުމާ ގުޅިގެން، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނާއި އާންމު ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި. ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ވީ ވައުދުތައް ނުފުއްދި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދާތީ އިގްތިސާދީ ގޮތުން ރައްޔިތުންނަށް އަންނަނީ ނުތަނަވަސްކަން ކުރިމަތިވަމުން. އެހެންކަމުން، މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމަށް ގިނަ ބަޔަކު ދެކޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 31 މެއި 2026 | އާދީއްތަ 08:32
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު | ރައީސް އޮފީސް

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ހައްލު ކުރުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދެވެ. މުޅި އިޤްތިސާދީ ސިޔާސަތު ބިނާކުރި އެއް ނުކުތާއަކީވެސް އެއީއެވެ. ޑޮލަރުގެ ދަތިކަން ޙައްލު ކުރުމަށް ސަރުކާރުން ބޭނުންވި ގޮތަށް ޤާނޫނުވެސް ގެނެސްފިއެވެ. އެ ޤާނޫނާއެކު ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން މުޅިން ޙައްލުވާނެކަމަށް ސަރުކާރުން ބުނަމުންދިޔަނަމަވެސް، ފެންނަމުންދަނީ އެ މަންޒަރެއް ނޫނެވެ.

އެންމެ ފަހުން މިއަދު އަޑުއިވިގެން ދިޔަ އެއް ވާހަކައަކީ ފީ ދެއްކުމުގައި ދިމާވާ މައްސަލައެއްގެ ސަބަބުން ދަރިވަރަކަށް އޮންލައިން ކްލާސްރޫމަކަށް ނުވަދެވި ބޭރުވާން ޖެހިދާނެކަމުގެ ކަންބޮޑުވުމުގެ ވާހަކައެވެ. މިއީ މިހާރު އާންމު ކަމަކަށް ވަނީ ވެފައެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ރާއްޖޭގައި ތިބެގެން ބޭންކް ކާޑުތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރުން ލިމިޓުކޮށް، ބޭރު ފައިސާގެ ސިޔާސަތަށް ބަދަލު ގެނެސްފައެވެ. މީގެ އިތުރުން، އޮންލައިންކޮށް ބޭރު ފައިސާއިން ކުރާ މުއާމަލާތްތައް މަހަކު 30 މުއާމަލާތަށް ވުރެ ގިނަ ނުކުރެވޭ ގޮތަށް ވެސް އެ ބޭންކުން ވަނީ ލިމިޓެއް ކަނޑައަޅާފައެވެ. މި ފިޔަވަޅުތައް އިއުލާނުކޮށްފައިވަނީ ރާއްޖެއަށް ބޭރު ފައިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، ޑޮލަރު ހޯދުމަށް އޮތް ފިއްތުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ކުއްލިއަކަށް ގެންނަ މިފަދަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ތައުލީމާއި، ސިއްހީ ހިދުމަތާއި، ވިޔަފާރި އަދި ދިރިއުޅުމުގެ އާންމު ބޭނުންތަކަށް ބައިނަލްއަގުވާމީ ހިދުމަތްތަކަށް ބަރޯސާވާ އާންމު ރައްޔިތުންނަށް ބޮޑެތި ތަކުލީފުތައް ދަނީ ކުރިމަތިވަމުންނެވެ.

ގިނަ ދިވެހިންނަށް ބަލާއިރު، ބައިނަލްއަގުވާމީ އޮންލައިން ޕޭމަންޓްތަކަކީ މިހާރު އާންމު ދިރިއުޅުމުގެ މުހިއްމު ބޭނުންތަކުގެވެސް އެއްބައެވެ. ކޮންމެހެން ބޭނުންތެރި ހިދުމަތެކެވެ. އޮންލައިންކޮށް ޑިގްރީއަށް ކިޔަވާ ދަރިވަރުންނާއި، ޕްރޮފެޝަނަލް ސެޓްފިކެޓްތަކާއި ތަމްރީނު ކޯސްތައް ހަދާ ފަރާތްތަކުން ބޭރުގެ މުއައްސަސާތަކަށާއި އޮންލައިން ޕްލެޓްފޯމްތަކަށް ގަވާއިދުން ފައިސާ ދައްކަން ޖެހެއެވެ. މިފަދަ ފައިސާ ދެއްކުމަށް އެއްވެސް ހުރަހެއް ކުރިމަތިވެއްޖެނަމަ، ކްލާސްތަކަށް ނުވަދެވުމާއި، އެސައިންމަންޓްތައް ފޮނުވުމަށް ހުރަސް އެޅުމާއި، ގްރެޖުއޭޓްވުން ލަސްވުމުގެ އިތުރުން ޖޫރިމަނާ ފަދަ މާލީ ބުރަތަކާ ކުރިމަތިލާން ޖެހެއެވެ.

ހަމައެއާއެކު، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުން ތިބޭ އާއިލާތަކަށް ކޯސް ފީއާއި، ހުރުމުގެ ހަރަދުތަކާއި، ތައުލީމާ ގުޅުންހުރި އެހެނިހެން ހަރަދުތައް ހަމަޖެއްސުމުގައި އިތުރު ދަތިތަކެއް ކުރިމަތިވާނެއެވެ.

މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަމުން އެކްސްގައި ދަރިވަރަކު ބުނެފައިވަނީ، ބޭންކް ކާޑުން ފައިސާ ދެއްކުމަށް ތަކުރާރުކޮށް ކުރި މަސައްކަތް ނާކާމިޔާބުވުމުގެ ސަބަބުން، އޭނާ ހަދަމުންދާ ކޯހުގެ މައުލޫމާތުތައް ބޭނުން ނުކުރެވޭ ގޮތް ވެފައިވާ ކަމަށެވެ.

ތައުލީމުގެ އިތުރުން، މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭން ބޭރުން ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކަށް ވެސް އަސަރުކުރާނެއެވެ. ޑޮކްޓަރުންނަށް ދައްކަންޖެހޭ ފީއާއި، އިންޝުއަރެންސް ޕްރީމިއަމްތަކާއި، ސްޕެޝަލިސްޓުންގެ އެޕޮއިންޓްމަންޓްތަކާއި، ޓެލެމެޑިސިން ހިދުމަތްތަކުގެ އިތުރުން ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ކުރަންޖެހޭ އިންތިޒާމުތަކަށް ފައިސާ ދެއްކުމުގައި ބޮޑެތި ނުތަނަވަސްކަންތަކެއް ކުރިމަތިވެދާނެއެވެ.

ކުދި ވިޔަފާރިތަކާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް ވެސް މިކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެއެވެ. ބޭރުގެ ސޮފްޓްވެއާ ސަބްސްކްރިޕްޝަންތަކާއި، ޑިޖިޓަލް އިޝްތިހާރު ކުރުމާއި، ކްލައުޑް ސާވިސްތަކާއި، ވެބްސައިޓް ހޯސްޓިން އަދި އޮންލައިން މާކެޓްޕްލޭސްތަކަށް ބަރޯސާވާ ވިޔަފާރިވެރިންނަކީ ގަވާއިދުން ބައިނަލްއަގުވާމީ ޕޭމަންޓްތައް ހަދަންޖެހޭ ބައެކެވެ. މުއާމަލާތްތައް ލިމިޓްވުމުން ނުވަތަ ފައިސާ ނުދެއްކުމުގެ ސަބަބުން ވިޔަފާރީގެ ހިންގުމަށް ބުރޫއަރައި، ހަރަދުތައް އިތުރުވެ، ވިޔަފާރި ފުޅާކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެއެވެ.

ބޭރު ފައިސާއަށް ބޮޑަށް ބަރޯސާވާ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް މީގެ ނުސީދާ އަސަރުތައް ފޯރާނެއެވެ. އެގޮތުން، އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފަތުރުވެރިކަމާ ގުޅުންހުރި ކުދި ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ހިދުމަތްތަކާއި ތަކެތި ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

މި މައްސަލައަށް ބޮޑު ސަމާލުކަމެއް ލިބިފައިވަނީ، ރާއްޖޭގައި ޑޮލަރުގެ ތަދިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި މިކަން ދިމާވުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައި، އެކްސްޗޭންޖް ރޭޓް ރަސްމީ ރޭޓް ކަމަށްވާ 15.45 ރުފިޔާއާ ގާތްކުރާނެ ކަމުގެ ވައުދާއެކުގައެވެ. ނަމަވެސް، ރިޕޯޓްތައް ބުނާގޮތުން ބޭރު ފައިސާގެ ދަތިކަން އަދިވެސް ދަނީ ކުރިމަތިވަމުންނެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ރަސްމީ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބޭނެ މަގުތައް ހަނިވުމުން، އާންމު ފަރުދުންނާއި ވިޔަފާރިތަކުން އެމީހުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ޑޮލަރު ހޯދާނެ އެހެން މަގުތައް ހޯދަން މަޖުބޫރުވެއެވެ. މީގެ ސަބަބުން ކަޅު ބާޒާރަށް އޮންނަ ޑިމާންޑް އިތުރުވެ، މުޅި މައްސަލަ އިތުރަށް ގޯސްވެގެންދިއުން ނޫން ކަމެއް ނުވާނެއެވެ.

އެހެންކަމުން މިއީ ބޭންކުގެ ސިޔާސަތަކަށް ގެނައި ބަދަލެކޭ ބުނެ މިއަދު ނިންމާލެވޭކަށް ނެތެވެ. މި މައްސަލަތަކަށް ޙައްލު ހޯދުމަށްޓަކައި ގޮތްތަކެއް ހޯދައިދިނުމަކީ ދައުލަތުގެ ޒިންމާއަކަށް ނުވާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެއެވެ. ކޯސްތަކުގައި ބައިވެރިވުމަށް މަސައްކަތްކުރާ ދަރިވަރުންނާއި، ރާއްޖޭން ބޭރުގެ ހަރަދުތައް ބަލަހައްޓާ އާއިލާތަކާއި، އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ހަމައެކަނި ބޭންކިން ނިޒާމާ އެކަނި ގުޚިފައިވާ ކަންކަމެއް ނޫނެވެ. އެހެންކަމުން ސަރުކާރުން މިކަމަށް އެކަށީގެންވާ ޙައްލެއް ހޯދައިދޭން ޖެހެއެވެ. ރައީސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅު ނުފުއްދަވާތާނގައި، އިތުރު ތަކުލީފު ރައްޔިތުންނަށް ޖެހޭނެ ގޮތަށް ކަންކަން ބަދަލުވެގެން ދިއުމަކީ އެއްވެސް ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫނެވެ.

ޑަބްލިއު މޯލްޑިވްސްޑޮލަރުރާއްޖޭގެ ބޭންކުތައްޑރ. މުޙައްމަދު މުޢިއްޒުކަޅު ބާޒާރު

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟

މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟

31 މެއި 2026
ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެންފި

30 މެއި 2026
ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!

ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!

30 މެއި 2026
ރާއްޖޭގައި މިއަދު މި އޮތް ސަރުކާރު މި ދަނީ ހުންގާނު ނެތް އޮޑިއެއް ދާހެން، ރައްޔިތުން ދަނީ ނިކަމެތިވަމުން: ފަލާހު

ރާއްޖޭގައި މިއަދު މި އޮތް ސަރުކާރު މި ދަނީ ހުންގާނު ނެތް އޮޑިއެއް ދާހެން، ރައްޔިތުން ދަނީ ނިކަމެތިވަމުން: ފަލާހު

30 މެއި 2026
ހާމަކަން ކުޑަވެގެން ލިބޭނެ ހަމަޖެހުމެއް ނެތެވެ!

ހާމަކަން ކުޑަވެގެން ލިބޭނެ ހަމަޖެހުމެއް ނެތެވެ!

29 މެއި 2026

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު