ދިވެހި ރުފިޔާގެ އަގު ދަށްވަމުންދާއިރު، އެކަމަށް ހައްލު ހޯދޭނެ ގޮތްތަކެއް ހޯދުމުގައި ސަރުކާރުގެ ސީރިއަސް ޕްލޭނެއް ފެންނާކަށް ނެތް: ޝަމްހީދު
16 އޯގަސްޓު 2026 | އާދީއްތަ 07:13ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ހުށަހަޅާ ބިލުތަކަށް އެއްބާރުލުން ދިނުމަށް އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށާއި، ނަމަވެސް މިކަމުގައި ސަރުކާރުގެ ސީރިއަސް ޕްލޭނެއް ފެންނަން ނެތް ކަމަށް މެންބަރު ޑރ. ޝަމްހީދު ވިދާޅުވެއްޖެ. ޑޮލަރުގެ ދަތިކަމުގެ ސަބަބުން ގެސްޓްހައުސް ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާތީ، އިގްތިސާދީ މައްސަލަތަކަށް ހައްލު ހޯދުމުގައި ކަމާގުޅޭ ސިނާއަތްތަކުގެ މަޝްވަރާ ހޯދުން މުހިއްމުކަން އޭނާ ފާހަގަކުރެއްވި


ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ދިވެހި ރުފިޔާގެ އަގު ދަށްވަމުންދާއިރު، އެކަމަށް ހައްލު ހޯދޭނެ ގޮތްތަކެއް ހޯދުމުގައި ސަރުކާރުގެ ސީރިއަސް ޕްލޭނެއް ފެންނާކަށް ނެތްކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ މަޖިލިސް ޖަލްސާގައި ޝަމްހީދު ވިދާޅުވީ، ޤައުމަށް ދިމާވެފައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދިނުމަށް އެމްޑީޕީން އެދޭ ކަމަށެވެ.
ޑރ ޝަމްހީދު ވިދާޅުވީ، އެކަމަށް ހެޔޮ ނިޔަތުގައި މަސައްކަތް ކުރުމަށް އެމްޑީޕީ ސަރުކާރާއެކު ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ތައްޔާރަށް ތިބޭ ކަމަށެވެ. އަދި އެމްޑީޕީން ކަމެއް ނުކޮށްދީގެން ދިވެހި ރުފިޔާގެ އަގު ވެއްޓިގެން ނުދާނެ ކަމަށް މެންބަރު ޝަމްހީދު ވަނީ ފާހަގަކުރައްވާފަ އެވެ.
ދިވެހި ރުފިޔާގެ އަގު ޑީވެލިއުވަމުން ދާއިރު، އެކަން ހައްލު ކުރުމަށްޓަކައި ތާއީދު ކުރަންޖެހޭ ބިލަކަށް އެމްޑީޕީން ތާއީދުވެސް ކުރުމަށް ތިބީ ތައްޔާރަށް ކަމަށް ޑރ ޝަމްހީދު ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުގެ ސީރިއަސް ޕްލޭނަކީ ކޮބައިކަން ރައްޔިތުންނަށްވެސް އެނގެން ޖެހޭ ކަމަށް އެ މެންބަރު ވިދާޅުވިއެވެ.
މި މައްސަލަތަކުން އަރައިގަނެ، ކަންކަން ހައްލު ކުރުމުގައި ސަރުކާރުގެ އެއްވެސް ސީރިއަސް ޕްލޭނެއް މިއަދު ފެންނާކަށް ނެތް ކަމަށް ޑރ ޝަމްހީދު ވަނީ ފާހަގަކުރައްވާފައެވެ.
އެމްޑީޕީން އެދެނީ ޤައުމަށް ދިމާވެފައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދިނުމަށް، އެކަމަށް ހެޔޮ ނިޔަތުގައި މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތިބީ ސަރުކާރާއެކު ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ތައްޔާރަށް، އެމްޑީޕީން ކަމެއްނުކޮށްދީގެން ދިވެހި ރުފިޔާގެ އަގު ވެއްޓިގެނެއް ނުދާނެ، ދިވެހި ރުފިޔާގެ އަދަދު ޑީވެލިއުވަމުންދާއިރު، އެކަން ހައްލު ކުރުމަށްޓަކައި ތާއީދު ކުރަންޖެހޭ ބިލަކަށް އެމްޑީޕީން ތާއިދުވެސް ކުރުމަށް ތިބީ ތައްޔާރަށް، ނަމަވެސް ސަރުކާރުގެ ސީރިއަސް ޕްލޭނަކީ ކޮބައިކަން ރައްޔިތުންނަށްވެސް އެނގެން ޖެހޭ، މި މައްސަލަތަކުން އަރައިގަނެ، ކަންކަން ހައްލު ކުރުމުގައި ސަރުކާރުގެ އެއްވެސް ސީރިއަސް ޕްލޭނެއް މިއަދު ފެންނާކަށް ނެތްޑރ. އަހުމަދު ޝަމްހީދު
މިއަދުވެސް ޤައުމަށް ދިމާވެގެން އުޅޭ މައްސަލަތަކަށް ބަލާއިރު، ޑޮލަރުގެ ދަތިކަން ފަދަ އެކި ކަންކަމާ ހެދި ގެސްޓްހައުސް ސިނާއަތަށްވެސް ނުހަނު ބޮޑު ގޮންޖެހުންތައް އެބަހުރި ކަމަށް މެންބަރު ވިދާޅުވި އެވެ.
އެހެންކަމުން ސަރުކާރުން ކަމާ ގުޅުންހުރި ބިލުތަކުގެ މަސައްކަތް މަޖިލިސް މެދުވެރިކޮށް ކުރިއަށްގެންދާއިރު، އެ ސިނާއަތުގެ ވިޔަފާރިތަކާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ބަސްވެސް ހޯދުން މުހިއްމުކަމުގައި ދެކޭ ކަމަށް ޑރ ޝަމްހީދު ވިދާޅުވި އެވެ.
ދިވެހި ރުފިޔާގެ އަގު ވެއްޓުމާއި ޑޮލަރުގެ ދަތިކަމަކީ މިހާރު ރާއްޖޭގައި އިގްތިސާދީ ގޮތުން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މި މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރާއި މަޖިލީހުން މަސައްކަތްކޮށް، އަވަސް ހައްލުތަކެއް ހޯދުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.









