ކުރިއަށް އޮތްތަނުގައި 21 ނުވަތަ 22 އަށް ރުފިޔާއަށް ޑޮލަރުގެ ރޭޓް މައްޗަށް ދާނެ: އަމްރު
ޑޮލަރުގެ އަގު އުފުލުމާއި އެމްޕީއެލްގެ ހިންގުން ދޯދިޔާވުމުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަމްރު ވިދާޅުވެއްޖެ. ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އަމްރު ފާހަގަކުރެއްވި ގޮތުގައި، މުދާ ކްލިއަރ ކުރުމުގައި ދިމާވާ ލަސްތަކުގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދަނީ ސަރުކާރުގެ ނާގާބިލުކަމުން. އާމްދަނީ އިތުރުނުވެ ހަރަދުތައް ބޮޑުވުމަކީ އާންމު ރައްޔިތުންނަށް އުފުލަންޖެހިފައިވާ ބޮޑު ތަކުލީފެއް ކަމަށް ވެސް އޭނާ ވިދާޅުވި.


ޓީވީޓޯކް ޕްރޮގްރާމްގައި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ
ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖޭގައި 21 ރުފިޔާ ނުވަތަ 22 ރުފިޔާ އަށް ޑޮލަރުގެ ރޭޓް މައްޗަށް ދާނެ ކަމަށާއި، އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދު އެތައް ގުނައަކުން ބޮޑުވާނެ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި އަމްރު ވަނީ މިސަރުކާރުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުން ވަރަށް އުދަނގޫވެފައިވާކަން ފާހަގަކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އަމްރު ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ދިއުމުގެ ނަތީޖާއެއް ގޮތުން މިހާރު ދިރިއުޅުމުގެ ހަރަދު އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ކާބޯތަކެތީގެ އަގުތައް އުފުލި، ޒަރޫރީ ކަންކަމަށް ބޭނުންވާ ހުރިހާ އެއްޗެއްގެ އަގު ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގިވަޑައިގަންނަވނެ 2023 ނިމިއިރު ގާތްގަނޑަކަށް 17 ރުފިޔާއަށް ޑޮލަރެއް ހުރީ. އެހެން ނަމަވެސް މިސަރުކާރުން އައިސް ބައެއް ކަހަލަ ފިޔަވަޅުތަކެއް އެޅީ. އެޅި ހިސާބުން 20 ރުފިޔާއަށް ޑޮލަރު ބަންލާފައި މައްޗަށް ދިޔައީ. އެ މައްޗަށް ދިޔައިރުގައި 2 އަހަރުވީއިރު އެ ތިރިނުވޭ. އޭގެ ސަބަބުން ގާތްގަނޑަކަށް އެ އުފުލިގެން ދިޔައީ ގާތްގަނޑަކަށް 30 ޕަސެންޓް. އަނެއްކާ މިހާރު އަދި އިތުރަށް މައްޗަށް އެ ދަނީ މިހާރު ހުރީ 20 ރުފިޔާ 60 ލާރިއަށް. އަދި ކުރިއަށް އޮތް ތަނުގައި 21 ރުފިޔާއަށް 22 ރުފިޔާއަށް އަރާނެ ކަމަށް މިހާރު ލަފާ ކުރެވެނީ. އޭގެ މާނައަކީ ކުރިން އެ ގަންނަ އެތީގެ އަގު މިސާލަކަށް 100 ރުފިޔާއަށް ގަންނަ އެއްޗެއް ޑޮލަރުގެ ރޭޓު ބޮޑުވެގެން ދިޔާމަ މިހާރު އެލިބެނީ 130 ރުފިޔާއަށް. ވަރަށް ބޮޑު އެއްޗެއް ބޮޑުވެގެން އެދިޔައީ.އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު
މިސަރުކާރަށް އިގްތިސާދު މެނޭޖްނުކުރެވޭކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ އެމްޕީއެލްގެ ހިންގުން ވެސް ދޯދިޔާވެ، ކޮންޓެއިނަރުތައް ކްލިއަރ ނުކުރެވުމުގެ ސަބަބުން މިހާރު ބޯޓުފަހަރުތައް ރާއްޖެއަށް ނައިސް ބަނދަރު ކުރަނީ ސްރީލަންކާގައި ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް އިންތިހާއަށް ދަތިވެ، މުދާ ނުލިބި ތަކެތީގެ އަގު މައްޗަށް އުފުލޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެވަނަ ކަމަކަށް އެމްޕީއެލްގެ ހިންގުން ދޯދިޔާ ވެގެން ގޮސް ކޮންޓެއިނަރުތައް ކްލިއަރ ނުކުރެވިގެން ބޭރުގެ ބޯޓު ފަހަރު ރާއްޖެއަށް ނައިސް ލަންކާއަށް ބާލަން ފެށީ. ބާލަން ފެށީމަ އެ ނައިސް ލަސްވެގެން ތިނެއް ނުވަތަ ފަސް ހަމަަސް ވެގެން ދަނީ. ބައެއް ވިޔަފާރިވެރިން ރޯދައަށް ގެނައި ކަދުރުކޮޅު އަދި ހުރީ ލަންކާ ޕޯޓުގައި. އެހެންވީމަ އެ ތާށީގެ ތެރޭގައި ވެސް ހަގީގަތުގައި އެބަދޭ އަގު އުފުލުން.އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު
އަމްރު ވިދާޅުވީ، ހަރަދުތައް މަތިވެ، ރައްޔިތުންގެ ދިރިއުޅުން އުދަނގޫވެގެން ދަނީ މިސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތުގެ ސަބަބުން ކަމަށެވެ. ރައްޔިތު މީހާގެ އާމްދަނީ އިތުރުނުވެ، މިއަދު ތަކުލީފު އުފުލަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.




