ރ. މަޑުއްވަރީ އުތުރު ބަނދަރު މަޝްރޫއު: ކައުންސިލް އިންތިހާބާއި ދިމާކޮށް މަސައްކަތް ފެށި ނަމަވެސް މިހާރު އެއްވެސް މަސައްކަތެއް ނުހިނގާ!
18 އޮކްޓޯބަރު 2026 | އާދީއްތަ 12:31ރ. މަޑުއްވަރީ އުތުރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ނުގޮސް، ބަނދަރުގެ ބައެއް ސަރަހައްދުތައް ހަލާކުވެފައިވާތީ އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލިމަނިކު ކަންބޮޑުވުން ފާޅުކުރައްވައިފި. އެމްޓީސީސީގެ މަސައްކަތު ސައިޓު ވެސް ނުނިމި އޮތްއިރު، މިއީ އިންތިހާބާ ދިމާކޮށް ދެއްކުންތެރިކަމުގެ ގޮތުން ފެށި މަސައްކަތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި


ރ. މަޑުއްވަރީ އުތުރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން | ރާއްޖެ އެމްވީ
ރ. މަޑުއްވަރީ އުތުރު ބަނދަރުގެ މަސައްކަތް ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ކުރިއަށް ނުދާތީ އާރްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލިމަނިކު (މޫކޭ) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރާއްޖެޓީވީގެ "ވައުދުނާމާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫކޭ ވިދާޅުވީ މަޑުއްވަރީ ބައު ބަނދަރު ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ކަމަށެވެ. އަދި ކައުންސިލް އިންތިހާބާއި ދިމާކޮށް މަސައްކަތް ފެށި ކަމަށް ވެސް މޫކޭ ވިދާޅުވި އެވެ.
ނަމަވެސް މޫކޭ ވިދާޅުވީ ބައުންޑް ވޯލް ޖެހުމުގެ ނަމުގައި ބަނދަރު ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި އެމްޓީސީސީގެ މަސައްކަތު ސައިޓްގެ ވެސް އެއްކޮށް ނުނިމޭ ކަމަށާއި އެއްކޮށް ޓިނު ނުޖެހި، މީޓަރު ބޯޑު ވެސް އިނީ ވާރޭ ވެހޭ ތަނެއްގައި ކަމަށް މޫކޭ ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބާއި އެކީގައި ދިޔަ އާންމުކޮށް ރާއްޖޭގައި، މުޅި ރާއްޖެއަށް މަޝްހޫރު ވެގެން ދިޔަ ކެމްޕެއިން މެނޭޖަރު ރަށްރަށަށް ދިޔަހެން އެރަށަށް ވެސް ދިޔަ އެކްސްކަވޭޓަރެއް. ދެން އެ ގޮސްފައި އެކި ދިމަދިމާ ހަލާކު ކޮށްލާފައި ބައުންޑް ވޯލްޖެހުމުގެ ނަމުގައިޔާ ކަންކަން ކޮށްލާފައި ދެން އެޔަށް ކުރެވުނު ވަރެއް ކުރި އިންތިހާބުގައި. އެމްޓީސީސީގެ ސައިޓުގައި ހުރީ އަޅުގަނޑުމެން ރަށަކީ ވަރަށް މަސްވެރި ރަށެއް، މަސް ގަނެ ހިއްކާ މީހުން އެމީހުންގެ އެ ސަރަހައްދު ވެސް ހިޔާކޮށް ހަދާލާފައި ހުރޭ އެއަށްވުރެ މާރީތިކޮށް އެމްޓީސީސީ މިކިއަނީ ވަރަށް ބޮޑު ކުންފުންޏެއްގެ ވާހަކަ، ބައްލަވާލައްވާ އެތާގައި ހުރީ ދެބައި ކޮށްފައި އެއްބައިގައި ޓިނު ޖެހިފައި. ޓިނު ވެސް ނުލިބުނީ އޯ ދެން މީޓަރު ބޯޑު ވެސް އޮތީ ވާރޭގައިމޫސާ އަލިމަނިކު (މޫކޭ)
މޫކޭ ވިދާޅުވީ، އެމްޓީސީސީ މަސައްކަތު ސައިޓު މިހާލަތުގައި އޮތް ނަމަވެސް އެތަނަށް ވެސް މުސާރަވެރިންގެ ގޮތުގައި ސްޕަވައިޒަރުން ނަގާފައި ހުންނަ ކަމަށެވެ.
ރ. މަޑުއްވަރީ އުތުރު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ(އެމްޓީސީސީ)އާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
މި މަޝްރޫޢުގެ ދަށުން، 11,609 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރުގެ ބޭސިން އަދި ނެރު ފުންކުރުމާއި، މިހާރު ހުރި އެއްގަމުތޮށީގެ 308 މީޓަރުގެ ސަރަހައްދެއް ރޫޅާލުމާއި، 308 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 184 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 25 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1550 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
މަޑުއްވަރީ އުތުރު ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 360 ދުވަސްތެރޭ ނިންމުމަށް ޝަރުޠުކޮށް، 45.78 މިލިއަން ރުފިޔާއަށެވެ.











