އެމްޑީޕީގެ ވެރިކަމެއްގައި އާރްޓީއެލް ބަހުގެ ހިދުމަތް ފުޅާކޮށް ހަރުދާނާ ކުރާނަން: ފައިސަލް
12 އޮކްޓޯބަރު 2026 | ހޯމަ 14:25އާރްޓީއެލް ބަހުގެ ޚިދުމަތް ހޯދާ އާންމުންނާ ބައްދަލުކުރެއްވުމަށްފަހު، ބަސް ގަޑިއަށް ނައުމާއި ދަތުރުތައް ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ފާހަގަކުރެއްވި. އެމްޑީޕީގެ ވެރިކަމެއްގައި މި ނެޓްވޯކް އިތުރަށް ފުޅާކޮށް، ފަސޭހަކަމާއެކު ގަޑިން ގަޑިއަށް ދަތުރުކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި


ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް | ރާއްޖެއެމްވީ
އެމްޑީޕީގެ ވެރިކަމެއްގައި އާރްޓީއެލް ބަހުގެ ހިދުމަތް ފުޅާކޮށް ހަރުދާނާ ކުރައްވާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލެއިން މާލެއަށް ދަތުރުކުރާ އާރްޓީއެލް ބަހުގައި ދަތުރުކޮށް އެ ބަސް ބޭނުން ކުރާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށްފަހު ފައިސަލް ވިދާޅުވީ މިހާރު ބަސް ބޭނުން ކުރުމުގައި ގިނަ ދަތިތަކާއި ރައްޔިތުން ކުރިމަތިލަން ޖެހިފައިވާ ކަމަށެވެ.
އެގޮތުން ބަސް ގަޑިއަށް ނާންނަކަމުގެ ޝަކުވާ އަދި ބަސް ދަތުރު ޑިލޭވާކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
މީގަ ފާހަގަކޮށްލަން ބޭނުންވޭ އެ މީހުންގެ ޝަކުވާތަކުގެ ތެރޭގައި ވަރަށް ގިނައިރު ކުޑަކުދިން ވެސް ކޮޅަށް ވެސް ތިބެން އެބަ ޖެހޭފައިސަލް ނަސީމް
ފައިސަލް ވިދާޅުވީ މިހާރު ވެސް މިކަމުގައި މިއަށް ވުރެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދަށް ޕަބްލިކް ޓްރާންސްޕޯޓެއްގެ މުހިއްމުކަން ވަރަށް ބޮޑު ކަމަށް ފައިސަލް ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފަށާފައިވާ މި ނެޓްވޯކް ފުޅާކޮށް، އެމްޑީޕީ ވެރިކަމެއްގައި ފަސޭހަކަމާއެކު ގަޑިން ގަޑިއަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.










