މިސަރުކާރުގައި އުޅެނީ މެނޭޖުކުރަން ނޭނގުމުގެ މައްސަލަ ކަމަށް ފައިސަލް ވިދާޅުވެއްޖެ
11 އޯގަސްޓު 2026 | އަންގާރަ 19:19ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވަނީ ބޭކާރު ހަރަދުތައް އިތުރުވެ، ސިއްހީ ނިޒާމު ހަރުދަނާކޮށް ޑޮލަރު ހިފެހެއްޓުމަށް ސަރުކާރުން އިސްކަން ނުދޭތީ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ. އާސަންދައިގެ ހަރަދުތައް ކުޑަކުރުމަށް ގާބިލު ޓީމެއް ބޭނުންވާކަމަށް ވިދާޅުވި


ފަލަސުރުހީ ޕްރޮގްރާމުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދިމާވެގެން އުޅޭ މައްސަލައަކީ މެނޭޖުކުރަން ނޭނގުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ދަނީ ސަރުކާރުން ކުރަން ނުޖެހޭ އެތަށް ހަރަދުތަކެއް ކުރަމުންދާތީ ކަމަށެވެ. އެގޮތުން ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓާލާފައި، ރަސްމާލެ ހިއްކަން ފައިސާ ހަރަދު ކުރުމާއި ޑޮރޯން ގަތުން ފަދަ ކަންކަމަށް ޑޮލަރު ހޭދަކުރުމުން، ރާއްޖޭގައި ޑޮލަރު ހުންނާނެތޯ ފައިސަލް ވަނީ ސުވާލު އުފައްދަވާފައި އެވެ.
އާސަންދައިގެ ދަށުން ފަރުވާ ހޯދުމަށް އިންޑިއާ ފަދަ ގައުމުތަކަށް 100 މިލިއަނުން އަހަރަކަށް ހޭދަކުރަމުންދާކަން ފާހަގަކުރައްވައި، ފައިސަލް ވަނީ ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކޮށް، ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމަށް، ސަރުކާރުން މަސައްކަތް ކުރަމުން ނުދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައި އެވެ.
ފައިސަލް ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސް ކުރާ ހަރަދުތައް މަދުކުރުމަށްޓަކައި ރީޖަނަލް ހޮސްޕިޓަލްތަކާއި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ގިނަ ކަންތައްތަކެއް ކޮށްފައިވާނެ ކަމަށެވެ.
މާލޭގައި އަޅުގަނޑުމެންނަށް އިތުރަށް ކުރެވުނު ކަމަކުން ރާއްޖެއިން ބޭރަށް ފަރުވާއަށް ދާން ޖެހޭ މީހުން ކަޓް ޑައުން ކުރެވުނީ ކިހާ ވަރަކަށް ތޯ. އަޅުގަނޑު އިއްޔެ ވެސް ކޮޗިންގައި އަޅުގަނޑު ކައިރި ހުރި ދެ ޑޮކްޓަރުން، ދިވެހި ދެ ޑޮކްޓަރުން އެމީހުންނާއި އަޅުގަނޑު ސުވާލު ކޮށްލިން ކިހާ މުއްދަތެއްގެ ތެރޭގައި ކަޓް ޑައުން ކުރެވޭނެތޯ މިވެނި ވަރަކަށް ޕަސަންޓުތަކެއް ރަނގަޅަށް މަސައްކަތްކޮށްފި ކަމުގައި ވަންޏާ، އެކަށީގެންވާ ރަނގަޅު އަދަދެއް އަޅުގަނޑުމެންނަށް ކަޓް މ ޑައުން ކޮށްލެވޭނެ ތިން އަހަރު ތެރޭގައި ވެސް، އެކަމަކު ސަރުކާރުން އެބަ ޖެހޭ ފޯކަސް ކޮށްގެން މަސައްކަތްތަކެއް ކުރަންފައިސަލް ނަސީމް
މީގެއިތުރުން އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ކުރާ ހަރަދުތައް ތިން އަހަރު ތެރޭގައި މަދުކުރެވޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރުމަށް ސަރުކަރުގެ ޕޮލިސީ އެނގޭ ގާބިލު ޓީމެއް ބޭނުންވާނެ ކަމަށާއި ފަސް އަހަރުގެ ތެރޭގައި 6 ފަހަރަށް ހެލްތު މިނިސްޓަރު ބަދަލުކުރަންވެއްޖެ ނަމަ އެކަމެއް ނުވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.











