އެމްޑީޕީގެ ވެރިކަމެއް ވެގެން ދާނީ މިހާރު ގައުމަށް ދިމާވެފައި ހުރި ހުރިހާ މައްސަލަތަކަކަށް ހައްލު ގެނެވޭ ވެރިކަމަކަށް: ފައިސަލް
9 އޮކްޓޯބަރު 2026 | ހުކުރު 13:41ތަކެތީގެ އަގު އުފުލުމާއި ގައުމަށް ދިމާވެފައިވާ މައްސަލަތަކަށް މި ސަރުކާރަށް ހައްލެއް ނުހޯދޭ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ސަރުކާރުން ކައުންސިލްގެ ބާރުތައް ހަނިކޮށް ބަޖެޓަށް ހުރަސްއަޅަމުންދާ ކަމަށާއި، ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ދެވޭނީ އެމްޑީޕީގެ ސަރުކާރެއްގައި ކަމަށް


ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި މާލެ ސިޓީ މޭޔަރު އާދަމް އާޒިމް | ރާއްޖެ އެމްވީ
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަމެއް ވެގެން ދާނީ މިހާރު ގައުމަށް ދިމާވެފައި ހުރި ހުރިހާ މައްސަލަތަކަކަށް ހައްލު ގެނެވޭ ވެރިކަމަކަށް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު ކުރީގެ ނައިބު ރައީސް ފައިސަލް އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ދަތުރުވެރިންގެ މާކެޓަށް ވަޑައިގެން އެތަނުގެ ތިއްބެވި ފަރާތްތަކާއި ބައްދަލުކުރުމަށް ފަހު ފައިސަލް ދެއްވި އިންޓަވިއުގައި ވިދާޅުވީ މިހާރު ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ތަކެތީގެ އަގު ބޮޑުވުން ކަމަށެވެ.
މިސަރުކާރަށް ތިން އަހަރުވާން ދާއިރު، ކޮންމެ ހަފްތާ އަކުން ކޮންމެ ހަފްތާއަކުން ތަކެތީގެ އަގު ބޮޑުވަމުން ދިޔަ ނަމަވެސް މިސަރުކާރަށް އެކަމަކަށް ހައްލެއް ނުގެނެވޭ ކަމަށެވެ. އެހެންކަމުން އާންމު ރައްޔިތުންގެ ކަންބޮޑުވުން މިކަމަށް ވަރަށް ބޮޑަށް އޮތް ކަން ފައިސަލް ފާހަގަކުރެއްވި އެވެ.
އަޅުގަނޑުމެން މިއަދު ހަމަ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ މިކަންތައްތަކަށް ހައްލެއް ހޯދަން އެބަ ޖެހެޔޭ، އަޅުގަނޑުމެންނަށް އެބަ އިނގޭ އަޅުގަނޑުމެން ވަށައިގެންވާ ކަންތައްތަކުން ބަލާލާއިރު ކީއްވެގެންކަން އަގު މައްޗަށް ގޮސްފަ ތިރިނުކުރެވިގެން މިއުޅެނީފައިސަލް ނަސީމް
ފައިސަލް ވިދާޅުވީ މިސަރުކާރަށް ހައްލެއް ނެގެނެވުނު ކަމަށާއި، އެމްޑީޕީގެ ސަރުކާރެއް ވެގެން ދާނީ ހުރިހާ ކަމަކުން ވެސް ހައްލު ލިބިގެންދާނެ ސަރުކާރަކަށް ކަމަށެވެ.
މީގެ އިތުރުން، މޭޔަރު އާޒިމް ވިދާޅުވީ ދަތުރުވެރިންގެ މާރކެޓާއި އެހެން މާރކެޓުތައް ވެސް ތަރައްގީ ކުރަން އެބަ ޖެހޭ ކަމަށާއި ނަމަވެސް ސަރުކާރުން ވަނީ މިފަދަ ބޮޑެތި މަޝްރޫއުތައް ހިންގަން ހުރި ފައިސާތައް އަތުލައި، އެތައް ދަތިތަކެއް ކައުންސިލަށް ކުރިމަތިކޮށްފައި ކަމަށެވެ.
އާޒިމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރެެއް އައިސްގެން ނޫނީ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދެވޭނެ ތަނެއް ނުފެންނަ ކަމަށެވެ.
ރައްޔިތުން އަޅުގަނޑަށް ވޯޓުލީ ވަކި ގާނޫނެއްގެ ދަށުން ވަކި ކަންތައްތަކެއް ކުރެވެން ހުރީމަ، މިއަދު އެ ހުރިހާ ގާނޫނަކަށް އެގޮތް މިގޮތް ހަދާލާ އެއްޗެހިތަކަށް އަމަލުކުރުމަށް ހުއްޓުވައި، ރައްޔިތުން ވޯޓު ލީއިރު އޮތް ގާނޫނު މިއަދު މިވަނީ ގާތް ގަނޑަކަށް އުވާލާފައި.އާދަމް އާޒިމް
މިސަރުކާރުން ކުރިމަތި ކުރުވާ ފިއްތުންތަކުގެ ސަބަބުން ރައްޔިތުންނަށް ވައުދުވެވަޑައިގެންފައިވާ ކަންކަން ކުރުމަށް ދަތިވެގެންދާ ކަމަށް މޭޔަރު އާޒިމް ފާހަގަކުރެއްވި އެވެ.











