ޑޮލަރުގެ އަގު އަތް ނުފޯރާ ހިސާބަށް އެރުމުގެ އަސްލަކީ ސަރުކާރުން ކޮށްގެން ނުވާނެ ބޭކާރު އެތައް ޚަރަދެއް ކުރުން: ފައިސަލް
22 އޯގަސްޓު 2026 | ހޮނިހިރު 17:51ޑޮލަރުގެ އަގު އުފުލިފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ޑްރޯން ގަތުމާއި ރަސްމާލެ ފަދަ ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކަށް ސަރުކާރުން ބޭކާރު ޚަރަދުތަކެއް ކުރާތީ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ. އެހެންކަމުން މިފަދަ ދަތި ވަގުތެއްގައި ސަރުކާރުގެ ސިޔާސަތުތައް ބަދަލުކޮށް، ޚަރަދު ކުޑަކުރުމަށް ފައިސަލް ވަނީ ގޮވާލައްވާފައި


ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް | ރާއްޖެ އެމްވީ
ޑޮލަރުގެ އަގު އަތް ނުފޯރާ ހިސާބަށް އަރައި، ޑޮލަރު ހޯދުން އާންމުންނަށް އިންތިހާ އަށް ދަތިވެގެން ދިޔުމުގެ އަސްލަކީ ސަރުކާރުން ކޮށްގެން ނުވާނެ ބޭކާރު އެތައް ޚަރަދެއް ކުރުމުގެ ނަތީޖާކަން ގަބޫލުކުރަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ،
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ސަރުކާރަށް ޑޮލަރުން ލިބޭ އާމްދަނީ އިތުރުވަމުންދާއިރު އަދި ރިސޯޓުތަކަށް ލިބޭ އާމްދަނީ އިން ގާނޫނުގައި ބުނާ ވަކި އަދަދެއް މާރު ކުރުވައިގެން ސަރުކާރަށް އާމްދަނީ ހޯދަމުން އަންނައިރު ވެސް، މިހާ މައްޗަށް ޑޮލަރުގެ އަގު އަރައިގެން މިދަނީ މި ވަގުތު ކުރަން ނުޖެހޭ ބޭކާރު އެތައް ޚަރަދެއް ސަރުކާރުން ކުރަމުން ދާތީކަން ޤަބޫލުކުރަން ވެއްޖެ ކަމަށެވެ.
ސަރުކާރުން ގަބޫލު ނުކުރިޔަސް، ޑޮލަރުގެ އަގު އިންތިހާ އަށް އުފުލިގެން ދިޔުމުގެ ހަގީގީ އެންމެ ބޮޑު އެއް މައްސަލަ އަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނަމުގައި ބޮޑު އަގުގައި ޑުރޯންތަކެއް ގަތުމަށް ޑޮލަރުތަކެއް ހޭދަކުރުން ކަމަށާއި މި ވަގުތަށް އަދި މީގެ ވިއްސަކަށް އަހަރުގެ ތެރޭގައި ވެސް ބޭނުން ނުވާނެ މިންވަރަށް ބިން ހިއްކުމުގެ އަގު ބޮޑު މަޝްރޫއެއް ފަށައިގެން އެކަމަށް އެތައް މިލިއަން ޑޮލަރެއް ސަރުކާރުން ޚަރަދުކުރުން ކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސް، ރަސްމާލޭގެ ނަމުގައި ބޮޑު ފަޅެއް ނުއަގުގައި ހިއްކަމުން ދާއިރު، މަސައްކަތް ކުރިޔަސް ނުކުރިޔަސް، އެ ޑްރެޖަރުގެ ކުއްޔަށް ދުވާލަކަށް އެތައް ލައްކަ ޑޮލަރެއް ދައްކަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން ބިން ހިއްކުމަށް، އެ ޑްރެޖަރުން އަޅާ ކޮންމެ ކޮޑިމީޓަރެއްގެ ވެއްޔަށް އެތައް ޑޮލަރެއްގެ ރޭޓުން ފައިސާ ޚަރަދުކުރަން ޖެހޭ ކަމަށެވެ.
މިއަދުގެ ހާލަތަށް ނަޒަރު ހިންގާއިރު، މިކަމަށް ކުރާ ހޭދައަކީ ކުރީ ސަރުކާރުން ހިއްކާފައި ހުރި ބިންތައް ތަރައްޤީ ކުރުމަށް ކުރަންޖެހޭ ހޭދައެއްކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ޒިންމާދާރު ވެރިކަމެއްގައި ސަރުކާރުން އަބަދު ވެސް ބަލަން ޖެހޭނީ ރައްޔިތުންގެ މަންފާ އަށް ކަމަށެވެ.
އަދި ދަތި ވަގުތުތަކުގައި ކޮންމެހެން ކުރަން ނުޖެހޭ ކަންތައްތައް ހުއްޓާލައި، ތަކެތީގެ އަގު ރައްޔިތުންނަށް ފޯރާ ހިސާބެއްގައި ބަހައްޓަން މަސައްކަތް ކުރުމަށް މި ސަރުކާރަށް ގޮވާލައްވައި ފައިސަލް ވިދާޅުވީ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށްޓަކައި، ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ގޮތްތަކެއް ސަރުކާރުން ހޯދައިދޭން ޖެހޭ ކަމަށެވެ.
މީގެއިތުރުން ސަރުކާރުގެ ސިޔާސަތުތައް ބަދަލުކޮށް، ޚަރަދު ކުޑަކޮށް، އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައިދިނުމަށް ވެސް ފައިސަލް ވަނީ މި ސަރުކާރަށް ގޮވާލައްވާފަ އެވެ.









