ރަސްމާލެ މަޝްރޫއަކީ ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް އޮތް "ބޮޑު އޮޅުވާލުމެއް": ފައްޔާޒު
27 ސެޕްޓެމްބަރު 2026 | އާދީއްތަ 14:56ރަސްމާލެ މަޝްރޫއުގެ މާލީ އަދި ގާނޫނީ ތަފްސީލުތައް ސިއްރުކޮށްފައިވާތީ، އެއްބަސްވުން ހާމަކުރުމަށް ގޮވާލައި ފައްޔާޒް އިސްމާއީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. ބިންތައް ދިގު މުއްދަތަށް ދޫކުރުމުން ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމަށް އޭނާ ވިދާޅުވި. އެހެންކަމުން ބިމުގެ އަގު ވަޒަންކޮށް، ދެފުށް ފެންނަ ގޮތަށް ކަންކަން ހާމަކުރުމަށް ސަރުކާރަށް ވަނީ ގޮވާލައްވާފައި


ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް | އެމްޑީޕީ
ރަސްމާލެ ތަރައްގީކުރުމަށް އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލައްވައި، އެ މަޝްރޫއަކީ ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް އޮތް "ބޮޑު އޮޅުވާލުމެއް" ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދިނުމަށް ނިންމާފައިވާއިރު، އެ ބިމުގެ އަގު ވަޒަންކޮށްފައިނުވާ ކަމަށާއި އެއްބަސްވުމުގެ މާލީ އަދި ގާނޫނީ ތަފްސީލުތައް ރައްޔިތުންނަށް ސިއްރުކޮށްފައިވާ ކަމަށެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔަންޖެހޭނީ ދެފުށް ފެންނަ، ދައުލަތަށް ފައިދާހުރި އުސޫލުތަކެއްގެ ތެރެއިން ކަމަށް ފައްޔާޒު ފާހަގަކުރެއްވި އެވެ.
މި މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން ބުނަމުންދާ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކީ އެއްބަސްވުމުގައި ހިމެނޭ ގާނޫނީ އިލްތިޒާމެއް ނޫން ކަމަށާއި، އެއީ ހަމައެކަނި އިއުލާނެއްގެ ގޮތުގައި އޮތް އަދަދެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އީގަލް ހިލްސް އިން އިންވެސްޓް ކުރާނެ މިންވަރާއި، އެ ފައިސާ ހޭދަކުރާނެ މުއްދަތާއި، އަދި މަސައްކަތް ނުނިމިއްޖެ ނަމަ އަމަލުކުރާނެ އުސޫލުތަކެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
މީގެ އިތުރުން، ރަސްމާލެއިން ލިބޭ އާމްދަނީގެ 10 އިންސައްތަ ސަރުކާރަށް ލިބޭނެ ކަމަށް ބުނާއިރު، އެއީ ކޮން އުސޫލަކުން ބަލާ 10 އިންސައްތައެއްކަން ސާފުނުވާ ކަމަށާއި، މިއީ އާމްދަނީގެ ބަދަލުގައި ފައިދާއިން ބަލާ އަދަދެއް ނަމަ ދައުލަތަށް ލިބޭނެ އެއްޗެއް ނޯންނާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
އަބޫދާބީގެ "ދަ ނޭޝަނަލް" ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން، ރަސްމާލޭގެ ބިންތައް 99 އަހަރަށް ކުއްޔަށް ދޫކުރެވޭނެ ކަމަށާއި، ކޮންމެ ފަހަރަކު މިލްކުވެރިކަން ބަދަލުވާއިރު އަލުން 99 އަހަރުގެ މުއްދަތެއް ފެށޭނެ އެވެ. މިއީ އަމަލީ ގޮތުން ބަލާއިރު ދިވެހި ބިން އަބަދަށްޓަކައި ބޭރުގެ ފަރާތްތަކަށް މިލްކުކޮށްދިނުން ފަދަ ކަމެއް ކަމަށް ފައްޔާޒް ސިފަކުރެއްވި އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކޮށް، ރައްޔިތުންގެ ދިރިއުޅުމާއި ވަޒަންވެރިވުމުގެ ހައްގުތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފަ އެވެ.
އީގަލް ހިލްސް އިން އެހެން ގައުމުތަކުގައި ހިންގާ މަޝްރޫއުތަކާ އަޅާބަލާއިރު، ރާއްޖެއިން ވެފައިވަނީ ވަރަށް ދަށްކޮށް މުއާމަލާތް ކުރެވިފައި އެއްބަސްވުމެއް ކަމަށް ފައްޔާޒް ފާހަގަކުރެއްވި އެވެ. މިސާލެއްގެ ގޮތުން ޖޯޖިއާގައި ހިންގާ މަޝްރޫއުން އެ ގައުމަށް 33.3 އިންސައްތަ ހިއްސާ ލިބޭއިރު، ސާބިއާގެ ބެލްގްރޭޑް މަޝްރޫއުން 32 އިންސައްތަ ހިއްސާ އެ ގައުމަށް ލިބެ އެވެ. ނަމަވެސް ރާއްޖޭގެ އެންމެ އަގުބޮޑު 500 ހެކްޓަރުގެ ބިން ދޫކޮށްލިއިރު، އެއްވެސް ހިއްސާއެއް ނުލިބޭ ގޮތަށް ހަމައެކަނި 10 އިންސައްތަ ރެވެނިއު ޝެއާއަކަށް އެއްބަސްވުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ރަސްމާލެ ހިއްކުމަށް 1.4 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވޭއިރު، މި މަޝްރޫއުން ކުރިއަށް އޮތް ގިނަ އަހަރުތަކެއް ވަންދެން ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބޭނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި ރަސްމާލެއިން ލިބޭ ފުރަތަމަ 400 އާއި 500 މިލިއަން ޑޮލަރުގެ އާމްދަނީ ހޭދަކުރަން ޖެހެނީ ހުޅުމާލޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ނަގާފައިވާ ދަރަނި ދެއްކުމަށް ކަމަށްވާއިރު، ގައުމަށް ބޭރު ފައިސާ ބޭނުންވެފައިވާ މި ދަނޑިވަޅުގައި މިއީ އިގުތިސާދީ ގޮތުން ބަލާއިރު ބުއްދިވެރި ނިންމުމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ރަސްމާލެއަކީ ބޯހިޔާވަހިކަމުގެ ހައްލު ކަމަށް ބުނި ނަމަވެސް، މިހާތަނަށް އެއްވެސް ގޯއްޗެއް ނުވަތަ ފްލެޓެއް ދޭނެ އުސޫލެއް ހާމަކޮށްފައި ނުވާކަމަށް ވެސް ވިދާޅުވި އެވެ.
މި މައްސަލައިގައި ފައްޔާޒް ވަނީ ސަރުކާރުން ކުރަން ޖެހޭ ފަސް ކަމެއް ހުށަހަޅުއްވާފަ އެވެ. އެއީ އެއްބަސްވުން ފުރިހަމައަށް ހާމަކުރުމާއި، ބިން މިލްކުވުމާއި ވަޒަންވެރިވުމާ ގުޅޭ ސުވާލުތަކަށް ޖަވާބުދާރީވުމާއި، ބައިނަލްއަގުވާމީ ފަރާތަކުން ބިމުގެ އަގު ވަޒަންކުރުމާއި، އެހެން ގައުމުތަކަށްވުރެ ދެރަ އެއްބަސްވުމެއް ރާއްޖެއިންވީ ސަބަބު ސާފުކޮށްދިނުމެވެ.
އަދި މި ހުރިހާ ތަފްސީލެއް ހާމަނުކޮށް، މަޝްރޫއާ ގުޅޭ އެއްވެސް ގާނޫނެއް މަޖިލީހަށް ހުށަނޭޅުމަށް ވެސް އޭނާ ގޮވާލެއްވި އެވެ. ދެފުށް ފެންނަ ގޮތަށް ކަންކަން ނުކޮށްފި ނަމަ، މި މަޝްރޫއުގެ ފައިދާ ލިބޭނީ ހަމައެކަނި އިންވެސްޓަރުންނަށް ކަމަށާއި، ދިވެހި ރައްޔިތުން ޖެހޭނީ ޖީލުތަކަކަށް އެކަމުގެ ބުރަ އުފުލަން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.









