ސަވާހެލި އައްޑޫގެ އިހުތިސާސުން ސަރުކާރުން ވަކިކުރީ އެ ސިޓީގެ ޓޫރިޒަމް ތަރައްގީވިޔަ ނުދޭން: ފައްޔާޒު
24 ޖުލައި 2026 | ހުކުރު 17:21އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކުރުމަކީ އެ ސިޓީގެ ލޯކަލް ޓޫރިޒަމް ހުއްޓުވައި، ފޭދޫގެ ގެސްޓްހައުސް ވިޔަފާރިތަކަށް ގެއްލުން ދިނުމަށް ސަރުކާރުން ކުރި ސިޔާސީ ކަމެއް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ. ކައުންސިލުން އެ ރަށް ތަރައްގީކުރަން ބީލަމަށް ލާފައިވަނިކޮށް ސަރުކާރަށް ނެގުމަކީ އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުން ކަމަށް އޭނާ ފާހަގަކުރެއްވި


ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް | އެމްޑީޕީ
މި ސަރުކާރުން އައްޑޫގެ އިހުތިސާސުން ސަވާހެލި ވަކިކުރީ އެ ސިޓީގެ ޓޫރިޒަމް ތަރައްގީވިޔަ ނުދިނުމަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެކްސް ގައި ހުކުރު ދުވަހު ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން ސަވާހެލި ބީލަމަށް ލާފައި ވަނީ އެ ރަށުގެ ފަތުރުވެރިންނަށް ބޭނުން ކުރެވޭނެ ފެސިލިޓީތައް ގާއިމު ކުރުމަށް ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮށްފައި މިވާ އަމަލަކީ އައްޑޫ ގައި ތަރައްގީ ކުރަމުންދާ ޓޫރިޒަމްގެ މަޝްރޫއުތަކަށް ހާއްސަކޮށް ފޭދޫގެ ގެސްޓް ހައުސް ވިޔަފާރިތައް މަރާލުމަށް ކުރި ކަމެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ސަވާހެލި މަޝްރޫއު ހުއްޓުވާފައި އޮތީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި ސަރުކާރުން އަންނަނީ އައްޑޫގެ ރައްޔިތުންނަށް ލޯކަލް ޓޫރިޒަމްގެ ނަފާ ނުލިބޭނެކަން ޔަގީން ކުރަމުން ކަމައް ވެސް ފައްޔާޒު ވިދާޅުވި އެވެ.
ސަރުކާރަށް ތިން އަހަރުގެ މުއްދަތެއް ވާން ދާއިރު ފައިސާ ހަމަޖެހި އަދި ޕްލޭންތައް ހެދިފައި އޮތް މަޝްރޫއުތައް ކުރިއަށް ނުގެންދަނީ އައްޑޫގައި ސަރުކާރަށް ތާއީދު ނެތުމުން ކަމަށް ފައްޔާޒު އިތުރަށް ވިދާޅުވި އެވެ.
ހަމައެއާއެކު މި މަޝްރޫއުތަކަކީ އައްޑޫގެ އެތައް ރައްޔިތުންނަށް ވަޒީފާ ލިބި، ޑޮލަރުގެ އާމްދަނީ ލިބޭނެ މަޝްރޫއުތަކެއް ކަމަށާ، މި މަސައްކަތްތައް ސަރުކާރުން ހުއްޓުވުމަކީ އެކި ޖީލުތަކަށް ލިބިގެންދާނެ ގެއްލުމެއް ކަމަށް ފައްޔާޒު ވަނީ ފާހަގަކުރައްވާފަ އެވެ.
ފޭދޫ ޓުރިޒަމް ޒޯނު ކުރިއެރުވުމަށް ސަވާހިލު ތަރައްގީ ކުރުމަށް ކައުންސިލުން ނިންމި ނިންމުމާ ގުޅިގެން 2023 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެރަށް އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސުގެ ތެރޭގައި ހިމަނުއްވާފަ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ތަރައްގީކުރުމަށް އިއުލާނުކޮށްފައިވާ "ސަވާހިލި" ރަށް، ރައީސް މުއިއްޒު ނެރުއްވި ކުއްލި ގަރާރަކާއެކު އެ ސިޓީގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނަގާފައިވަނީ އެ ރަށް ތަރައްގީކުރަން ކައުންސިލުން ބީލަމަށް ވެސް ހުޅުވާލާފައިވަނި ކޮށް ކަން ވަނީ ހާމަވެފަ އެވެ.
ބުދަ ދުވަހުގެ ރޭ ދަންވަރުވާން ގާތްވެފައި ވަނިކޮށް ރައީސް މުއިއްޒު ނެރުއްވި މި ގަރާރަކީ އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިހްތިސާސަށް ބަދަލުގެނައުމާ ގުޅޭގޮތުން ނެރުއްވާފައިވާ ގަރާރެކެވެ.
ސަރުކާރުން މި ރަށް އަތުލާފައިވަނީ، ސަވާހިލި އެންޓަޓެއިންމަންޓް އެންޑް ރެކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރާނެ ބަޔަކު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކޮށް، އެ މަސައްކަތަށް ބީލަމަށް ހުޅުވާލާފައިވަނިކޮށެވެ.
ރައީސްގެ ގަރާރުގައިވާ ގޮތުން އެ ރަށް އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކުރަން ނިންމެވީ ފަތުރުވެރިކަމުގެ ބޭނުމަށް އެ ރަށް ބޭނުންކުރުމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ ގަރާރުގައި ހިމަނުއްވާފައެއް ނުވެ އެވެ.









