ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހާމަކުރަން ޖެހޭނެ، ފިލާތިބެ ރާއްޖޭގެ މުސްތަގުބަލު ރަހުނުކުރުމުގެ ހައްޤު އެއްވެސް މީހަކަށް ނޯންނާނެ: ޑރ. ޖަމީލް
27 ސެޕްޓެމްބަރު 2026 | އާދީއްތަ 08:17ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުނިތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައްވައި، ޤައުމީ މުދަލާއި ބިމަކީ ސިޔާސީ މުއާމަލާތްކުރަން ގެންގުޅޭ ފައިސާފޮއްޗެއް ނޫން ކަމަށް ޑރ. ޖަމީލް ވިދާޅުވެއްޖެ. އަދި ބަންދުކުރެވިފައިވާ ދޮރުތަކެއްގެ ފަހަތުގައި ތިބެގެން އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލު ރަހުނުކުރުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި


ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު | ރާއްޖެއެމްވީ
ރަސްމާލެ މަޝްރޫއާ ގުޅިގެން ސަރުކާރުން ބޭރުގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރުމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ، ބޭރުގެ އިންވެސްޓަރަކު ބިލިއަނުން ޑޮލަރު ހިފައިގެން އަންނަ ކޮންމެ ފަހަރަކު، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ރައްކާތެރިކަމަކީ އެއްފަރާތްކޮށްލެވިދާނެ އެއްޗެއް ކަމަށް ދެކިގެން ސަރުކާރުން އަމަލުކުރަމުންދާ ކަމަށެވެ.
ޤައުމުގެ މުދާތަކާ ގުޅޭގޮތުން ސިޔާސީ ފަރާތްތަކުން ނިންމާ ފަރުވާކުޑަ ނިންމުންތަކުގެ ބަދަލު އަބަދުވެސް ދައްކަންޖެހެނީ ދިވެހި ރައްޔިތުންނަށް ކަމަށް ޑރ. ޖަމީލް ފާހަގަކުރެއްވި އެވެ. އަދި ބަނދަރުތަކާއި ފަޅުތަކާއި ރަށްތަކާއި ބިމަކީ މުއާމަލާތްކުރަން ގެންގުޅޭ ފައިސާފޮއްޗެއް ނޫން ކަމަށާއި، އެއީ ދިވެހި ރައްޔިތުންގެ މިލްކެއް ކަމުގައިވާ ޤައުމީ މުދާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެރިކަމަށް އައީ ޤައުމުގެ އިސްތިޤްލާލު ދިފާއުކޮށް "ދިވެހިރާއްޖެ އިސްކުރާނެ" ބަޔަކަށްވާނެ ކަމަށް ބުނެ ކަމުގައިވީނަމަވެސް، މިއަދު ފެންނަނީ އެ އުސޫލުތަކާ ޚިލާފުވާ މަންޒަރު ކަމަށް ޖަމީލް ތުހުމަތު ކުރެއްވި އެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ، ރަސްމާލެއަކީ ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ވަޒީރެއްގެ ނުވަތަ ވަކި ސިޔާސީ ޕާޓީއެއްގެ އަމިއްލަ މިލްކެއް ނޫން ކަމަށެވެ. އެއީ މުޅި ޤައުމަށާއި އަންނަން އޮތް ޖީލުތަކަށްޓަކައި އުފައްދާފައިވާ ޤައުމީ މުދަލެއް ކަމަށާއި، އެތައް ހާސް ދިވެހިންނެއް ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިއްބާ ރައްޔިތުންގެ ޓެކްސް ފައިސާއިން ބިޔަ ބިންތައް ހިއްކަމުންދާއިރު، އެ ބިންތަކާ މެދު އަމަލުކުރާ ގޮތް ސާފުވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޤާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް ރިއާޔަތްކުރައްވައި ޑރ. ޖަމީލް ވިދާޅުވީ، ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭރުގެ ފަރާތްތަކަށް މިލްކުކޮށްދިނުން މަނާކުރާއިރު، ބިން ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައިވަނީ އިސްތިޤްލާލާއި ސަރަހައްދީ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
އަބޫދާބީގެ އީގަލް ހިލްސް ފަދަ މާލީ ގޮތުން ވަރުގަދަ ޑިވެލޮޕަރުންނާއެކު މުއާމަލާތް ކުރާއިރު، ސިއްރުވެރިކަމާއި އަވަސްއަރުވާލުމުގެ ބަދަލުގައި އެންމެ މަތީ ދަރަޖައިގެ ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރަންޖެހޭ ކަމަށް ޑރ. ޖަމީލް ބަޔާންކުރެއްވި އެވެ.
މީގެ އިތުރުން، ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި، އެއްބަސްވުމުގައި ހިމެނެނީ ކޮން ބިންތަކެއްކަމާއި، ކޮން އުސޫލުތަކެއްގެ ދަށުން ކިހާ މުއްދަތަކަށް ކަމާއި، ދީފައިވަނީ ކޮން ހައްގުތަކެއްކަން ހިމެނޭ ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި މަޝްރޫއު ނާކާމިޔާބުވެއްޖެނަމަ ވާނެ ގޮތާއި، ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ބޭނުންވާ ކަމެއް އޭގައި ހިމެނޭތޯ ވެސް ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
ޑރ. ޖަމީލްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އެއްވެސް ރައީސަކީ ޤާނޫނުއަސާސީއަށްވުރެ މަތީގައި ހުންނަވާ ބޭފުޅެއް ނޫން ކަމަށާއި، ބަންދުކުރެވިފައިވާ ދޮރުތަކެއްގެ ފަހަތުގައި ތިބެގެން އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލު ރަހުނުކުރުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިގެންނެއް ނުވާ ކަމަށެވެ. ދިވެހިރާއްޖެއާއި ރާއްޖޭގެ ބިމަކީ ވިއްކާލަން އޮތް އެއްޗެއް ނޫން ކަމަށާއި، ކިތަންމެ ގިނަ ފައިސާއެއް ލިބުނު ކަމުގައިވިޔަސް ޤައުމީ އިސްތިޤްލާލު ދޫކޮށްލައިގެން ނުވާނެ ކަމަށް ޑރ. ޖަމީލް ވަނީ ހަނދާންކޮށްދެއްވާފަ އެވެ.









