Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

މަޝްވަރާތަކުގައި މިހާރު އެމެރިކާއަށް އިތުބާރު ކުރެވޭކަށް ނެތް: ޕީޒިޝްކިއާން

27 ސެޕްޓެމްބަރު 2026 | އާދީއްތަ 08:40

އެމެރިކާއަށް އިތުބާރު ނުކުރާ ކަމަށް އީރާނުގެ ރައީސް ވިދާޅުވެފައިވާއިރު، ހަނގުރާމަ ހުއްޓާލުމަށާއި ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ޝަރުތުތަކަކާއެކު އެ ޤައުމުން ވަނީ ހުށަހެޅުމެއް ހުށަހަޅާފައި. މި ހުށަހެޅުމުގެ ދަށުން އީރާނުގެ ތެޔޮ ވިއްކުމަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށާއި، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް މަޝްވަރާގެ މަގު އިޚްތިޔާރުކުރުމަށް އީރާނުން ބާރުއަޅާ

ނިއުސް ޓީމް
ނިއުސް ޓީމް | 27 ސެޕްޓެމްބަރު 2026 | އާދީއްތަ 08:40
އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިއާން

އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިއާން | ރޮއިޓާސް

މީގެ ކުރިން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ހަމަލާތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް ކުރިމަތިވެފައި ވާތީ، އެމެރިކާއާއެކު ދެން ކުރެވޭނެ މަޝްވަރާތަކަށް އީރާނުން އިތުބާރު ނުކުރާ ކަމަށް އެ ޤައުމުގެ ރައީސް މަސްޢޫދު ޕީޒިޝްކިއާން ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ތެހެރާނުން ހުށަހެޅި އެންމެ ފަހުގެ ހުށަހެޅުމަށް ޖަވާބެއް ލިބުމުގެ އިންތިޒާރުގައި އޮތް ކަމަށް ތެހްރާނުން ބުނެފައިވާ ދަނޑިވަލެއްގަ އެވެ.

"އެމެރިކާއަށް އިތުބާރެއް އަޅުގަނޑުމެންގެ ނެތް. އަދި، އެ ޤައުމާ އެކު އެއްބަސްވުމަކަށް އާދެވޭނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށް ކަމެއް ވެސް ބުނަން ނޭނގެ،” އަލް ޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ޕީޒިޝްކިއާން ވިދާޅުވި އެވެ.

Advertisement - worldAdvertisement

ދުނިޔޭގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާއަށް، ޕީޒިޝްކިއާންއާއި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގިޗީ މި ހަފުތާގައި ވަނީ އެމެރިކާއަށް ޒިޔާރަތްކުރައްވާފަ އެވެ. މި ދަތުރުފުޅުގައި، އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލް ކުރަމުންދާ ހަނގުރާމައިގެ ހަމަލާތައް ހުއްޓާލުމަށާއި، ހަތް ދުވަހުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އެއްބަސްވުމެއް އެ ބޭފުޅުން ވަނީ ހުށަހަޅުއްވާފަ އެވެ.

ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އަރާގިޗީ ވިދާޅުވީ، ފުރަތަމަ މަރުހަލާގެ ފިޔަވަޅުތަކަށް ހަތަރު ދުވަހާއި ފަސް ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވާނެ ކަމަށެވެ. އަދި، ހަވަނަ ދުވަހު ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް އިޝާރާތްކުރައްވަމުން އަރާގިޗީ ވިދާޅުވީ، "ހަތްވަނަ ދުވަހު، ދެ ފަރާތުން އެއްބަސްވާ މައުލޫއަތަކާ ގުޅޭގޮތުން އެންމެ ފަހުގެ އެއްބަސްވުމަކަށް އައުމަށް ޓަކައި އެމެރިކާއާއެކު މަޝްވަރާތައް ފެށޭނެ،" ކަމަށެވެ.

މި ޕްލޭނުގެ ދަށުން، އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހިސާރު ވޮޝިންގޓަނުން އުވާލަން ޖެހޭނެ އެވެ. އަދި، އީރާނުގެ ތެޔޮ ވިއްކުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ފްރީޒްކޮށްފައިވާ އީރާނުގެ މުދަލާއި ފައިސާގެ ތެރެއިން ގާތްގަނޑަކަށް 12 ބިލިއަން އެމެރިކާ ޑޮލަރު ދޫކޮށްލަން ޖެހޭނެ އެވެ. މިއާއެކު، ލުބްނާނާއި ޔަމަން ހިމެނޭހެން މުޅި ސަރަހައްދަށް އަމާޒުކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އެމެރިކާއިން އިހުތިރާމްކުރަން ޖެހޭނެ އެވެ.

މި ޝަރުތުތަކުގެ ބަދަލުގައި އީރާނުން ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލާނެ އެވެ. ހަނގުރާމައިގެ ކުރިން ދުނިޔޭގެ ވިޔަފާރީގެ ގޮތުގައި ދައުރުވާ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލީ މި ކަނޑުއޮޅިންނެވެ. މިއަދު މި މަގު ވެފައިވަނީ ތެހެރާނުން ބޭނުންކުރާ އެންމެ މުހިންމު ބާރު ކަމުގައެވެ.

މެދުވެރިންގެ ގޮތުގައި މަސައްކަތްކުރާ ގަތަރާއި ޕާކިސްތާނުން އީރާނުގެ މެސެޖުތައް ވޮޝިންގޓަނަށް ފޯރުކޮށްދެމުންދާ ކަމަށް ޕީޒިޝްކިއާން ވިދާޅުވި އެވެ. މަޝްވަރާތައް ބިނާވެފައި ވަނީ ޖޫން މަހު ދެ ފަރާތުގެ ދެމެދުގައި އެކުލަވާލި ފަހުމުނާމާގެ މައްޗަށް ކަމަށާއި، މިދިޔަ މަހު މުއްދަތު ހަމަވެފައިވާ އެ އެއްބަސްވުމާމެދު އެމެރިކާ ދެކޭގޮތް ސާފުކޮށްދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ހަނގުރާމަ ފެށުނީ ފެބުރުވަރީ މަހުގެ ފަހުކޮޅެވެ. އިސްވެ އީރާނަށް ހަމަލާދީފައި ވަނީ އެމެރިކާއިން ޔަހޫދީ އިސްރާއީލާ ގުޅިގެންނެވެ. އަދި ފުރަތަމަ ދުވަހުގެ ހަމަލާތަކުގައި އެ ގައުމުގެ ކުރީގެ ރޫހީ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލާފަ އެވެ.

ހުރްމުޒް ބަންދުކުރުމުގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއިން

ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ޒިންމާ އީރާނުން އުފުލަންޖެހޭ ކަމަށް ދެކެވޭ ވާހަކަތައް ވެސް ޕީޒިޝްކިއާން ވަނީ ރައްދުދެއްވާފަ އެވެ. އޭނާ ވިދާޅުވީ، އެމެރިކާއިން "އަޅުގަނޑުމެންގެ ކުރިމަތީގައި މަގުތައް ބަންދުކުރީ" ކަމަށެވެ. އެހެންކަމުން، އެ މަގު ބަންދުކުރުމަކީ "އީރާނަށް ދަތުރުފަތުރުކުރާ މަގުތައް ބަންދުކުރުމުން ދެވޭ ޤުދުރަތީ ރައްދެއް" ގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މި މައްސަލަ ހައްލުކުރެވޭނީ ބާރުގެ ބޭނުންކޮށްގެން ނޫން ކަމަށާއި، ހައްލު އޮތީ މަޝްވަރާގެ ތެރެއިން ކަމަށް ވެސް އީރާނުގެ ރައީސް ވިދާޅުވި އެވެ. އަދި، މަޝްވަރާތަކުގެ ތެރެއިން ހަނގުރާމަ ނިމުމަކަށް ގެނެވިއްޖެ ނަމަ، ވިޔަފާރި އުޅަނދުފަހަރަށް ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލާނެ ކަން ވެސް އޭނާ ހާމަކުރެއްވި އެވެ.

މި ހަނގުރާމައިގައި އިސްވެ ހަމަލާދިން ފަރާތަކީ އެމެރިކާ ކަން ޕީޒިޝްކިއާން ހަނދާންކޮށްދެއްވި އެވެ. އޭނާ ވިދާޅުވީ، އީރާނަކީ "ވޭތުވެދިޔަ 200 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ގައުމަކަށް ހަމަލާދީފައި ނުވާ” ގައުމެއް ކަމަށެވެ. އީރާނުގެ ވެރިކަމުގެ ނިޒާމު "ދުވަސްކޮޅެއްގެ ތެރޭގައި ވެއްޓިގެންދާނެ" ކަމަށް ބަލައި، އެމެރިކާއާއި އިސްރާއީލް އިން ވަނީ ސަރަހައްދުގެ އެހެން ޤައުމުތައް ވެސް މި ހަނގުރާމައިގެ ތެރެއަށް ވައްދާފައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޕީޒިޝްކިއާން ވިދާޅުވީ، "އަޅުގަނޑުމެން އެމެރިކާ އަދި އިސްރާއީލްގެ ހަމަލާތަކަށް ކެތްތެރިކަމާއެކު ކުރިމަތިލައިފިން، އަދި ސާބިތުކަންމަތީ ދެމިތިބޭނަން،" ކަމަށެވެ. މިއާއެކު، އީރާނުގެ ކޮމާންޑަރަކު އަވަހާރަކޮށްލުމުން ނުވަތަ އިގުތިސާދީ ފިއްތުންތައް ކުރިމަތިކުރުވުމުން ވެސް އީރާނުގެ ރައްޔިތުން ފަހަތަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް އަސްކަރީ އާ އީޖާދުތަކާއި އަދި ހީނުކުރާ ފަދަ "ސަޕްރައިޒްތަކަކުން" ރައްދުދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ ހަތިޔާރު އެޅި ފައުޖުތަކުން ދީފި

އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް އަސްކަރީ އާ އީޖާދުތަކާއި އަދި ހީނުކުރާ ފަދަ "ސަޕްރައިޒްތަކަކުން" ރައްދުދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ ހަތިޔާރު އެޅި ފައުޖުތަކުން ދީފި | ރޮއިޓާސް

އިސްރާއީލާއި އެމެރިކާއިން އީރާނަށް ހަމަލާދިނީ އިސްލާމީ ގައުމުތަކުގެ ބިމާއި ވައިގެ ސަރަހައްދު ބޭނުންކޮށްގެން ކަމަށް ޕީޒިޝްކިއާން ވިދާޅުވި އެވެ. އަދި، އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތައް ފަށަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން ކަމަށް ވާތީ، އީރާނުން އެ މަރުކަޒުތަކަށް ހަމަލާތައް އަމާޒުކުރާ ކަމަށް އޭނާ ބަޔާންކުރެއްވި އެވެ. ބައިނަލްއަގްވާމީ ޤާނޫނުތަކުން ބޭރުން އެއްވެސް ކަމަކަށް ތެހެރާނުން ނޭދޭ ކަމަށާއި، އީރާނުން ރައްދު ދެނީ އެހެން ފަރާތްތަކުން އެ ގަވާއދުތަކާ ޚިލާފުވުމުން އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނަސްލުހޭދުކުރުމަށް އިސްރާއީލުން ހިންގާ ގަތުލުއާންމުގައި ބޭނުންކުރާ އުކުޅުތަކާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެމެދު ގުޅުމެއް ވާކަމަށް ވެސް ޕީޒިޝްކިއާން ވިދާޅުވި އެވެ. "އީރާނުގެ ރައްޔިތުންނަށް ބޭހާއި އަސާސީ ރޯ މެޓީރިއަލް ހޯދުމުގެ ފުރުސަތު ނިގުޅައިގަންނަ ފަރާތްތަކަކީ ޣައްޒާއިން ކާބޯތަކެއްޗާއި ފެން ކަނޑާލި މީހުން،" އޭނާ ވިދާޅުވި އެވެ. އަދި، ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އީރާނުގެ ރައްޔިތުން ބަލިކަށިކޮށްލެވިދާނެ ކަމަށް ގަބޫލުކުރި ކޮންމެ ބަޔަކު ވެސް ހެދީ "ގޯސް ހިސާބުތަކެއް" ކަން އޭނާ ފާހަގަކުރެއްވި އެވެ.

'ސަރަހައްދީ ފުލުހަކު ބޭނުމެއް ނުވޭ'

ސަރަހައްދީ ރައްކާތެރިކަން ގާއިމުކުރެވޭނީ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުމުގެ ތެރެއިން ކަމަށް ޕީޒިޝްކިއާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، "އަޅުގަނޑުމެން ސަރަހައްދީ ފުލުހަކު ބޭނުމެއް ނުވޭ،" ކަމަށެވެ. ސަރަހައްދުގެ ވަސީލަތްތަކުގެ މައްޗަށް ބާރުފޯރުވުމަށް ޓަކައި، އިސްލާމީ ގައުމުތައް އެއް ގައުމު އަނެއް ގައުމާ ދެކޮޅަށް ޖެއްސުމަށް އެމެރިކާއާއި އިސްރާއީލުން މަސައްކަތްކުރާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. އަދި، އިސްލާމީ އުންމަތް އެއްބައިވަންތަކުރުމުގައި އިސް ދައުރެއް އަދާކުރުމުގެ ގާބިލުކަން ސައުދީ އަރަބިއްޔާއަށް ލިބިގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާނާ ގުޅުން އޮންނަ ހޫޘީ ހަނގުރާމަވެރިންނާއި ސައުދީގެ ތާއީދު އޮންނަ ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާ ދެމެދު ހަނގުރާމަ ވަރުގަދަވެފައިވާ ޔަމަނުގެ މަސްރަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޕީޒިޝްކިއާން ވިދާޅުވީ، ހޫޘީންގެ އަމަލުތަކަކީ އީރާނާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި، ތެހެރާނުން އަބަދުވެސް ދެމިއޮންނާނީ "ބޭއިންސާފަށް ހުށަހެޅޭ ކޮންމެ މީހަކާ" އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހޫޘީންނާއި ސައުދީ އަރަބިއްޔާއާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތައް މަޝްވަރާގެ މަގުން ހައްލުކުރުމަށް އޭނާ ގޮވާލެއްވި އެވެ. "އަޚަކު އޭނާގެ އަޚާއާ ހަނގުރާމަކޮށްގެން ނުވާނެ،" ކަމަށް ވިދާޅުވެ، އެ މައްސަލަ ނިމުމަކަށް ގެނައުމުގައި އީރާނުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ހުށަހެޅުއްވި އެވެ. ޕީޒިޝްކިއާން ވިދާޅުވީ، "އަޅުގަނޑުމެންނަކީ ހަނގުރާމަ ފަތުރާ ބަޔަކަށް ނުވާނަން،" ކަމަށެވެ.

'އެއްބައިވަންތަކަމާއި ބަދަހިކަން'

އީރާނުގެ ދާޚިލީ ސިޔާސީ މަސްރަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޕީޒިޝްކިއާން ވަނީ، އެ ގައުމުގެ އިސް ވެރިންގެ މެދުގައި ބައިބައިވުން އުފެއްދުމަށް އީރާނުގެ "ޢަދާވާތްތެރިން" މަސައްކަތްކުރަމުންދާ ކަމަށެވެ. ނަމަވެސް، މިއަދު އީރާނުން ފެންނަމުންދަނީ "މީގެ ކުރިން ދުވަހަކު ވެސް ނުފެންނަ ފަދަ އެއްބައިވަންތަކަމާއި ބަދަހިކަމެއް" ކަން އޭނާ ފާހަގަކުރެއްވި އެވެ.

ހަނގުރާމަ ފެށުނު ފަހުން އާންމުންގެ ތެރެއަށް ވަޑައިގަންނަވާފައި ނުވާ އީރާނުގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީއާ ދެ ފަހަރެއްގެ މަތިން ބައްދަލުކުރެއްވި ކަމަށް ވެސް ޕީޒިޝްކިއާން ހާމަކުރެއްވި އެވެ. އޭގެ ތެރެއިން އެއް ބައްދަލުވުން ހަތް ގަޑިއިރަށް ދެމިގެންދިޔަ ކަމަށާއި، އެ ބައްދަލުވުމުގައި މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަން އޭނާ ހާމަކުރެއްވި އެވެ. އަދި، "އީރާނުގެ އެތެރޭގެ ހާލަތުގައި ޖަމާވެފައިވާ ނުތަނަވަސްކަމާއި ފަރަގުތައް" ހައްލުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

އެމެރިކާއާއި އިސްރާއީލުން ބޭނުންވަނީ އީރާނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ގައުމަކަށް ވިޔަނުދީ ހުއްޓުވުމަށް ކަމަށް ޕީޒިޝްކިއާން ވިދާޅުވި އެވެ. ނަމަވެސް، "އަޅުގަނޑުމެން އިންވެސްޓް ކުރާނީ އަޅުގަނޑުމެންގެ ރައްޔިތުންނަށް،" ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

މަސްއޫދު ޕެޒެޝްކިއާންއީރާން-އެމެރިކާއީރާން-އިސްރާއީލުހުރްމުޒް ކަނޑުއޮޅިއައްބާސް އަރަގްޗީމުޖްތަބާ ޚާމަނާއީ

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

4

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

5

ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ދެމިއޮންނާނަން: އޮމާން

27 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ދެމިއޮންނާނަން: އޮމާން
26 ސެޕްޓެމްބަރު 2026

އީރާނުގެ އެއާލައިންތަކަށް ފުރުސަތު ނުދޭނަމަ، ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ބުރޫއަރާނެ: އީރާން

26 ސެޕްޓެމްބަރު 2026
އީރާނުގެ އެއާލައިންތަކަށް ފުރުސަތު ނުދޭނަމަ، ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ބުރޫއަރާނެ: އީރާން
26 ސެޕްޓެމްބަރު 2026

ހަނގުރާމަ ހުއްޓާލަން އީރާނުން ހަތް ދުވަހުގެ މަގުޗާޓެއް ހުށަހަޅައިފި، އެމެރިކާއިން އެއްބަސްވެދާނެތަ؟

26 ސެޕްޓެމްބަރު 2026
ހަނގުރާމަ ހުއްޓާލަން އީރާނުން ހަތް ދުވަހުގެ މަގުޗާޓެއް ހުށަހަޅައިފި، އެމެރިކާއިން އެއްބަސްވެދާނެތަ؟
26 ސެޕްޓެމްބަރު 2026

މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ޓްރަމްޕް ރާއްވަވަނީ

26 ސެޕްޓެމްބަރު 2026
މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ޓްރަމްޕް ރާއްވަވަނީ
25 ސެޕްޓެމްބަރު 2026

އީރާނުން ހަނގުރާމަކުރަން ބޭނުމެއް ނޫން، އެއްބަސްވުމެއް ހަދަން ތައްޔާރު: ޕީޒިޝްކިއާން

25 ސެޕްޓެމްބަރު 2026
އީރާނުން ހަނގުރާމަކުރަން ބޭނުމެއް ނޫން، އެއްބަސްވުމެއް ހަދަން ތައްޔާރު: ޕީޒިޝްކިއާން
24 ސެޕްޓެމްބަރު 2026

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

24 ސެޕްޓެމްބަރު 2026
އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި
24 ސެޕްޓެމްބަރު 2026

އަރާގްޗީ އީރާނުގެ 'ސާފު އަދި ދެފުށް ފެންނަ' ޝަރުތުތައް އެމެރިކާއަށް ހުށަހަޅުއްވައިފި: ތަރުޖަމާނު

24 ސެޕްޓެމްބަރު 2026
އަރާގްޗީ އީރާނުގެ 'ސާފު އަދި ދެފުށް ފެންނަ' ޝަރުތުތައް އެމެރިކާއަށް ހުށަހަޅުއްވައިފި: ތަރުޖަމާނު
24 ސެޕްޓެމްބަރު 2026

"ނިއުކްލިއާ ބޮން އޮތީ އިސްރާއީލުގައި، އިންސްޕެކްޓަރުން ތިބީ އީރާނުގައި" - ޕެޒެޝްކިއަން

24 ސެޕްޓެމްބަރު 2026
"ނިއުކްލިއާ ބޮން އޮތީ އިސްރާއީލުގައި، އިންސްޕެކްޓަރުން ތިބީ އީރާނުގައި" - ޕެޒެޝްކިއަން
23 ސެޕްޓެމްބަރު 2026

ޚާމަނާއީ: ތައުލީމަކީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އޮތް ދަގަނޑު އައްޑަނަ

23 ސެޕްޓެމްބަރު 2026
ޚާމަނާއީ: ތައުލީމަކީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އޮތް ދަގަނޑު އައްޑަނަ
22 ސެޕްޓެމްބަރު 2026

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

22 ސެޕްޓެމްބަރު 2026
އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް