މިނިސްޓަރަށް މުވައްޒަފުންގެ އިތުބާރު ގެއްލި، ފުލުހުން ހައުސިންގ މިނިސްޓްރީގައި ފޯރިމަރަން ފަށައިފި
27 ސެޕްޓެމްބަރު 2026 | އާދީއްތަ 07:54ރަސްމާލެ މަޝްރޫއުގެ ލިޔެކިޔުންތައް ހުރި ލޮކަރުތަކެއް އުސޫލުން ބޭރުން ހުޅުވާފައި ހުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވަނިކޮށް، ހައުސިންގ މިނިސްޓްރީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ނޮން-އޮފީސް ގަޑިތަކުގައި ފުލުހުން އެ އިމާރާތް ބަލަހައްޓަން ފެށުމުން މުވައްޒަފުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައި

ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން | ހައުސިންގ މިނިސްޓްރީ
ހައުސިންގ މިނިސްޓްރީން ރަސްމާލެ މަޝްރޫއާ ގުޅޭ މުހިންމު ލިޔެކިޔުންތަކެއް ގެއްލިގެން އުޅޭ ވާހަކަ ފެންމަތިވެފައިވަނިކޮށް، އެ މިނިސްޓްރީގައި ފުލުހުން ފޯރިމަރަން ފަށައިފި އެވެ.
އެ މިނިސްޓްރީގެ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން ގޮތުގައި، ވޭތުވެދިޔަ ދެ ރޭ ފުލުހުން ވަނީ ހައުސިންގ މިނިސްޓްރީ ހިނގަމުންދާ އިމާރާތުގެ ދޮރުމަތީގައި ފާރައަށް ތިބެފަ އެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި މިކަމުގެ ސަބަބުން މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދި، އެކަން އެގޮތައް ކުރަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ނިންމެވީ، މުވައްޒަފުންނަށް އިތުބާރު ނުކުރާތީ ކަމަށް ބައެއް މުވައްޒަފުން ބުނެފައިވާ ކަމުގަ އެވެ.
ފުލުހުންގެ ފޮރެންސިކް ޓީމަކުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އަށް ވަދެ ތަހުގީގެއް ހިންގިކަން ހާމަވީ، ހުކުރު ދުވަހުގެރޭ 7:30 ހާއިރު ހިންގި އޮޕަރޭޝަންއަކާ ގުޅިގެންނެވެ.
މި މައުލޫމާތު ލިބުމާ ގުޅިގެން ރާއްޖެޓީވީން އެ ސަރަހައްދު ބެލި އިރު ފުލުހުން ތިބިކަން ފާހަގަ ކުރެވިފައެއް ނުވެ އެވެ. މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ، ފުލުހުން ތިބެނީ ރޭނގަޑުގެ ވަގުތުގައި އޮފީސް ބަންދު ގަޑީގައި ކަމަށާއި، އެ މީހުން އާދިއްތަ ދުވަހު އޮފީސް ހުޅުވުމާ ހަމައަށް މިނިސްޓްރީގެ ދޮރުމަތީގައި ފާރައަށް ހަރަކާތްތެރިވެފައިވާ ކަމުގަ އެވެ.
ރަސްމާލެ މަޝްރޫއުގެ މުހިންމު ލިޔެކިޔުންތަކެއް ގެއްލިގެން އުޅޭ ކަމަށް ބެލެވޭތީ، ފުލުހުންގެ ފޮރެންސިކް ޓީމުން އެ މިނިސްޓްރީގައި ހަރަކާތްތެރިވިކަން މަސްދަރުތަކުން ކަށަވަރުކޮށްދީފައިވަނިކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ މިނިސްޓްރީ ގައި ހުރި ރަސްމީ ލިޔެކިޔުުންތަކެއް އަޅާފައިވާ ލޮކަރުތަކެއް، އޮންނަ އުސޫލުން ބޭރުން ހުޅުވާފައި ހުރިކަމަށް އެ މިނިސްޓްރީ އިން ކުރި ރިޕޯޓަކާ ގުޅިގެން، 2026 ސެޕްޓެމްބަރު 25 ވީ ހުކުރު ދުވަހުގެ ރޭ، 07:18 ހާއިރު ފުލުހުން އެ މިނިސްޓްރީ އަށް ހާޒިރު ވި ކަމަށެވެ.










