ދިވެހިންނަށް ވިސާއާ ނުލައި 30 ދުވަހަށް ބެލަރޫސްއަށް ދަތުރުކުރެވޭ ގޮތް ހަދައިފި
24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:07ރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާ މައާފުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން، ދެ ގައުމުގެ ރައްޔިތުންނަށް ވެސް 30 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ މަގު ވަނީ ފަހިވެފައި. އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ސޮއިކުރި މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ


ރާއްޖެއާއި ބެލަރޫސްއާ ދެމެދު އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ވިސާ މައާފުކުރުމުގެ މުހިންމު އެއްބަސްވުމެއްގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން | ފޮރިން މިނިސްޓްރީ
ދިވެހިރާއްޖެއާއި ބެލަރޫސްއާ ދެމެދު އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ވިސާ މައާފުކުރުމުގެ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފުތާގެ ހަވާސާގަ އެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެވެ. އަދި ބެލަރޫސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޚާރިޖީ ވަޒީރު މެކްސިމް ރީޒެންކޯވް އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެ ބޭފުޅުން ބޭއްވެވި މަޝްވަރާތަކުގައި، ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ބެލަރޫސް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމަށް ވަޒީރު އިރުތިޝާމް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
މީގެ އިތުރުން މި އެއްބަސްވުމާ ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ވިސާ ނަގަން ނުޖެހި ލުއިފަސޭހަތައް ލިބޭނެ ކަމަށެވެ.
އެގޮތުން އެއްފަހަރު އެތެރެވާ ގޮތަށް 30 ދުވަހުގެ މުއްދަތަކަށް، ނުވަތަ ކަލަންޑަރު އަހަރެއްގެ ތެރޭގައި ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާނޭހެން ތަކުރާރުކޮށް ދަތުރުކުރުމުގެ ފުރުސަތު ދެ ގައުމުގެ ރައްޔިތުންނަށް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.










