އިހުތިރާމު ލިބިގަތުމަށްޓަކައި ފުރަތަމަ ވެރިން އިހުތިރާމު ކުރަން ޖެހޭ: އަލީ ހުސެއިން
11 ސެޕްޓެމްބަރު 2026 | ހުކުރު 11:48މުޖުތަމައުގައި އިހުތިރާމް ލިބޭނީ ވެރިން އެހެން މީހުންނަށް އިހުތިރާމްކޮށްގެން ކަމަށާއި އެކަން ފަށަންޖެހެނީ ރައީސް މުއިއްޒުގެ ކިބައިން ކަމަށް ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ. އަދި ރައީސް ޤާނޫނުއަސާސީއަށާއި ދައުލަތުގެ ނިޒާމުތަކަށާއި ރައްޔިތުންގެ ހައްޤުތަކަށް އިހުތިރާމް ނުކުރައްވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީނާމެދު ކަންތައް ކުރެއްވި ގޮތުން މައާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި


ޓީވީ ޓޯކްގައި ގާނުނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވާހަކަ ދައްކަނީ | ރާއްޖެ އެމްވީ
މުޖުތަމައުގައި އިހުތިރާމު ލިބިގަންނަން އެދޭނަމަ، އެންމެ ފުރަތަމަ އިހުތިރާމު ކުރަން ދަސްކުރަންޖެހޭނީ ވެރިކަމުގައި ތިއްބެވި ބޭފުޅުން ކަމަށާއި، މި ސިފަ އަށަގަންނުވަން ފަށަންޖެހެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ޓީވީ ޓޯކް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވަނީ މުޖުތަމައުގައި އިހުތިރާމު ކުޑަވަމުންދާ މައްސަލައާ ގުޅޭގޮތުން ސުވާލު އުފައްދަވާފަ އެވެ. އެގޮތުން އިހުތިރާމު ގެއްލުވާލީ ކާކުތޯ އާއި، މިކަން ފެށިގެން އައީ ކިހިނެއްތޯ އޭނާ ސުވާލުކުރެއްވި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސްކޫލްތަކުގައި ބޭނުންކުރި ޝިއާރެއް ކަމަށްވާ "އިހުތިރާމު ކުރާށެވެ! އިހުތިރާމު ލިބިގަންނާށެވެ!" މި ބަސް ހަނދާންކޮށްދެއްވަމުން އޭނާ ވިދާޅުވީ، ރައީސް އެހެން މީހުންނަށް އިހުތިރާމު ކުރައްވަން ފެއްޓެވުމުން، އޭގެ ބަދަލުގައި އެމަނިކުފާނަށް ވެސް އިހުތިރާމު ލިބިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ޤައުމުގައި އިހުތިރާމު ގެއްލިފައިވާ ކަމަށް ރައީސް ވިދާޅުވާއިރު، ހަޤީޤަތަކީ އެމަނިކުފާނު އެއްވެސް މީހަކަށް އިތުބާރު ނުކުރެއްވުން ކަމުގައި އަލީ ހުސެއިން ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ވެރިކަމުގައި ތިއްބަވާ ބޭފުޅުންނާއި ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އެއްވެސް މީހަކަށް ނުވަތަ ގާއިމުވެފައިވާ ނިޒާމަކަށް އަދި ޤާނޫނުއަސާސީގެ އިތުރުން ވެވަޑައިގެންނެވި ވައުދުތަކަށް ވެސް އިހުތިރާމެއް ނުކުރައްވާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. އެގޮތުން ފުށިދިއްގަރުފަޅުގެ މަޝްރޫއަށް އަލިއަޅުއްވާލައްވަމުން އަލީ ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން އެންމެ ލޯލާރިއެއް ވެސް ޚަރަދު ނުކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، ދައުލަތުގެ ބަޖެޓުގައި ނުހިމަނައި އަދި ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ފަޅުތައް ހުއްޓުވުމަށްފަހު އެ މަޝްރޫއު ފެށީ ޤާނޫނާ ޚިލާފަށް ކަމަށެވެ. އަދި އެމްޓީސީސީ އިން އެ މަސައްކަތަށް ގާތްގަނޑަކަށް 250،000 ޑޮލަރުގެ އަންދާޒާއެއް ހަދާފައިވަނިކޮށް، މިހާރު އެ ޚަރަދު 600 މިލިއަން ޑޮލަރަށް އަރައިގެންދާއިރު، ބާކީވާ ފައިސާއަށް ވާގޮތެއް ސާފުނުވުމަކީ ވެސް ނިޒާމަށް އިހުތިރާމު ނުކުރުމުގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.
އަލީ ހުސެއިން އިތުރަށް ވިދާޅުވީ، ރައްޔިތުންގެ އަސާސީ ހައްޤުތަކަށާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެއްވެސް އިހްތިރާމެއް ނެތް ކަމަށާއި، އެންމެ ފަހުން ޑޮލަރުގެ މައްސަލައިގައި ވާހަކަދެއްކުމުގެ ފުރުސަތު ވެސް ހަނިކޮށްފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ފޮޓޯފުޅު ދައްކަވައިގެން ކަމަށްވާއިރު، ވެރިކަން ލިބިވަޑައިގަތުމުން އެމަނިކުފާނާ މެދު ކަންތައް ކުރެއްވި އިހާނެތި ގޮތުގެ ސަބަބުން، ރައީސް ޔާމީނަށް އިހުތިރާމު އަދާކުރައްވައި މައާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިހުތިރާމު ގާއިމުކުރަން ބޭނުންނަމަ އެންމެ ފުރަތަމަ ޤާނޫނުއަސާސީއަށާއި ދައުލަތުގެ ނިޒާމަށް އިހުތިރާމު ކުރަންޖެހޭނެ ކަން ފާހަގަކުރައްވަމުން އަލީ ހުސެއިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެނިގެންދިޔަ ކަންކަމުން އެނގިގެންދަނީ ރައީސްގެ ހިތްޕުޅުގައި މަޖިލީހަށް ވެސް އެއްވެސް ޤަދަރަކާއި އިހުތިރާމެއް ނެތް ކަމަށެވެ.











