ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި
23 ސެޕްޓެމްބަރު 2026 | ބުދަ 13:58އައު ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބޭރުގެ ފަރާތްތަކަށް ވިޔަފާރިކުރުން މަނާ ދާއިރާތަކުން ވަކިވުމަށް ދީފައިވާ މުއްދަތު އަންނަ މަހަށް ހަމަވާތީ، މިހާތަނަށް ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި. އެހެންކަމުން މި ކުންފުނިތަކުގެ ހިއްސާދާރުން ނުވަތަ މަންދޫބުން ވީ އެންމެ އަވަހަކަށް އިންވެސްޓް މޯލްޑިވްސްއާ ގުޅުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައި


އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު | ރައީސް އޮފީސް
ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން އަލަށް އަމަލުކުރަން ފެށި ޝަރުތުތަކާ އެއްގޮތަށް، ކޮންމެހެން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށްޓަކައި މުއާމަލާތް ކުރަން މަސައްކަތްކޮށް ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ މައުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ކޮމާސް އިން އާންމުކޮށްފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި އައު ފޮރިން އިންވެސްޓްމަންޓް ގާނޫނުގައިވާ ގޮތުން، ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ވިޔަފާރިކުރުން މަނާ ދާއިރާތަކުގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކުން އެ ދާއިރާތަކުން ވަކިވާންޖެހެ އެވެ. މިގޮތުން މަނާކުރެވިފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި، ކާގޯ ސޭލްސް އެޖެންޓް، ޖެނެރަލް ސޭލްސް އެޖެންޓް އަދި ޕެސެންޖަރ ސޭލްސް އެޖެންޓުގެ ހިދުމަތްތައް ހިމެނޭ ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ދާއިރާތަކުގައި މަސައްކަތްކުރާ ބޭރުގެ ކުންފުނިތަކުން އަންނަ މަހުގެ ނިޔަލަށް އެ ވިޔަފާރިތައް ހުއްޓާލަންޖެހޭނެ ކަމަށެވެ. ނަމަވެސް މިނިސްޓްރީގެ ރެކޯޑްތަކަށް ބަލައި އީމެއިލް އަދި ފޯނުން ގުޅަން ކުރި މަސައްކަތުން ވެސް މިހާތަނަށް ގުޅޭގޮތް ނުވި 8 ކުންފުންޏެއް ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ގުޅޭގޮތް ނުވެގެން މިނިސްޓްރީން އާންމުކުރި ކުންފުނިތަކަކީ މެގާ ސްޕީޑްލައިނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، އެސްލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އައިސޯލާ ކްރިއޭޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. މީގެއިތުރުން ޑިނަމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ލެމިންގޓަންސް ޖުވެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެމް.ޔޫ.ކޭ އެޕަރަލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ލަކްޖެމްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އޯޝަން ވެލް ގާމެންޓްސް ޕްރައިވެޓް ލިމިޓެޑް ވެސް މި ލިސްޓުގައި ހިމެނެ އެވެ.
އެހެންކަމުން، މި ކުންފުނިތަކުގެ ޑައިރެކްޓަރުން، ހިއްސާދާރުން ނުވަތަ ގާނޫނީގޮތުން އައްޔަނުކޮށްފައިވާ މަންދޫބުން، ވީ އެންމެ އަވަހަކަށް އިންވެސްޓް މޯލްޑިވްސްގެ ފޮރިން އިންވެސްޓްމަންޓް ޔުނިޓާ ގުޅުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. ހަމައެއާއެކު، ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ހުރިހާ ވިޔަފާރިތަކަކުން ވެސް އިންތިގާލީ މަރުހަލާގައި ފުރިހަމަކުރަންޖެހޭ ކަންކަން ބަލައި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ މަސައްކަތްތައް ނިންމުމަށް ވެސް އެ މިނިސްޓްރީން ވަނީ ހަނދާންކޮށްދީފަ އެވެ.











