ތިލަފުށީ ވިޔަފާރި ބަނދަރުގެ މަޝްރޫއު ކުރިއަށްގެންދަން ވަކި ގައުމަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތައް އިކޮނޮމިކް މިނިސްޓްރީން ދޮގުކޮށްފި
9 ސެޕްޓެމްބަރު 2026 | ބުދަ 12:44ތިލަފުށީ ބަނދަރު މަޝްރޫއު ކުރިއަށްގެންދަނީ ރާއްޖޭގެ ގާނޫނުތަކާއި އިސްތިރާޖީ މަސްލަހަތުތަކަށް ރިއާޔަތްކޮށް، ވަކި ގައުމަކަށް ތަފާތުކުރުމެއް ނެތި ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފި. މި ބަނދަރުގެ މިލްކުވެރިކަމާއި ހިންގުމުގެ ފުރިހަމަ ބާރު ސަރުކާރަށް އޮންނާނެ ކަމަށާއި، މި މަސައްކަތުގައި ބައިނަލްއަގުވާމީ އެކި ބައިވެރިންގެ އެހީތެރިކަން ހޯދަމުންދާނީ ގައުމީ ސިޔާދަތަށް އުނިކަން ނުލިބޭނެ ގޮތަށްކަމަށް މިނިސްޓްރީން ބުނޭ


ތިލަފުށީގައި ހުންނަ ލޯކަލް ކޮންޓޭނަރު ޑީޕޯ: ވިޔަފާރި ބަނދަރު ތަަރައްގީކުރަނީ 10 ހެކްޓަރުގެ ބޮޑު ސަރަހައްދެއްގައި | އެމްޕީއެލް
ތިލަފުށީގައި ތަރައްގީކުރާ އައު ބައިނަލްއަގުވާމީ ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ވަކި ގައުމަކަށް ނުވަތަ ވަކި ބައިވެރިއަކަށް އިސްކަންދީފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ފަތުރަމުންދާ ވާހަކަތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ދޮގުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މަޝްރޫއު ހަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ކަމަށެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި މި ނިންމުމަކީ ހަމައެކަނި ރާއްޖޭގެ ތަރައްގީގެ ދިގު މުއްދަތުގެ އިސްތިރާޖީ މަސްލަހަތުތަކަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ބައިނަލްއަގުވާމީ އެއްވެސް ބައިވެރިއަކާ މެދު ގެންގުޅޭ ގުޅުމަށް ބަދަލެއް އައިސްގެން ނުވަތަ ވަކި ބަޔަކާ މެދު ތަފާތުކުރުމެއް ގެންގުޅުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ތިލަފުށީ ބަނދަރުގެ ތަރައްގީ އާއި މިލްކުވެރިކަން އަދި ހިންގުމުގެ ހުރިހާ ކަމެއް އޮންނާނީ ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ރާއްޖޭގެ ސިޔާދަތީ ބާރުތަކަށް އުނިކަމެއް އަންނާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށާއި، ރާއްޖޭގެ އުމްރާނީ ތަރައްގީގެ ނިންމުންތަކުގެ މައްޗަށް ބަސް ބުނުމުގެ ބާރު އެއްވެސް ބޭރުގެ ފަރާތަކަށް ލިބިގެން ނުވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
މި މަޝްރޫއާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ތިލަފުށީ ބަނދަރަކީ ދިވެހި ރައްޔިތުންގެ ލާބަޔާއި މުޅި ގައުމުގެ ކުރިއެރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއު ހަވާލުކުރީ ސަރުކާރުގެ ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކަމަށާއި، މިއީ ރާއްޖޭގެ ބައިނަލްއަގުވާމީ ބައިވެރިންނާ މެދު އޮތް ގުޅުމަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ސައީދު ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ "މޯލްޑިވްސް ފަސްޓް" ނުވަތަ "ދިވެހިރާއްޖެ އިސްކުރުން" މި ސިޔާސަތުގެ ދަށުން، ހުރިހާ ބައިނަލްއަގުވާމީ ބައިވެރިންނާއެކު ވެސް ބިނާކުރަނިވި ގުޅުމެއް ބާއްވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. މިގޮތުން ކުރެވޭ ކޮންމެ މަސައްކަތެއްގައި ވެސް އެންމެ އިސްކަމެއް ދޭނީ ރާއްޖޭގެ މިނިވަންކަމާއި ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިން އެންޑް ސާވޭގެ މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިން (ސީއެޗްއީސީ) އަށް މިދިޔަ ފެބްރުއަރީ މަހު ވަނީ ހަވާލުކޮށްފަ އެވެ.
މީގެ އިތުރުން، މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގައި އެމެރިކާއިން ބައިވެރިވާނެ ކަމަށް އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ހާމަ ކުރައްވާފަ އެވެ. އަދި އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އެމެރިކާ ސަރުކާރުން ބަލާފައިވެ އެވެ.











