އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ މާލެ ސިޓީ ހޯލުގައި ޓެންޓު ޖަހައިގެން، ސަރުކާރުން ހުރަސް އެޅިޔަސް ކޮންގްރެސް ކުރިއަށްދާނެ
22 ސެޕްޓެމްބަރު 2026 | އަންގާރަ 06:43ވަޙީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކޮންގްރެސް ބޭއްވުމަށް ސަރުކާރުން ކިތަންމެ ވަރަކަށް ހުރަސް އެޅި ނަަމަވެސް، އެމްޑީޕީ އިން ހުއްޓުމެއް ނެތި އެކަން ކުރިއަށް ގެންދާނެ ކަމަށް


އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން | ރާއްޖެ އެމްވީ
އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް ކުރިއަށް ގެންދަނީ މާލޭ ސިޓީ ހޯލުގައި ޓެންޓު ޖަހައިގެން ކަމަށާއި، ސަރުކާރުން ހުރަސް އެޅިޔަސް އެމްޑީޕީ އިން އެކަން ކުރާނެ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހީދު ވިދާޅުވީ، އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހުނީ މާލެ ސިޓީ ހޯލުގައި ކަމަށެވެ. އެއީ ހާމައަށް އޮތް ބިމެއް ކަމަށާއި، އެ ތަނުގައި ކޮންގްރެސް ބާއްވަނީ ޓެންޓު ޖަހައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. ވަހީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކޮންގްރެސް ބޭއްވުމަށް ސަރުކާރުން ކިތަންމެ ވަރަކަށް ހުރަސް އެޅި ނަަމަވެސް، އެމްޑީޕީ އިން ހުއްޓުމެއް ނެތި އެކަން ކުރިއަށްގެންދާނެ ކަމަށެވެ.
މީގެ އިތުރުން ވަހީދު ވިދާޅުވީ، ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސް ބޭއްވީ މާލޭގައި ހުރި އެންމެ ބޮޑު ސަރަހައްދު ބަންދުކޮށްގެން ކަމަށެވެ. އެގޮތުން ސޯޝަލް ސެންޓަރުގައި ކޮންގްރެސް ކުރިއަށް ގެންދިޔައިރު، އެ ސަރަހައްދުގައި ހުރި ހުރިހާ ސްކޫލެއް ވެސް ބަންދުކުރިކަމަށް ވަހީދު ވިދާޅުވި އެވެ. އެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ހުރިހާ ޕާޓީތަކަށް ފުރުސަތު ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިކަން ވަހީދު ފާހަގަކުރެއްވި އެވެ.
ކޮންގްރެސްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ ހުރިހާ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ދެއްވާ ވާހަކަ. އެވަގުތު އަޅުގަނޑު ހިތަށް އެރީ ހުރި ހަޔާތް ކުޑަކަން ދެކިބަލާށޭ. އަޅުގަނޑުމެންނަށް ކޮންގްރެސް ބާއްވާނެ ތަނެއް ނުދީ، މާލޭގެ ތިން ސްކޫލް ހިސޯރުކޮށްގެން، ސޯޝަލް ސެންޓަރުގައި ކޮންގްރެސް ބޭއްވީ ތިން ސްކޫލް ހިސޯރު ކޮށްގެންއިބްރާހީމް ވަހީދު
އެމްޑީޕީގެ ކޮންގްރެސްއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ، އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމަށް 980 އަށް ވުރެ ގިނަ ބައިވެރިން ތިބި ކަމަށެވެ. އޭގެ ތެރެއިން ކޮންގްރެސް އަށް އައުމަށް ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި، އެ ވެބްސައިޓުން ރަޖިސްޓްރީކޮށް، ކޮންގްރެސްގެ މައުލޫމާތު ލިބޭނެ ކަމަށެވެ.
ވަހީދު ވިދާޅުވީ މި މަހުގެ 20 އިން، 25 އަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ކޮންގްރެސްގައި ބައިވެރިވާ މެންބަރުންގެ ކިޓު ދޫކުރުން، އެމްޑީޕީގެ ހަރުގޭގައި މި މަހުގެ 29 އިން 30 އަށް ކުރިއަށްދާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ވަރަށް ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވާާއިރު، ޕާޓީގެ މެންބަރުންގެ މެދުގައި ކޮންގްރެސްއާ މެދު ޝައުޤުވެރިކަން އޮތް ކަމަށް ވެސް ވަހީދު ވިދާޅުވެފައިވެ އެވެ. އަތައް ދަތިތަކާއި އުނދަގޫތަކާ އެކު ވެސް، މެންބަރުންގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު ކޮންގްރެސް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ އިން އެ ޕާޓީގެ ކޮންގްރެސް ކުރިއަށްގެންދަން ނިންމާފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.










