ގިނަ އަދަދެއްގެ ބޭރު ފައިސާ ފޮރުވައިގެން ފުރަން ދިޔަ ބަންގްލަދޭޝްގެ 6 މީހުންގެ ބަންދަށް 10 ދުވަސް، މަނީ ލޯންޑަރިންގެ ތުހުމަތަށް އެންމެން ވެސް އިންކާރު ކުރޭ!
20 ސެޕްޓެމްބަރު 2026 | އާދީއްތަ 08:07ސީރިއަލް ޕެކެޓުތަކެއްގެ ތެރޭގައި ފޮރުވައިގެން 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ ރާއްޖެއިން ބޭރުކުރަން އުޅުނު ބަންގްލަދޭޝްގެ ހަ މީހަކު ހައްޔަރުކޮށް، އެމީހުންގެ ބަންދަށް ކޯޓުން 10 ދުވަސް ވަނީ ޖަހާފައި. މި މީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭއިރު، މިއީ ރާއްޖޭގައި ބޭރު ފައިސާގެ ކަޅު ބާޒާރު ނައްތާލުމަށް ޓާސްކްފޯހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް ފައިސާތަކެއް


ކްރިމިނަލް ކޯޓު | ރާއްޖެ އެމްވީ
ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ހާއްސަކޮށްގެން އުފައްދާފައިވާ ޖޮއިންޓް ޓާސްކްފޯހުން ހިންގި އޮޕަރޭޝަނެއްގައި، ގާތްގަނޑަކަށް 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާއާއެކު ހައްޔަރުކުރި ބަންގްލަދޭޝްގެ 6 މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
19 ސެޕްޓެންބަރު 2026 ގައި މި 6 މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ. ނަމަވެސް މި އެންމެން ވެސް ވަނީ އެމީހުން މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތަށް އިންކާރުކޮށްފަ އެވެ.
މި ތުހުމަތުގައި ހައްޔަރުކުރި 35 އަހަރުގެ، މުހައްމަދު މައިނުއްދީން ސަލާހު، ކޯޓުގައި ބުނީ، އެއަރޕޯޓަށް ދިޔައީ ރަސެލް ކިޔާ މީހަކު ފޮރުވަން ކަމަށެވެ. 31 އަހަރުގެ ރަޖިބް ވަނީ ފައިސާ ފެނުނު ލަގެޖާ ހަވާލުވީ އަޖްގޮރު މިރިދާ ބުނެގެން ކަމަށާއި، އޭނާ ލާރިވެސް ދޭނަމޭ ބުނެފައިވާ ކަމަށާއި، އެ ލަގެޖު ހަވާލުކުރި މީހާއަކީ ދަންނަ މީހެއް ނޫން ކަމަށެވެ. މި ތުހުމަތުގައި ހައްޔަރުކުރި 38 އަހަރުގެ މުހައްމަދު އަބްދުﷲ ބުނީ، އޭނާ އެއަރޕޯޓަށް ދިޔައީ ބަންގްލަދޭޝްއިން އައި މީހަކު ބަލައި ކަމަށާއި، އިތުރު އެއްވެސް ކަމަކު ނޫން ކަމަށެވެ.
މީގެ އިތުރުން 37 އަހަރުގެ އަޖްގޮރް މިރިދާ ބުނީ، އޭނާ ބަންގްލަދޭޝްއަށް ނުދާތާ ދެތިން އަހަރުވެއްޖެ ކަމަށާއި، އޭނާއަކީ އަތޮޅުތެރޭ ރަށެއްގައި ހަތްހާސް ރުފިޔާގެ މުސާއަކަށް މޭސަނެއްގެ ވަޒީފާ އަދާކުރާ މީހެއް ކަމަށެވެ. އެއަރޕޯޓުން ރަޖިބު ކިޔާ މީހާ ދިމާވެގެން ލަގެޖުތައް ބަރުދަން އިތުރުވާތީ އެހީތެރިވާން އެދުނީ ކަމަށާއި، އޭނާ ނުދަންނަ ކަމަށް އޭނާ ބުންޏެވެ. އަދި އެތަނުގައި ތިއްބާ އިތުރު ބަންގްލަދޭޝް މީހަކު ވެސް އައިސް އޭނާ ގެ މުދާތައް ގެންގޮސްދޭން އެދުނު ކަމަށާއި، މިތަކެތި ފެނިފައިވަނީ އެ ލަގެޖުން ކަމަށް ކޯޓުގައި އޭނާ ބުނެފައިވެ އެވެ.
މި މައްސަލާގައި ހައްޔަރުކުރި 28 އަހަރުގެ އެމް ޑީ މޮހިއްދީން ޗޯދްރީ ބުނީ، އޭނާ އެއަރޕޯޓަށް ދިޔައީ ރައްޓެއްސަކު ފުރުވަން ކަމަށެވެ. އަދި 46 އަހަރު އެމްޑީ ޝަހިން މިއާހް ބުނީ، އޭނާ އެއަރޕޯޓަށް ދިޔައީ އަޖްގޮރު މީހަކު ދިން ޕާރުސަލެއް މިރިއާދާ ހަވާލު ކުރަން ކަމަށާއި، އޭގައި ހުރީ ކޮން އެއްޗެއް ކަމެއް ނޭނގޭ ކަމަށެވެ.
ނަމަވެސް ކޯޓުން ބުނީ، ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ.
އެގޮތުން ސީން ހިނގާދިޔަ ގޮތުގެ މައްޗަށާއި، ފުލުހުންގެ ބަހުގެ މައްޗަށް ތައްޔާރުކުރެވިފައިވާ ހުލާސާ ރިޕޯޓު އަދި އިންޓެލިޖެންސް ރިޕޯޓު ހުށަހަޅާފައިވެ އެވެ. އަދި މި އެންމެންނަކީ ވެސް، 3.8 މިލިޔަން ރުފިޔާގެ ބޭރު ފައިސާ އޮޅުވާލައިގެން ސީރިއަލް ޕެެކެޓުތަކެއްގެ ތެރެއަށް ލައިގެން ރާއްޖެއިން ބޭރަށް ގެންދަން މަސައްކަތް ކޮށްފައިވާ ބައެއް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މި އޮޕަރޭޝަން ހިންގާފައިވަނީ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2026 ސެޕްޓެންބަރު 18 ވަނަ ދުވަހު އެވެ.
މި އޮޕަރޭޝަންގައި ޖުމުލަ 18 ގައުމެއްގެ ފައިސާ އަތުލާގަނެފައިވެ އެވެ.
އޭގެ ތެރޭގައި 174,161 ޔޫ.އެސް ޑޮލަރާއި، 56,760 ޔޫރޯ އަދި 1,815 ސްޓަރލިންގ ޕައުންޑް ހިމެނެ އެވެ. މި ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3,861,415.29 ރުފިޔާ (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އޮނަތިރީސް ލާރި) އަށް އަރާ ކަމަށް ފުލުހުން ބުނެ އެވެ.
ޖޮއިންޓް ޓާސްކްފޯސްގެ އޮޕަރޭޝަންތައް ފުޅާކޮށްފައިމިވަނީ، ޑޮލަރުގެ ތާށިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި ބްލެކް މާކެޓުގައި ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް އުފުލިގެން ދަނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ޑޮލަރު ބޭރު ކުރާތީ ކަމަށް ސަރުކާރުން ބުނެ އެވެ. މި މައްސަލަ ހައްލު ކުރުމަށްޓަކައި ޚާއްސަ އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.










