އެމްޓީސީސީގެ ޓެކްސީތަކުން އުސޫލާ ހިލާފަށް މަގުމަތިން ދަތުރު ނަގައި، ފަތުރުވެރިންގެ އަތުން ޑޮލަރު ނަގާކަމުގެ ތުހުމަތު!
2 އޯގަސްޓު 2026 | އާދީއްތަ 08:21އެމްޓީސީސީގެ ޓެކްސީތަކުން އުސޫލާ ހިލާފަށް މަގުމަތިން ދަތުރު ނަގައި، ފަތުރުވެރިންގެ އަތުން ޑޮލަރުން ފައިސާ ހޯދާ ކަމުގެ ތުހުމަތުތަކެއް އާންމުން ވަނީ ކޮށްފައި. އެޕްލިކޭޝަން މެދުވެރިކޮށް ބުކިންގ ހަދަން ޖެހޭ މި ޚިދުމަތް ރަނގަޅަށް ރެގިއުލޭޓް ނުކުރެވޭތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން. ނަމަވެސް މި މައްސަލައާ ގުޅިގެން އެމްޓީސީސީގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައި


އެމްޓީސީސީގެ މިޓެކްސީ އިން އުސޫލާ ހިލާފަށް މަގުމަތިން ދަތުރު ނެގި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ޕޯސްޓުގެ ފޮޓޯއެއް | ސޯޝަލް މީޑިއާ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގަމުންދާ ޓެކްސީލައިންގެ ޓެކްސީތަކުން އުސޫލުތަކާ ހިލާފަށް ދަތުރުތައް ނަގަމުންދާ ކަމަށް ބުނެ އާންމުންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެއްޖެ އެވެ.
އެމްޓީސީސީގެ "މާލެ ޓެކްސީ ލައިން" ޚިދުމަތް ހޯދުމަށް ބުކް ކުރަން ޖެހޭނީ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށްށެވެ. ނުވަތަ އެމްޓީއެލް ވެބް އެޕް ނުވަތަ ހޮޓްލައިން 1655 އަށް ގުޅައިގެންނެވެ. އަދި ޚިދުމަތް އޮންލައިންކޮށް ފައިސާ ދެއްކޭ ނިޒާމު ވަނީ ގާއިމްކޮށްފަ އެވެ.
ނަމަވެސް މިފަހުން ސޯޝަލް މީޑިއާގައި އާއްމުންގެ މީހަކު ކުރި ޕޯސްޓަކާ ގުޅިގެން އެމްޓީސީސީއިން ހިންގަމުންދާ ޓެކްސީލައިންގެ ޓެކްސީތަކުން އުސޫލުތަކާ ހިލާފަށް ދަތުރުތައް ނަގަމުންދާ މައްސަލައަށް ވަނީ ގިނަ ބައެއް ސަމާލު ކަމަށް އައިސްފަ އެވެ.
ޓެކްސީއާއި ޑްރައިވަރު ފެންނަ ގޮތަށް ހިއްސާކުރި މިޕޯސްޓުގައި ތުހުމަތު ކޮށްފައިވަނީ، އެމްޓީސީސީގެ ޓެކްސީތަކަކީ މަގުމަތިން އަތް ހިއްލައިގެން ދަތުރު ނަގާ ކާރުތަކަކަށް ނުވި ނަމަވެސް، ބޭރު މީހުންނާއި ފަތުރުވެރިން އަތް ނެގުމުން އެ ކާރުތައް މަޑުކޮށް ދަތުރު ނަގަމުންދާ ކަމަށެވެ. އަދި މިގޮތަށް ނަގާ ދަތުރުތަކަށް ފަތުރުވެރިންގެ އަތުން ޑޮލަރު ނަގާ ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެ އެވެ.
މައުލޫމާތު ގޯސް ކަމަށް ނުވާނަމަ މި ޓެކްސީތަކަކީ މަގުމަތިން އަތް ހިއްލައިގެން ދަތުރު ނަގާ ކާރުތަކެއް ނޫން. އެކަމަކު ދޮން މީހަކު އަތް ނަގައިފި ނަމަ މަޑު ކުރޭސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވޭ
މި މައްސަލައިގައި ގިނަ ބަޔަކު އެމްޓީސީސީއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދާއިރު، ޓެކްސީތައް ރަނގަޅަށް ރެގިއުލޭޓް ނުކުރެވޭ ކަމަށާއި، ވަކި ބަޔަކު މީގެ ނަހަމަ މަންފާ ހޯދައި އަމިއްލަ ޖީބު ފުރަމުންދާ ކަމަށް އާންމުން ތުހުމަތު ކުރެ އެވެ.
އެމްޓީސީސީން ޓެކްސީގެ ޚިދުމަތް ތައާރަފް ކުރިއިރު ވެސް، އެ މަޝްރޫއާ ގުޅޭ ގޮތުން ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ފެންމަތިވެފަ އެވެ. އަދި މިހާރު ފެންމަތިވެފައިވާ މި މައްސަލައާ ގުޅޭގޮތުން އެމްޓީސީސީގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.











