ޚަޒާންދާރުކަމުގައި ހުންނެވި ދުވަސްވަރު ޝައްކުކުރެވޭ މުއާމަލާތެއް ނުހިންގަން: އަދުރޭއަށް މުސްތަފާގެ ހޫނު ރައްދެއް
12 ސެޕްޓެމްބަރު 2026 | ހޮނިހިރު 13:40ޕީޕީއެމްގެ ޚަޒާންދާރުކަމުގައި ހުންނެވި ދުވަސްވަރު ޝައްކުކުރެވޭ އެއްވެސް މާލީ މުއާމަލާތެއް ހިންގަވާފައި ނުވާނެ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ ރައްދު ދެއްވައިފި. އަދި ޕާޓީގެ އެކައުންޓުން ޢަބްދުއްރަޙީމްގެ ވިޔަފާރި ބައިވެރިއަކަށް ފަސްލައްކަ ރުފިޔާ ޖަމާކުރި ކަމުގެ މައުލޫމާތު އެމްއެމްއޭގެ ރިޕޯޓުގައިވާ ކަމަށާއި، ބޭނުންވެއްޖެނަމަ އިތުރު ތަފްސީލުތައް ހާމަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް މުސްތަފާ ވިދާޅުވި


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ | ރާއްޖެ އެމްވީ
ޕީޕީއެމްގެ ޚަޒާންދާރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު އެ ޕާޓީއާ ގުޅުންހުރި ޝައްކުކުރެވޭ އެއްވެސް މާލީ މުއާމަލާތެއް ހިންގަވާފައި ނުވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް، ކުރީގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
މުސްތަފާ މި ރައްދު ދެއްވާފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އޭނާ ވަނީ 19 ސެޕްޓެމްބަރު 2024 ގައި އަބްދުއްރަހީމް ދައްކަވާފައިވާ ވާހަކަފުޅެއްގެ ވީޑިއޯއެއް ވެސް އެ ޕޯސްޓާއެކު ހިއްސާކުރައްވާފަ އެވެ.
ކޮންފަދަ ހާލެއްގަތޯ އަޅުގަނޑުމެން އުޅުނީ. ބައި ރުފިޔާ ވެސް ނެތް އަޅުގަނޑުމެންގެ އަތަކު. ފައިސާއެއް ލިބޭނެ ގޮތެއް ވެސް ނެތް. ހުރި ތަނެއްގައި އެބަހުއްޓޭ 500 މިލިއަން ރުފިޔާ. އެކަމަކު އެ ހުރިތާ ހުއްޓާ ދައުލަތުން ޕާޓީއަށް ދޭ ފައިސާއިން ކުރާ ކަންކަމުގެ ވާހަކަ ދެންމެ މުހައްމަދު އިސްމާއީލް އެ ދެއްކެވީ. އޭގެ އެންމެ ރަނގަޅު ތަފްސީލު އެނގިވަޑައިގަންނަވާނީ ކުރީގެ ޗީފް އޮފް ސްޓާފް މުސްތަފާއަށްއެ ވީޑިއޯގައި އަބްދުއްރަހީމް ވިދާޅުވެފައިވޭ
އަބްދުއްރަހީމްގެ މި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން މުސްތަފާ ވިދާޅުވީ، އޭނާ ޕީޕީއެމްގެ ޚަޒާންދާރުކަމުގައި ހުންނެވި ދުވަސްވަރު ޝައްކުކުރެވޭ އެއްވެސް މުއާމަލާތެއްގެ ރެކޯޑެއް ނޯންނާނެ ކަމަށެވެ. އަދި އޭގެ މިސާލެއްގެ ގޮތުން ފާހަގަކުރައްވަމުން މުސްތަފާ ވިދާޅުވީ، ޕީޕީއެމްގެ އެކައުންޓުން އަބްދުއްރަހީމްގެ ވިޔަފާރި ބައިވެރިޔާގެ އެކައުންޓަށް 500،000 (ފަސްލައްކަ) ރުފިޔާ ޖަމާކޮށްފައިވާކަން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެސްޓީއާރު ނަންބަރުގެ 6 ވަނަ ސަފްހާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން، އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލު ބޭނުންވާނަމަ، ދޯނިފަހަރަށް އިންޖީނު އެޅި ފަރާތްތަކާއި ދޯނިފަހަރު ބޭލި މީހުންގެ ތަފްސީލުތައް ވެސް ހާމަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް މުސްތަފާ ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ފަރާތްޕުޅުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.











