ހޫޘީން ހޯދާ ކާމިޔާބީގެ ސިއްރަކީ އީރާނުން ފޯރުކޮށްދޭ ހަތިޔާރާއި އިރުޝާދު!
11 ސެޕްޓެމްބަރު 2026 | ހުކުރު 09:52އީރާނުގެ އަސްކަރީ އެހީތެރިކަމާއެކު ޔަމަނުގެ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގެ ކޮންޓްރޯލް ވަރުގަދަކޮށް، މުހިންމު ސަރަހައްދުތަކެއް ހިފުމާ ގުޅިގެން މަސްރަހު ވަނީ ނުތަނަވަސްވެފައި. މި ހަމަލާތަކާ ދެކޮޅަށް ސައުދީ އަރަބިއްޔާގެ އެހީއަށް ޔަމަނު ސަރުކާރުން އެދުނު ނަމަވެސް، ހޫޘީންގެ ބަދަލުހިފުމުގެ ހަމަލާއަކަށް ފަސްޖެހި ސައުދީ އަރަބިއްޔާއިން ވަނީ ސީދާ އަސްކަރީ ކުރިމަތިލުމަކަށް ދާން ދެކޮޅުހަދާފައި

ޔަމަނުގެ މުޚާ ހިފުމަށް ހިންގި އޮޕަރޭޝަނުގެ ތެރޭގައި، ހޫޘީ ހަނގުރާމަވެރިން އަތުލައިގަތް އަސްކަރީ އުޅަނދުތަކެއް. | އެކްސް
ރަތް ކަނޑުގެ އައްސޭރިފަށުގައި އޮތް ޔަމަނުގެ ސަރަހައްދުތަކަށް މި ހަފުތާގައި ހަތިޔާރު އެޅި ޖަމާއަތްކަމަށްވާ ހޫޘީން ހަލުވިކަމާއެކު ކުރިއަށްޖެހި، ބައެއް ސަރަހައްދުތައް ހިފާފައި ވަނީ އީރާނުގެ ރިވޮލޫޝަނަރީ ގާޑްސް ކޯގެ (އައިއާރްޖީސީ* ސީދާ އިރުޝާދުގެ ދަށުން ކަމަށާއި، މިއީ އެމެރިކާއާ ދެކޮޅަށް އީރާނުން ކުރަމުންދާ ހަނގުރާމައިގައި އާ ފްރަންޓެއް ހުޅުވުމަށް ކުރި ކަމެއް ކަމަށް ޔަމަނު ސަރުކާރާއި، އީރާނު އަދި އެ ސަރަހައްދުގެ މަސްދަރުތަކުން ބުނެފި އެވެ. އަދި، ޔަމަނުގެ ހުޅަނގު ދެކުނުގައި އޮންނަ ބަނދަރު ރަށެއް ކަމަށްވާ އަލް-މުޚާ ހޫޘީންގެ ބާރުގެ ދަށަށް ގެންދިއުމާއެކު، ބާބުލް މަންދަބު ކަނޑުއޮޅީގެ މައްޗަށް އެ މީހުންގެ ބާރު މި ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. މިއީ، އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ކުރިމަތިވެފައިވާ ދަތިތައް އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް މަސްދަރުތަކުން ދެކެ އެވެ.
އީރާނުގެ މަދަދު ލިބޭ ހޫޘީންނާއި އެމެރިކާއާ ދެމެދު ސަރަހައްދީ ފެންވަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ހަ މަސް ފާއިތުވެފައިވާއިރު، ސައުދީ އަރަބިއްޔާގެ ތާއީދު އޮންނަ ޔަމަނު ސަރުކާރުގެ ފައުޖުތަކުން އުތުރުގެ ސަރަހައްދުތަކަށް ސަމާލުކަން ދީގެން ތިއްބާ، ހޫޘީން މިހާރު އަމާޒު ހިފާފައި ވަނީ ބާބުލް މަންދަބް ކަނޑުއޮޅީގެ ކޮންޓްރޯލް ދަމަހައްޓައި އެ ކަން އިތުރަށް ވަރުގަދަކުރުމަށެވެ. އެމެރިކާގެ ގާތް އެކުވެރިއެއް ކަމަށްވާ ސައުދީ އަރަބިއްޔާއަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އީރާނުން މިދިޔަ ހަފުތާގައި ހޫޘީންނަށް އަންގާފައިވާ ކަމަށާއި، އެ ކަމަށް ބޭނުންވާ އިތުރު ފައިސާއާއި، ހަތިޔާރާއި، އިސް އޮފިސަރުން ފޮނުވާނެ ކަމަށް ވައުދުވެފައިވާ ކަމަށް އީރާނުގެ ދެ މަސްދަރަކުން ތުހުމަތުކުރި އެވެ.
ހޫޘީންގެ ހަމަލާތަކާ އީރާނާ އޮތް ގުޅުމުގެ ތުހުމަތު
އީރާނުން ހޫޘީންނަކީ ބައިވެރިއެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، އެ ޖަމާއަތަށް އަސްކަރީ އިރުޝާދު ދޭ ކަމަށް ބުނާ ވާހަކަތައް ތެހެރާނުން ރަސްމީކޮށް ދޮގުކުރެ އެވެ. އަދި، ހޫޘީންނަކީ އީރާނުގެ 'ޕްރޮކްސީ' އެއް ނޫން ކަމަށް ވެސް ތެހްރާނުން ބުނެ އެވެ. ނަމަވެސް، އީރާނުގެ އަސްކަރީ އިސްތިރާޖާ ގުޅޭގޮތުން ހަފުތާތަކެއް ވަންދެން ކުރެވުނު މަޝްވަރާތަކަށްފަހު، ސައުދީ އަަރބިއްޔާއަށް އަމާޒުކޮށް ހޫޘީން ދޭ ހަމަލާތައް އިންތިޒާމު ކުރުމަށް އައިއާރްޖީސީގެ އިސް ކޮމާންޑަރުންތަކެއް ޔަމަނަށް ގޮސްފައިވާ ކަމަށް، ޚާރިޖީ ދާއިރާގެ ބައެއް މަސްދަރުތަކުން ތުހުމަތުކުރެ އެވެ.
ނަމަވެސް އީރާނުގެ އޮފިޝަލަކު ބުނީ، ހޫޘީން ހިމެނޭހެން އީރާނުގެ ބައިވެރިންނާއެކު ބޭއްވި ބައްދަލުވުންތަކަށްފަހު މުޚާ ހިފުމަށް ނިންމީ ހޫޘީން އަމިއްލައަށް ކަމަށެވެ. މި ނިންމުމުގެ ސަބަބުން ތެލުގެ އަގު އުފުލި، އެމެރިކާއާއި ސައުދީ އަރަބިއްޔާއަށް ދަތިތަކާ ކުރިމަތިވުމަކީ އީރާނަށް ލިބުނު ފައިދާއެއް ކަމަށް ވެސް އީރާނުގެ މަސްދަރުތަކުން ބުނެ އެވެ.
ޔަމަނުގެ ދާޚިލީ ހާލަތަށް ބަލާއިރު، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ އަދި ސައުދީ އަރަބިއްޔާގެ ތާއީދު އޮންނަ ސަރުކާރުގެ އަސްކަރީ މަސްދަރުތަކުން ބުނީ، ރަތް ކަނޑުގެ އައްސޭރިފަށުގައި އޮންނަ ތިހާމާ ސަރަހައްދުގައި ހޫޘީން ފެށި އާ އަސްކަރީ ކެމްޕޭން ކުރިއަށް ގެންދަނީ އައިއާރްޖީސީގެ ސީދާ އިރުޝާދުގެ ދަށުން ކަމަށެވެ. އަދި، ވަރުގަދަ ރޮކެޓް ހަމަލާތަކަކުން ފެށި މި ހަރަކާތްތަކާ ގުޅޭގޮތުން، މުވާސަލާތީ މެސެޖުތަކާއި އަތުލައިގަނެވިފައިވާ ހޫޘީ ހަނގުރާމަވެރިންގެ ފަރާތުން ލިބުނު މައުލޫމާތަށް ރިއާޔަތްކޮށް އެ މަސްދަރުތަކުން ބުނީ، އީރާނުގެ މި މަސައްކަތްތައް އިސްކޮށް ބަލަހައްޓަވަނީ އައިއާރްޖީސީގެ އިސް ކޮމާންޑަރެއް ކަމަށްވާ ޢަބްދުއްރިޟާ ޝަހްލާއީ ކަމަށެވެ.
އީރާނުގެ މަސްދަރުތަކުން އެ ކަން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، އައިއާރްޖީސީގެ ހާއްސަ ފައުޖެއް ކަމަށްވާ ގުދުސް ލަޝްކަރުގައި ޚިދުމަތްކުރައްވާ ޝަހްލާއީ ފާއިތުވި އަހަރުތަކުގައި ޔަމަނުގައި ހަރަކާތްތެރިވެފައިވާ ކަމަށް މީގެ ކުރިން ވެސް ރިޕޯޓުކޮށްފައިވެ އެވެ. އަދި، ހޫޘީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތައް ވައިގެ މަގުންނާއި ކަނޑުގެ މަގުން ބަންދުކޮށްފައި އޮތް ނަމަވެސް، ރިވޮލިއުޝަނަރީ ގާޑްސްއަށް ޔަމަނަށް ހަތިޔާރާއި މީހުން ވައްދައި ނެރުމުގެ ގާބިލުކަން އެބައޮތް ކަމަށް އީރާނުގެ މަސްދަރުތަކުން ބުނެ އެވެ. ނަމަވެސް، އެ ކަން ކުރާ ގޮތުގެ އެއްވެސް ތަފްސީލެއް އެ ފަރާތްތަކުން ނުދެ އެވެ.

ހުރްމުޒް ކަނޑުއޮޅީގައި އަޅާފައިވާ އުޅަނދުފަހަރު | އަލް ޖަޒީރާ | އަލް ޖަޒީރާ
އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ ދާރިސެއް ކަމަށްވާ އަހުމަދު ނާޖީ ވިދާޅުވީ، ހުޅަނގު އައްސޭރިފަށުގައި ހޫޘީން ދެމުންދާ ހަމަލާތަކަކީ ކުއްލިއަކަށް ތައްޔާރުވި ކަމެއް ނޫން ކަމަށެވެ. އަދި، މުޚާ ހިފުމަކީ މި ހަނގުރާމައިގައި ހޫޘީންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. މީގެ އިތުރުން، ހޫޘީންގެ އަސްކަރީ ގާބިލުކަން އިތުރުވެފައި ވަނީ އީރާނުން ސީދާ ގޮތުންނާއި އެކި ވަގުފާރި ނެޓްވޯކްތައް މެދުވެރިކޮށް ފޯރުކޮށްދެމުންދާ އާ ހަތިޔާރުތަކުގެ ސަބަބުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. ހާއްސަކޮށް އެންމެ ފަހުގެ ހަމަލާތަކުގައި ޑްރޯން ބޭނުންކޮށްފައިވާ ކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
އަސްކަރީ ހާލަތު އޮތީ ނޭނގުމެއްގެ ތެރޭގައި
ހުސްވި ހަފުތާގައި ހޫޘީން މުޚާއާ ދިމާލަށް ކުރިއަށްޖެހެން ފެށުމާއެކު، ޔަމަނު ސަރުކާރުން ވަނީ ސައުދީ އަރަބިއްޔާގެ އެހީތެރިކަމަށް އެދިފަ އެވެ. މީގެ ތެރޭގައި، ވައިގެ މަގުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށާއި، ހޫޘީންގެ މައި މަރުކަޒުތައް ކަމަށްވާ ސަންޢާ އަދި ތެޔޮ ގުދަންތައް ފަދަ މުހިންމު ތަންތަނަށް ސައުދީ އަރަބިއްޔާއިން ވައިގެ ހަމަލާތައް ދިނުމަށް އެދިފައިވާ ކަމަށް ޔަމަނުގެ ދެ އޮފިޝަލަކު ވިދާޅުވި އެވެ.
ނަމަވެސް، ސައުދީން އިސްކަން ދިނީ ލޮޖިސްޓިކްސްއާއި، ހަތިޔާރާއި، އިންޓެލިޖެންސްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް މަސްދަރުތަކުން ބުންޏެވެ. އަދި، ސައުދީ އަރަބިއްޔާގެ ވައިގެ ހަމަލާތައް އަމާޒުކުރީ ހަމައެކަނި އުތުރުގެ ޖައުފް އަދި މާރިބް ޕްރޮވިންސްގައިވާ ހޫޘީންގެ އަމާޒުތަކަށް ކަމަށް ވެސް މަސްދަރުތަކުން ބުނެ އެވެ. މިއީ، ޔަމަނު ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި ވަގުތަށް މާ މުހިންމު ސަރަހައްދުތަކެއް ނޫނެވެ. އޮފިޝަލުން އަންދާޒާކުރާ ގޮތުގައި، ރިޔާޟުން ހޫޘީންނާއެކު ބޮޑު ކުރިމަތިލުމަކަށް ދާން ބޭނުންނުވަނީ، އެ ކަމުގެ ސަބަބުން ސައުދީ އަރަބިއްޔާގެ ރަށްތަކަށް ހޫޘީން ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު އޮތުމުންނެވެ. އަދި، ރަތް ކަނޑުގެ އައްސޭރިފަށަށްވުރެ ބޮޑަށް އުތުރުގެ ސަރަހައްދުތަކަށް ސައުދީ އަރަބިއްޔާއިން ސަމާލުކަންދޭ ސަބަބާ ގުޅޭގޮތުން ނޫސްވެރިން ކުރާ ސުވާލުތަކަށް ސައުދީ އޮފިޝަލުން ޖަވާބެއް ދީފައެއް ނެތެވެ.
ޔަމަނުގެ އަހުލީހަނގުރާމައިގެ ދަށުން ބަދަލުކުރަމުންދިޔަ ހަމަލާތައް 2022 ވަނަ އަހަރު މެދުކަނޑާލުމަށް އެއްބަސްވި ފަހުން، ޔަމަނުގެ އަސްކަރީ ހާލަތު ވަޒަންކުރަން ދަތިވެފައި ވަނީ ބޮޑެތި ކުރިމަތިލުންތަކެއް މެދުކެނޑިފައި އޮތުމުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އީރާނާއި ސައުދީ އަރަބިއްޔާއިން ވެސް ދަނީ އެ ގައުމުތަކުން ތާއީދުކުރާ ފައުޖުތަކަށް ބޮޑެތި ހަރަދުތަކެއް ކުރަމުން ކަމަށް ވާއިރު، ސަރުކާރަށް ތާއީދުކުރާ އިއްތިހާދުގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ތިހާމާ ސަރަހައްދުގައި މީގެ ކުރިން ހިނގި ހަނގުރާމަތަކުގައި ބިންތަކަށް އަތްގަދަކުރުމާއި ދޫކޮށްލުން އަވަސް އަވަހަށް ބަދަލުވެފައިވީ ނަމަވެސް، މިފަހަރު ސައުދީ އަރަބިއްޔާގެ ތާއީދު އޮންނަ ފައުޖުތަކަށް ހޫޘީން އެ ސަރަހައްދުން ބޭރުކޮށްލެވިދާނެކަން ސާފު ނޫން ކަމަށް ނާޖީ ވިދާޅުވި އެވެ. "ސައުދީ އަރަބިއްޔާގެ ފަރާތުން ބޭނުންވާ އެހީތެރިކަން ލިބިއްޖެނަމަ ސަރުކާރުގެ ފައުޖުތަކަށް ކުރިއެރުންތަކެއް ލިބިދާނެ. އެކަމަކު މި ފަހަރު އެ ކަން ވެދާނެހެން ހީވަނީ ވަރަށް އުނދަގުލުން،" އޭނާ ވިދާޅުވި އެވެ.
މަސްދަރު: އަލް ޖަޒީރާ










