ޔަމަނުގެ މުހިންމު ރަށެއް ކަމަށްވާ މުޚާ ހޫޘީންގެ ބާރުގެ ދަށަށް: މީގެ މުހިންމުކަމަކީ ކޮބައި؟
10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 16:17ޔަމަނުގެ މުހިންމު ބަނދަރެއް ކަމަށްވާ މުޚާ ހޫޘީންގެ ބާރުގެ ދަށަށް ދިއުމާ ގުޅިގެން، އެ ސަރަހައްދުގެ އިންސާނީ ހާލަތު ގޯސްވެ ގިނަ ބަޔަކު ދަނީ ގެދޮރު ދޫކޮށް ހިޖުރަކުރަމުން. އިގްތިސާދީ އަދި އަސްކަރީ ގޮތުން ސްޓްރެޓީޖިކް މި ރަށް ހޫޘީންގެ އަތްދަށަށް ދިއުމަކީ ބާބުލް މަންދަބް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް އެ ޖަމާއަތަށް ލިބުނު ބޮޑު ކުރިއެރުމެއް. މި ހަމަނުޖެހުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ޔަމަނުގެ މުޚާގެ މަލަމަތިން އެންމެ ބޮޑަށް ފާހަގަކުރެވެނީ އެ ރަށުގައި ހުރި ގަދީމީ މިސްކިތެއް | ގެޓީ އިމޭޖަސް
އީރާނަށް ތާއީދުކުރާ ހޫޘީ ހަނގުރާމަވެރިންނާއި ސައުދީ އަރަބިއްޔާއިން އެހީތެރިކަން ފޯރުކޮށްދޭ ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާ ދެމެދު ކުރިއަށްދާ ހަނގުރާމަ ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި، ބުރާސްފަތި ދުވަހު ހޫޘީން ވަނީ ޔަމަނުގެ ބަނދަރުމަތީ ރަށެއް ކަމަށްވާ މުޚާގެ ކޮންޓްރޯލް އަތުލައިގެންފަ އެވެ.
މި ކުރިމަތިލުންތަކާ ގުޅިގެން ސަތޭކައަށްވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ވަނީ ރައްކާތެރިކަން ހޯދުމަށްޓަކައި މުޚާ ދޫކޮށް، ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ ލަހިޖް އަދި އަދަން ޕްރޮވިންސަށް ހިޖުރަކޮށްފަ އެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ތާއިޒް އަދި އަލް-ހުދައިދާ ޕްރޮވިންސްގައި އޮތް އިންސާނީ ކާރިސާ އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ހިނގި ކުރިމަތިލުންތަކުގައި މިހާތަނަށް 20،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.
އަލްޖަޒީރާގެ ޔަމަން އެފެއާޒް އެޑިޓަރު އަހުމަދު އަލް-ޝަލަފީ ރިޕޯޓުކޮށްފައިވާ ގޮތުގައި ހުދައިދާގެ ދެކުނު ސަރަހައްދުތަކާއި މުޚާއިން ގިނަ އަދަދެއްގެ ބަޔަކު ދަނީ ދުބާބް އަދި އަދަންއާ ދިމާލަށް ހިޖުރަކުރަމުންނެވެ.
ކުއްލި ފޭބުމެއް
މުޚާ ހޫޘީންގެ އަތްދަށަށް ދިޔައީ ސަރުކާރަށް ތާއީދުކުރާ ފައުޖުތަކުގެ ދިފާއީ ނިޒާމުގައި ހުރި ބަލިކަށިކަން ހާމަވެގެންދިޔަ ވަރުގަދަ ހަމަލާތަކަކަށް ފަހުގަ އެވެ. އަލް-ޝަލަފީ ބަޔާންކުރި ގޮތުގައި ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން ހޫޘީން ދިޔައީ ތިން ދިމާލަކުން މުޚާއަށް ޕްރެޝަރު ކުރަމުންނެވެ. އެއީ ތާއިޒްގެ ހުޅަނގުންނާއި، ހުދައިދާގެ ދެކުނުން އަދި މުޚާ ސިޓީގެ ތެރެއިންނެވެ.
މުޚާގެ ބޭރު ސަރަހައްދުތަކުގައި ކުރިއަށްދިޔަ ހަނގުރާމަ އިންތިހާއަށް ވަރުގަދަވި އެވެ.
މުޚާގެ ކޮންޓްރޯލް ހޫޘީންނަށް ލިބުމުގައި ދިމާވި އެންމެ މުހިންމު އެއް ސަބަބަކީ، އެ ސަރަހައްދުގައި ތިބި "ނޭޝަނަލް ރެސިސްޓަންސް ފޯސަސް" އިން ހަނގުރާމައިގެ މައިދާން ދޫކޮށް ފޭބުން ކަމަށް އަލް-ޝަލަފީ އާއި ތާއިޒްގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު މަހާ އަލީ ވަނީ ފާހަގަކޮށްފަ އެވެ.

ޔަމަނުގެ ޗާޓު | ގެޓީ އިމޭޖަސް
ނޭޝަނަލް ރެސިސްޓަންސް ފައުޖަކީ ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހުގެ އާއިލީ ބޭފުޅެއް ކަމަށްވާ ތާރިގް ސާލިހުގެ ކޮމާންޑުގެ ދަށުން ހަރަކާތްތެރިވާ ފައުޖެކެވެ. ކުރީގެ ރައީސް ސާލިހު ފުރަތަމަ ހޫޘީންނާ ގުޅިގެން މަސައްކަތް ކުރެއްވި ނަމަވެސް، ފަހުން ހޫޘީން ވަނީ އެމަނިކުފާނު އަވަހާރަކޮށްލާފަ އެވެ. މި ފައުޖަކީ ސައުދީ އިސްވެ އޮންނަ އިއްތިހާދާއި ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޔަމަން ސަރުކާރުގެ މުހިންމު ބައިވެރިއެކެވެ.
އަލްޖަޒީރާ އިން ބުނި ގޮތުގައި ބުރާސްފަތި ދުވަހު ފަތިހު ނޭޝަނަލް ރެސިސްޓަންސް ފައުޖުތައް މުޚާއިން ފޭބުމާއެކު، ހޫޘީން ވަނީ އެ ރަށުގެ ކޮންޓްރޯލް އަތުލާފަ އެވެ. ނަމަވެސް އެ ފައުޖުތައް ފޭބީ އަސްކަރީ ސަފުތައް އަލުން ތަރުތީބުކުރުމަށް ކަމެއް، ނުވަތަ ހޫޘީންގެ ވަރުގަދަ ހަމަލާތަކަށް ކެތްނުކުރެވިގެން ކަމެއް އަދި ސާފެއް ނުވެ އެވެ.
އަލްޖަޒީރާގެ މަހާ އަލީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ތާރިގް ސާލިހު ވަނީ އޭނާގެ ފައުޖުތަކަށް "ޓެކްޓިކަލް" ގޮތެއްގައި ފަހަތަށް ޖެހުމަށާއި، އަލް-ވަޒީޔާ އަދި މަވްޒާ ފްރަންޓުތަކުގައި ހޫޘީން ކުރިއަރަމުންދާތީ އެހެން ސަރަހައްދެއްގައި ކޮމާންޑް ސެންޓަރެއް ގާއިމުކުރުމަށް އަމުރުކުރައްވާފަ އެވެ.
ފުޅާވަމުންދާ ހަނގުރާމަ
މި ހަނގުރާމަ މިހާރު ދަނީ ކަނޑުގެ ސަރަހައްދުތަކަށާއި ދުރުގައި ހުރި އެއްގަމުގެ ސަރަހައްދުތަކަށް ފެތުރެމުންނެވެ. ރޮއިޓާސްއިން ނަން ހާމަނުކުރާ ހަތަރު މަސްދަރަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަތްކަނޑުގެ ސްޓްރެޓީޖިކް ރަށްތަކެއް ކަމަށްވާ ހަނީޝް އައިލެންޑްސްއަށް ހޫޘީން ދަނީ ހަމަލާދެމުންނެވެ.
ހަމައެއާއެކު، އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަރުކާރަށް ތާއީދުކުރާ ފައުޖުތަކުގެ ވައިގެ ސިފައިން ވަނީ ހުދައިދާގެ އަލް-ތުހައިތާ، އަލް-ސަލީފް އަދި ކަމަރާން ރަށުގައި ހުރި ހޫޘީންގެ މަރުކަޒުތަކަށް ހަމަލާދީފަ އެވެ. މީގެ ރައްދުގައި ހޫޘީން ވަނީ ސްޓްރެޓީޖިކް ގޮތުން މުހިންމު ޒުގަރް ރަށަށް ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފަ އެވެ.
އެއްގަމުގައި ކުރިއަށްދާ ހަނގުރާމަވެސް ވަނީ މާރިބް ސަރަހައްދުގައި ވަރުގަދަވެފަ އެވެ. ސަންޢާއިން މާރިބްގެ އުތުރާއި ދެކުނަށް ދަތުރުކުރަމުންދިޔަ ހޫޘީންގެ އިތުރު ފައުޖުތަކަށް އަމާޒުކޮށް ސަރުކާރުގެ ހަނގުރާމަމަތީ ބޯޓުތަކުން ހަމަލާދީފައިވާ ކަމަށް މަހާ އަލީ ބުނެފައިވެ އެވެ.
ދުނިޔޭގެ މުހިންމު މަގު
ޖިއޮގްރަފީ ގޮތުން މުޚާ އޮންނަ ސަރަހައްދުގެ ސަބަބުން، އެ ރަށް ހޫޘީންގެ އަތްދަށަށް ދިއުމަކީ މުޅި ދުނިޔެއަށް އޮތް ކަންބޮޑުވުމެކެވެ. އެ ރަށް އޮންނަނީ ރަތްކަނޑާއި އަދަން ކަނޑު ގުޅުވައިދޭ ބާބުލް މަންދަބް ކަނޑުއޮޅީގެ ގާތްގަނޑަކަށް 75 ކިލޯމީޓަރު އުތުރުގަ އެވެ.
"ގޭޓް އޮފް ޓިއާސް" ނުވަތަ ކަރުނައިގެ ދޮރާށީގެ ނަމުން މަޝްހޫރުވެފައިވާ މި ހަނި ކަނޑުއޮޅިއަކީ ގަލްފް ސަރަހައްދުން ސުއޭޒް ކެނަލް މެދުވެރިކޮށް މެޑިޓެރޭނިއަން ސަރަހައްދަށް ތެލާއި އިންދަނި އުފުލުމަށާއި، އޭޝިއާގެ މުދަލާއި ރަޝިއާގެ ތެޔޮ އުފުލުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް މަގެވެ.
އަލްޖަޒީރާގެ ޔޫސުފް މައުރީ ކިޔައިދިން ގޮތުގައި މުޚާގެ ކޮންޓްރޯލް ލިބުމުން، ބާބުލް މަންދަބް ކަނޑުއޮޅީގެ މައްޗަށް ފުރިހަމަ ބާރު ހިންގުމުގެ ފުރުސަތު ހޫޘީންނަށް ލިބިގެންދާނެ އެވެ.
މީގެ އިތުރުން، މުޚާއާއި ތާއިޒް ގުޅުވައިދޭ މަގާއި މުޚާ ބަނދަރު މެދުވެރިކޮށް ސަރުކާރު ފައުޖުތަކަށް ލިބޭ އެހީގެ މަގުތައްވެސް މިކަމުގެ ސަބަބުން ބަންދުވެގެންދާނެ އެވެ.
ޑިފެންސް ޕޮލިސީ އެނަލިސްޓް ވޮލްފްގޭންގް ޕުސްޓައި އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި މިއީ މި ހަނގުރާމައިގައި އައި ވަރަށް ބޮޑު ބަދަލެކެވެ. އަދި މީގެ ސަބަބުން ޔަމަނުގެ ދެކުނުގައި ތިބި ސަރުކާރުގެ ފައުޖުތައް ބަލިކަށިވެ، ރޫޅިގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.
ޕުސްޓައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުޚާ ބަނދަރަކީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޔަމަން ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮތް އެންމެ ފަހު ބަނދަރެވެ.
މި ކުރިއެރުންތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިނގިރޭސިވިލާތުގެ ފޮރިން ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ތަރުޖަމާނަކު ވިދާޅުވީ މި ކާރިސާގެ ފުރިހަމަ ޒިންމާ ހޫޘީން އުފުލަންޖެހޭނެ ކަމަށާއި، ވަގުތުން ހަމަލާތައް ހުއްޓާލައި ހަނގުރާމަ ފުޅާކުރުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
ކޮފީގެ އަސްލު
މި ސަރަހައްދަކީ ސިޔާސީ ބޮޑު ކާރިސާއެއްގެ މަރުކަޒަކަށް ވުމުގެ މާ ކުރިން، މުޚާއަކީ އަރަބި ކަރައިގެ އެންމެ މުހިންމު ވިޔަފާރި މަރުކަޒެވެ. އަދި މިއީ ދުނިޔޭގެ ކޮފީގެ ވިޔަފާރި ފެށުނު ތަނެވެ. މަޝްހޫރު "މޮކާ ކޮފީ" އަށް އެ ނަން ދެވިފައިވަނީވެސް މި ރަށަށް ނިސްބަތްކޮށެވެ.
ގަދީމީ ހިމްޔަރީ ތާރީޚީ ލިޔުންތަކުގައި "މަޚްން" ގެ ނަމުން ނިސްބަތްކޮށްފައިވާ މި ރަށް، މީލާދީން 517 ވަނަ އަހަރު އަބިސީނިއާ މީހުން ހިފި އެވެ. ނަމަވެސް ފަހުން ހިމްޔަރީ ރަސްކަލެއް ކަމަށްވާ ޛޫ ނުވާސް ވަނީ އެމީހުން އެ ރަށުން ބޭރުކޮށްފަ އެވެ. އުސްމާނީ ހިލާފަތުން މީލާދީން 1536 އާއި 1538 އާ ދެމެދު މި ރަށް ހިފައި، ޕޯޗުގީޒުންނަށް ހަމަލާދިނުމަށް ބޭނުންކުރާ އަސްކަރީ މަރުކަޒަކަށް މި ރަށް ބަދަލުކުރި އެވެ.
އިއްތިފާގުން، ޔަމަނުގެ ކޮފީގެ ރަހަ އެންމެ ފުރަތަމަ ބެލި ޔޫރަޕް މީހުންނަކީ ޕޯޗުގީޒުންނެވެ. އެއީ މުޚާގެ ޝައިޚަކު އެމީހުންނަށް މަރުހަބާ ކިޔައި، "ހަށިގަނޑަށް ތާޒާކަން ގެނެސްދޭ އަދި ސިކުނޑި ހަމަޖައްސައިދޭ ކަޅުކުލައިގެ ބުއިމެއް" ދިނުމުންނެވެ.
ތާރީޚު އިލްމުވެރިން ބުނާ ގޮތުގައި، ސޫފީ އިލްމުވެރިއެއް ކަމަށްވާ އަލީ ބިން އުމަރު އަލް-ޝާޛިލީ ވަނީ އަބިސީނިއާއިން މުޚާއަށް އެންމެ ފުރަތަމަ ކޮފީ ތައާރަފްކޮށްފަ އެވެ.
އުސްމާނީން ވަނީ 1536 ވަނަ އަހަރު މުޚާ ބަނދަރު މެދުވެރިކޮށް ރަތްކަނޑުން ސުއޭޒް އަދި އެލެގްޒެންޑްރިއާއަށް ކޮފީ ބޭރުކުރަން ފަށާފަ އެވެ. އެތަނުން ޔޫރަޕްގެ މީހުންނަށް ކޮފީ ވިއްކި އެވެ. ޑަޗް މީހުން 1628 ވަނަ އަހަރު ކޮފީގެ ފުރަތަމަ ވިޔަފާރި އެއްބަސްވުން ގާއިމުކޮށް، ފަހުން ކޮފީ އޮށްތައް ވަގަށް ބޭރުކޮށްގެން ޖާވާ އަދި އެމެރިކާ ބައްރުގައި ކޮފީ ހައްދަން ފެށި އެވެ.
17 ވަނަ އަހަރުން ފެށިގެން 18 ވަނަ އަހަރާ ހަމައަށް މުޚާ އޮތީ ވަރަށް ތަނަވަސް ދުވަސްވަރެއްގަ އެވެ. ނަމަވެސް 19 ވަނަ އަހަރުގެ ފަހުކޮޅު އުސްމާނީންނާއި އިނގިރޭސިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާއި، އަދަން އަދި ހުދައިދާ ބަނދަރުތައް ކުރިއަރައިގެން ދިއުމުގެ ސަބަބުން މުޚާގެ މަގުބޫލުކަން ކުޑަވި އެވެ.
މި އިގްތިސާދީ ހީނަރުކަމާއެކު މުޚާގެ އާބާދީއަށް ބޮޑު ލޮޅުމެއް އަޔެވެ. 19 ވަނަ އަހަރު 20،000 އެއްހާ މީހުން އުޅުނު މި ރަށުގެ އާބާދީ 1930 ގެ އަހަރުތަކުގައި 1،000 އަށް ތިރިވި އެވެ. ނަމަވެސް ފަހުން އާބާދީ އިތުރުވާން ފަށައި، 2004 ވަނަ އަހަރާ ހަމައަށް އައިއިރު އާބާދީ ވަނީ 10،000 އަށްވުރެ މައްޗަށް އަރާފަ އެވެ.
މަސްދަރު: އަލް ޖަޒީރާ







