މިއަދު ވެރިކަމާ ހަވާލުވެ މިތިބީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓުގައި ހިމެނޭ އެންމެން: ޕާޕާ
10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 04:57ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ވަކިކުރަނީ ވައްކަމުގެ ތުހުމަތުގައި ކަމަށް ބުނާއިރު، އެ ފައިސާ ހޯދުމަށް އެދެވޭ މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވެ ކެޕްޓަން ފަޔާޒް ސަރުކާރަށް ފާޑުވިދާޅުވެއްޖެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މަންފާވާ މަޝްރޫއުތައް ނުހިންގާކަން ފާހަގަކުރައްވައި، ގައުމުގެ އިގުތިސާދީ ހާލަތު ގޯސްވަނީ މިހާރުގެ ސަރުކާރުގެ އިހުމާލުން ކަމަށްވެސް އޭނާ ތުހުމަތުކުރެއްވި


އެމްއެންޑީއެފް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހްމަދު ފަޔާޒް (ޕާޕާ) | ރާއްޖެ އެމްވީ
މިއަދު ވެރިކަމާއި ހަވާލުވެ މިތިބީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި ހިމެނޭ އެންމެން ކަމަށް އެމްއެންޑީއެފް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހްމަދު ފަޔާޒް (ޕާޕާ) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަޔާޒް ވިދާޅުވީ ސަރުކާރު މުއައްސަސާތަކުން މީހުން ވަކި ކުރަމުންދަނީ ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުން ކަމަށް ސަރުކާރުގެ އިސްވެރިން ވިދާޅުވަމުންދާ ކަމަށެވެ. ނަމަވެސް މި މައްސަލަތައް ތަހުގީގު ނުކުރެވި އެއްވެސް ފައިސާއެއް ދައުލަތައް އަނބުރާ ނުލިބެނީ ކީއްވެ ކަމާމެދު ފަޔާޒް ވަނީ ސުވާލު އުފައްދަވާފަ އެވެ.
ދައުލަތައް ޓެކްސްގެ ގޮތުގައި ރައްޔިތުންގެ އަތުން އެތައް ފައިސާއެއް ދެމުންދާކަން ފާހަގަކޮށް ފަޔާޒް ވިދާޅުވީ މި ފައިސާއިން ރައްޔިތުންނަށް ފައިދާވާ އެއްވެސް މަޝްރޫއެއް ސަރުކާރުން ނުކުރާ ކަމަށެވެ. އަދި މި ފައިސާ ބޭނުންކުރުނީ ދައުލަތުގެ އިސްވެރިން ކަމަށް ފަޔާޒް ވަނީ ތުހުމަތު ކުރައްވާފަ އެވެ.
އަޅުގަނޑުމެންނަށް ފެނިގެންދިޔަ ސަރުކާރަށް ފާޑުކިއުމުން ޓަސްލާފަ އެކި މުއައްސަސާތަކުގެ އިސްވެރިން ވަކި ކުރިތަން. މި މީހުން ވަކި ކުރީ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ވައްކަން ކޮށްގެން ކަމަށް ސަރުކާރުން ނުކުމެ ބުނި. އެކަމު ކޮންކަމެއްތޯ ބެލުނީ އެންމެ ލޯ ލާރިއެއް ވެސް ހޯދިއްޖެތޯ. ކިހިނެއްތޯ ލޯ ލާރި ހޯދާނީ މިއަދު ވެރިކަމުގައި މިތިބީ އެމްއެމްޕީއާރްސީގެ ލިސްޓުގައި އޮތް މީހުން. އަޅުގަނޑުމެން މިއަދު ވަރަށް ކަންބޮޑުވޭ. އެއީ ރައްޔިތުން ހެސްކިޔާފަ ޓެކްސް ދައްކާއިރުގަ އަޅުގަނޑުމެން ރައްޔިތުންނަށް އޭގެ ރިޓާންއެއް ނުލިބެއޭ. މި މީހުންގެ ޖީބުތަކަށޭ މި އަޅާލަނީއަހްމަދު ފަޔާޒް (ޕާޕާ)
ރައީސް ޔާމީނުގެ ވެރިކަމުގައި އައިލެންޑް އޭވިއޭޝަންއަކީ އެތައް މިލިއަން ރުފިޔާގެ ފައިދާވި ކުންފުންޏެއް ކަމަށް ފާހަގަކުރައްވައި ފަޔާޒް ވިދާޅުވީ މި ސަރުކާރުން އެތައް އައު މަތިންދާބޯޓުތައް ގެނައި އިރު ވެސް އެ ކުންފުނި މިހާރު ހިނގަމުންދަނީ އެތައް މިލިއަން ރުފިޔާގެ ގެއްލުމެއްގައި ކަމަށެވެ.
ގައުމުގެ އިގުތިސާދަށް މިހާރު މިކުރާ ނޭދެވޭ އަސަރަކީ މިދިޔަ ސަރުކާރުގެ އިހުމާލުން ވެފައިވާ ކަމެއް ކަމަށް ރައީސް މުއިއްޒު ދަނީ ވިދާޅުވަމުންނެވެ. މިކަމަށް ރައްދުދެއްވާ ފަޔާޒް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިދިޔަ ސަރުކާރުން ކޮށްފައިވާ ކަންތައްތައް ހައްލުކުރެވެން ވާނެ ކަމަށެވެ.
ނިމިދިޔަ މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ ކޮރަޕްޝަނުގެ މައްސަލަތައް ބަލައި އެންމެ ފުރިހަމައަށް ތަންފީޒު ކުރާނެ ސަރުކާރު ކަމަށެވެ. ނަމަވެސް މި ހިނގަމުންދާ 2025 ވަނަ އަހަރު އެކަނި ވެސް ސަރުކާރުން ހިންގަމުންދާ ޓައުންޝިޕް މަޝްރޫއު އަދި މާލެ ޓެކްސީ ލައިންގެ މަޝްރޫއުގައި އެތައް ކޮރަޕްޝަންގެ މައްސަލަތަކެއް ވާކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި މި މައްސަލަތައް ވަނީ އޭސީސީއަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް އޭސީސީއިން މިކަމާ ގުޅޭގޮތުން މިހާތަނަށް އެދެވޭ ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.











