އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް 10 ދުވަސް!
9 ސެޕްޓެމްބަރު 2026 | ބުދަ 08:44ފުލުހުންގެ ބެރިކޭޑްތައް ހުރަސްކޮށް މުދަލަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް މުހައްމަދު ޝާމިންގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިފި. އޭނާއާ ދެކޮޅަށް ސީސީޓީވީ ފުޓޭޖާއި އިންޓެލިޖެންސް ރިޕޯޓު ހުށަހަޅާފައިވޭ


އެމްޑީޕީގެ އެކްޓިވިސްޓު، މުހައްމަދު ޝާމިން | ސޯޝަލް މީޑިއާ
މިދިޔަ އޮގަސްޓު މަހުގެ 28 ވީ ހުކުރު ދުވަހުގެރޭ އެމްޑީޕީ އިން ކުރިއަށްގެންދި މުޒާހަރާއަކާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓު، މުހައްމަދު ޝާމިން ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާއިރު އެ އަމުރުގައި ބުނީ އޭނާއަށް ކުރާ ތުހުމަތަކީ ފުލުހުން ޖެހި ބެރިކޭޑް ހުރަސްކޮށް ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަނުމުގެ ތުހުމަތު ކަމަށެވެ.
އެ އަމުރުގައި އޭނާ ހައްޔަރު ކުރާ ސަބަބުގެ ގޮތުގައި ބުނެފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
އޭނާއަށް ކުރާ އިތުރު ތުހުމަތުތަކުގެ ތެރޭގައި، މުދަލަށް ގެއްލުން ދިނުން، ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށް އަދި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުން ހިމެނެ އެވެ.
އޭނާއާ ދެކޮޅަށް ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތަކަކާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާނުގެ އިތުރަށް އިންޓެލިޖެންސް ރިޕޯޓެއް ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.
ޝާމިންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ
ހަމަ އެ މައްސަލައިގައި އެމްޑީޕީގެ ޔޫތު ވިންގުގެ ނައިބު ރައީސް މައިމޫން އަހުމަދު ވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.










