ފަޅުތަކާއި ގިރިތަކާއި ބިންތައް ބަހަމުންދާކަމުގެ ތުހުމަތާއެކު، ކުރީގެ ރައީސް ޔާމީންގެ ބަހުގެ ހަމަލާތަކެއް އޭސީސީ އަދި ފުލުހުންނަށް އަމާޒު ކުރައްވައިފި
2 އޯގަސްޓު 2026 | އާދީއްތަ 07:37މި ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބިންތަކާއި ފަޅުތައް ބަހަމުންދާއިރު، އޭސީސީއާއި ފުލުހުން އެ މައްސަލަތައް އަމިއްލަ އިސްނެގުމާއެކު ތަހުގީގު ނުކުރާތީ ކުރީގެ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. ދައުލަތުގެ މުއައްސަސާތައް ފެއިލްވެފައިވާކަމަށާއި ގައުމުގައި ހިނގާ ޖިނާއީ ކަންކަމުގައި ފިޔަވަޅު ނޭޅޭތީ އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި


ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ
ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހިރާއްޖޭގެ ފަޅުތަކާއި ގިރިތަކާއި ބިންތައް ބަހަމުންދާ ކަމަށާއި ފުލުހުންގެ ޚިދުމަތުންނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އަމިއްލަ އިސްނެގުމުގެ މަތިން މި ކަންކަމުގެ ތަހުގީގު ކުރިއަށް ނުގެންދާތީ އެ ދެ މުއައްސަސާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން އެންމެފަހުން ބޭއްވި ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ޔާމީން ވަނީ އޭސީސީއާއި ފުލުހުންގެ ޚިދުމަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޔާމީން ވިދާޅުވީ މިއަދު މިގައުމުގައި ހިނގަމުންދާ ކޮރަޕްޝަނާއި ޖިނާއީ މައްސަލަތައް ބެލުމުގައި އެ މުއައްސަސާތަކުން އިސްނަގައިގެން މަސައްކަތް ނުކުރާ ކަމަށެވެ.
ރައީސް މުއިއްޒުގެ ކޮރަޕްޝަން ހިންގަވާކަމަށް ތުހުމަތު ކުރައްވައި ޔާމީން ވިދާޅުވީ މި ސަރުކާރުގައި އެއްވެސް ވަރަކަށް އިހުލާސްތެރިކަމެއް ނެތް ކަމަށާއި މިއަދު އިވެނީ ފަޅުތަކާއި ގިރިތަކާއި ބިންތައް ބަހާ ވާހަކަ ކަމަށެވެ.
އަދި ދައުލަތުގެ ހުރިހާ ދިމާލެއްގައި ވެސް ކޮރަޕްޝަން އިންތިހާއަށް ބޮޑު ކަމަށާއި މި ސަރުކާރުގެ ވެރިން ބޭނުންވަނީ ރާއްޖެއަށް ތަރައްގީ ގެނައުމުގެ ބަދަލުގައި، ވެރިކަން ދިފާއުކޮށް، ވަކި ބަޔަކާއި އަދި އެ ފަރާތްކާ ގާތް މީހުންނަށް ބާރާއި ތަނަވަސްކަންމަތީ ދެމިތިބެން ކަމަށް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ އޭސީސީއަކީ އަމިއްލަ އިސްނެގުމުގެ މަތިން މައްސަލަތައް ތަހުގީގުކޮށް، ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ ބާރު ގާނޫނުން ލިބިދީފައިވާ މިނިވަން މުއައްސަސާއެއް ކަމަށެވެ. ނަމަވެސް، މިއަދު ފެންނަނީ އެފަދަ އެއްވެސް ކަމެއް ބަލައިނުލެވި އޮންނަ މަންޒަރު ކަމަށާއި، އެކަމާ މެދު ބޮޑެތި ހިތްހަމަނުޖެހުންތަކެއް ހުރިކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.
އަޅުގަނޑު ވެސް 2013 އިން 2018 އަށް ސަރުކާރެއް ހިންގީމައޭ. ރައީސުލްޖުމްހޫރިއްޔާ ކަމުގައި. މާލެއަކު ނޯންނާނެ މީހުންނަކަށް ބިން ބަހާފައެއް. ނޫނިއްޔާ އަޅުގަނޑު ގާތް ތިމާގެ މީހުންނަށް ރައްޓެހިންނަކަށް ބިން ކަނޑާފައި ދީފައެއް ނޯންނާނެ. އެކަމަކު މިއަދު އެ ނޫން ވާހަކަ އަޑެއް ނީވޭ ނޫންތޯ. މިއަދު އެ ނޫން ވާހަކަ އަޑެއް ނީވޭ. މިއަދު ހައްތަހާސް މިއިވެނީ ތި ކަހަލަ ވާހަކަ. ފަޅުތަކާއި ގިރިތަކާއި އެއްޗެހި މީނާ ހިލޭ ހަމަ ދީފައިނޫންތޯ މިހުރީ. އެހެންވީމާ، ދިވެހިރާއްޖޭގައި ދުވަހަކުވެސް މި ކަންކަމަށް އެޑްރެސްނުކުރެވޭ ކަމަށް ވަންޏާ އެހެން ވެގެން އަޅުގަނޑު އޭސީސީއާ ދޭތެރޭގައި މިހާ ބޮޑެތި ހިތްހަމަނުޖެހުން މި ހުންނަނީ.އަބްދުﷲ ޔާމީން
މީގެ އިތުރުން ޔާމީން ވިދާޅުވީ ފުލުހުންނަކީ ވެސް ޖިނާއީ ކޮންމެ ކަމެއްގައި ވަކި ފަރާތަކުން އަންގައިގެން ނޫން ގޮތަކަށް މައްސަލަ ބަލަންޖެހޭ ބައެއް ނޫން ކަމަށާއި، ހުރިހާ ތަފްސީލެއް ފެންނަން ހުރިއިރު ވެސް އެއްވެސް ފިޔަވަޅެއް ނޭޅޭތީ އެކަމާ ޔާމީން ސުވާލު އުފެއްދެވި އެވެ.
މީގެއިތުރުން ރާއްޖޭގެ ހުރިހާ މުއައްސަސާތައް ފެއިލްވެފައިވާ ކަމަށާއި "ޕްރިވެންޝަން އިޒް ބެޓަރ ދޭން ކިއޯ" ގެ އުޞޫލުން ކަންކަންވިޔަ ނުދިނުމަކީ މުހިންމު ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މިއަދު މުއައްސަސާތަކުން ޒިންމާ އަދާނުކޮށް ކޮރަޕްޝަނަށް ޖާގަ ދީފައިވާތީ، އެ މުއައްސަސާތައް ކުށްވެރިކުރަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.











