ބައިނަލްއަޤުވާމީ ބީޗު ވޮލީ މުބާރާތެއްގައި އިންސާފުކުރި ދިވެހި ފުރަތަަމަ އަންހެން ރެފްރީއަކަށް އާއިދާ
8 ސެޕްޓެމްބަރު 2026 | އަންގާރަ 05:38މުބާރާތުގެ ހަ މެޗެއްގައި އާއިދާ ވަނީ ފަސްޓް ރެފްރީގެ ގޮތުގައި އިންސާފުކޮށްފައި. ފަސް މެޗެއްގައި އޭނާ ވަނީ ސެކަންޑް ރެފްރީގެ ގޮތުގައި މަސައްކަތްކޮށްފައި. ހަމައެހެންމެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގޯލްޑް މެޗާއި، އަންހެން ޑިވިޝަންގެ ބްރޯންޒް މެޗުގައި އާއިދާ ވަނީ ފަސްޓް ރެފްރީގެ ގޮތުގައި އިންސާފުކޮށްފައި


ބޫޓާންގައި ކުރިއަށް ދިޔަ މުބާރާތުގެ މެޗެއްގެ ފަސް ރެފްރީގެ ގޮތުގައި އާއިދާ އިންސާފު ކުރަނީ | ސޯޝަލް މީޑިއާ
ބައިނަލްއަޤުވާމީ ބީޗު ވޮލީ މުބާރާތެއްގައި އިންސާފުކުރި ދިވެހި ފުރަތަމަ އަންހެން ރެފްރީގެ ޝަރަފު، ރާއްޖޭގެ ރެފްރީ އާއިދާ އަބްދުލް ހަކީމް ހޯދައިފި އެވެ.
އާއިދާ ވަނީ ބޫޓާންގައި ކުރިއަށް ދިޔަ ކާވާ ބީޗު ވޮލީބޯޅަ ޓުއާ 2026 ގައި ރެފްރީކަން ކޮށްފައިފަ އެވެ. މުބާރާތުގައި އަށް ޤައުމަކުން ވާދަކޮށްފައިވާއިރު، ފަސް ޤައުމެއްގެ ރެފްރީން ވަނީ މުބާރާތުގައި އިންސާފުކޮށްފަ އެވެ.
މުބާރާތުގެ ހަ މެޗެއްގައި އާއިދާ ވަނީ ފަސްޓް ރެފްރީގެ ގޮތުގައި އިންސާފުކޮށްފަ އެވެ. ފަސް މެޗެއްގައި އޭނާ ވަނީ ސެކަންޑް ރެފްރީގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. ހަމައެހެންމެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގޯލްޑް މެޗާއި އަންހެން ޑިވިޝަންގެ ބްރޯންޒް މެޗުގައި އާއިދާ ވަނީ ފަސްޓް ރެފްރީގެ ގޮތުގައި އިންސާފުކޮށްފަ އެވެ.
ވީއޭއެމްގެ ނައިބު ރައީސްގެ މަޤާމު ވެސް އަދާކުރަމުން އަންނަ އާއިދާ ވަނީ، 2015 ވަނަ އަހަރު ރެފްރީކަމުގެ ޤައުމީ ކޯސް ފުރިހަމަކޮށްފަ އެވެ. އޭގެ ފަހުން ކާވާ ބީޗު ރެފްރީ ކޯސް އާއިދާ ފުރިހަމަކޮށްފައި ވަނީ 2024 ވަނަ އަހަރު އެވެ. އަދި މިއަހަރުގެ މެއި މަހު އާއިދާ ވަނީ އޭވީސީ ކޯސް ވެސް ފުރިހަމަކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން ރާއްޖެ އެމްވީއާ ވާހަކަ ދައްކަމުން އާއިދާ ބުނެފައި ވަނީ، ނޭޝަނަލް ރެފްރީއަކަށްވުމަށް ފަހު ބައިނަލްއަޤުވާމީ މުބާރާތެއްގައި އިންސާފުކުރުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. 2015 ވަނަ އަހަރު ފެށި މަސައްކަތުގައި އެތައް ގޮންޖެހުންތަކެއް ދިމާވި ނަމަވެސް، މިއަދު އާދެވިފައިވާ ހިސާބާ މެދު އުފާވާ ކަމަށް ވެސް އާއިދާ ބުންޏެވެ.
އާއިދާ ބުނީ މިހާ ހިސާބަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކު ކަމަށެވެ. އެގޮތުން އޭނާގެ ފިރިމީހާ އާއި އާއިލާގެ އިތުރުން، ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް އާއި އެފްއައިވީބީ ރެފްރީ ހުސެއިން މުހައްމަދު އަދި އަހުމަދު ސަލީމް (ކުނޑިބެ) އަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށް އާއިދާ ބުންޏެވެ.










